ދުނިޔެ

ބޮޑުވަޒީރު އިމްރާން ހާން ސައޫދީއަށް

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. ޖިއޯ ނިއުސް ޗެނަލުން ބުނީ ބޮޑުވަޒީރު ދަތުރު ކުރައްވާ ތާރީހު އެނގިފައި ނެތް ކަމަށާއި އެކަމަކު ކުޑައީދާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސައޫދީން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަވާފް ބިން ސައީދު އަލްމަލްކީ ވިދާޅުވި ގޮތުން ބޮޑުވަޒީރުގެ ދަތުރުފުޅު އޮތީ ހަމަޖެހިފަ އެވެ. އޭނާ ވިދާޅުވީ އަދި މިވަގުތު ތާރީހެއް ނެތް ކަމަށެވެ.

ބޮޑުވަޒީރު އިމްރާންގެ ދަތުރުފުޅުގައި ސައޫދީ ވަލީއަހުދު ޕްރިންސް މުހަންމަދު ބިން ސަލްމާން (އެމްބީއެސް) އާ ބައްދަލު ކުރައްވާނެ އެވެ. މި ދެބޭފުޅުންނަކީ ވަޓްސްއެޕްގައި ވަރަށް ގާތް ދެ ބޭފުޅުންނެވެ.

އިމްރާން ސައޫދީއަށް ވަޑައިގަންނަވާ ވަކި ބޭނުންފުޅެއް އަދި ނޭނގެ އެވެ. އެހެން ނަަމަވެސް ކުރައްވާފައި ހުންނަ ޓްވީޓްތަކަށް ބަލާއިރު ބެލެވެނީ މިއީ އެމްބީއެސްގެ އިސްލާހީ އެޖެންޑާ އާއި ގްރީން ސައޫދީ ޕްރޮޖެކްޓާ ގުޅުން ހުރި ދަތުރުފުޅެއް ކަމަށެވެ.