ވާހަކަ

ހީނލާގޮތުން

(19 އެޕްރިލް 2021 އާ ގުޅޭ)

ކޯތާފަތުން ދެމިލި ކަރުނައިގެ ރޮނގު އަރީން ނިކަން އަވަހަށް ފުހެލިއެވެ. އެހިތާއި ސިކުނޑި ހާސްކަމުން ފުރިބާރުވެފައި ވެއެވެ. ލައްޕާލެވިފައި ހުރި ބެލްކަނީގެ ދޮރު ކަހާލިކަމުގެ ހިލަންވުމާއެކު އަރީން ދެ ލޮލާއި މޫނު ފުހެލިއެވެ. އެހާ ހެނދުނާ ހޭލާނެ މީހަކަށް އެ އެޕާޓްމެންޓުގައި ހުންނާނީ ފަވާދެވެ.

"އަރީން." ފަވާދު ގޮވާލިއެވެ. ހަރަކާތެއްނުކޮށް އަރީން ހުރިއިރު އޭނާގެ ފަހަތުން ދޮރު ކަނީގައި އަރިއަކަށް ޖެހިލައިގެން ފަވާދު ހުއްޓެވެ. އަރީނަށް ބަދަލުތަކެއް އަންނަމުންދާކަން އޭނާއަށްވަނީ ފާހަގަވެފައެވެ. ސުވާލު ކުރިޔަސް ޖަވާބެއް ދިނުމުގެ ބަދަލުގައި އެހެންވާހަކައެއް އަރީން ފަށައެވެ. ގިނައިރު އޮށޯވެލައިގެން އޮތުމާއި ފިކުރުތަކަށް އަރީން ގެއްލިފައި ހުންނަތަން ފަވާދަށް ފެނެއެވެ.

"މާބޮޑަށް ބަލިވީތަ؟، އަރީނަށް ކަމެއްވެއްޖެ... ކީއްވެ ނުބުނަން ތިހުންނަނީ، އަހަރެން އަރީން ހިތުގައިޖެހޭ ވަރު ކަމެއް އެނގިގެން ނުކުރަން، ރީން، ރޮވެނީ ކީއްވެ؟، އަހަރެންނާ ވާހަކަދައްކަބަލަ، ތިވެގެންއުޅޭ ގޮތެއް ކިޔާދީބަލަ." އަރީން ފަސްއެނބުރި ބަލާނުލުމުން ފަވާދު ވާހަކަދެއްކިއެވެ. މަޑުމަޑުން ކުރިއަށް އައިސް ފަހަތުން އަރީންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ތުންފިއްތާލުމާއެކު އަރީން ޖެހެލީ ފަވާދާ ދުރަށެވެ. ދެން ނިކަން އަވަހަށް ފަވާދަށް މޫނު ނުފެންނާނޭހެން އެނބުރިލައި ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އަރީންގެ ވާހަކަ ސަބީނާގެ ގާތުގައި ބުނަން ފަވާދު ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ މަޑު ކުރަނީ އަރީން ބުނޭތޯއެވެ. ދެމަފިރިންނަށް އެކަކުއަނެކަކާ ޚިއްޞާ ނުކުރެވޭވަރު ކަމެއް އޮވެގެންވާނޭ ފަވާދު ޤަބޫލެއް ނުކުރެއެވެ. އަރީންނަށް އެހީވާން ވެސް މިއަދު އެންމެ ގާތުގައި ހުރި މީހަކީ އޭނާއެވެ.

* * * * *

"ކުދީން ކައިރީ ފާޑުފާޑު ވާހަކަ ދައްކަނީ ކީއްކުރަން، މިދުހަތު ހަނދާންނެތުނީތަ، އަހަރެންނަކީ މީހެއްގެ އަނތްބެއް، ތިން ކުދީން އަހަރެންގެ އެބަތިބި... އެ ދިރިއުޅުން މަތިން ފޫހިވެގެން ނޫޅެން، ކައިވެނިން ބޭރުގައި ނަހަމަ ގުޅުންތަކެއް ހިންގުމުގެ ވިސްނުމެއް ވެސް ނެތް، އަހަރެންގެ ފިރިމީހާ ދެކެ ވަރަށް ލޯބިވޭ، އޭނާއާއި ކުދީން ދޫކޮށްލާފައި އެއްވެސް ފިރިހެނެއްގެ ގާތަށް ނުދާނަން، އަހަރެން މިދުހަތުގެ ގާތުން ކަމަކަށް ބޭނުންވާފަދަ އިޝާރާތެއް ނުކުރަން... ތި ހީކުރާ ހީކުރުންތަކަކީ މިދުހަތު އަމިއްލައަށް ބޭނުންވެގެން އުޅޭކަމެއް، ވިޔާނުދާ ވާހަކައެއް ދައްކާފައެއް ނޯންނާނެ، ފުރަތަމަ ދުވަހު ވެސް ވާހަކަ ދެއްކުނުކަން އެއީ އަހަރެންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް، ޒަޔާންގެ މަންމަގެ ފަރާތުން އަހަރެންނަށް ހުރިހާކަމެއް އެނގިފަ އޮތީ..."

"ނޯޔާ އޭނާއާ މީޓުކުރީތަ؟" މިދުހަތަށް އަހާލެވުނެވެ.

"އޭނާ އަހަރެން ހޯދައިގެން ގޭދޮށަށް އައީ، އޭނާއަށް ވެސް ވަރަށް ބޮޑު އޮޅުމެއް އެރީ، އަހަރެން ވާހަކަ ދެއްކީމަ މިދުހަތު ހީކުރީ އަހަރެން ބޭނުންވަނީ ރައްޓެހިވާންކަމަށޭތަ؟... ޔޫ އާ ރޯންގް، މި ދެމެދުގައި އެކުވެރިކަން ވެސް ބާއްވަން މިހާރު އަހަރެން ބޭނުމެއް ނޫން، އަހަރެންނަށް އުނދަގޫ ކުރާނަމަ މިދުހަތާ ދެން ބައްދަލު ކުރާނީ އަހަރެންގެ ފިރިމީހާ."

ނޯޔާ ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފަ އެވެ. އޭނާ ވާހަކަދެއްކީ ފޯނުންނެވެ. މިދުހަތު ގުޅާވަރުން ކޯލު ނުނަގާ ނުވީ އެވެ. ސްކޫލު ދޮށުން ފެނިގެން މިދުހަތު ގޮވާލުމުން ނޯޔާ އަޑު ނީވޭ ކަމަށް ހެދީއެވެ. ވާހަކަދައްކަން ބޭނުން ނުވާތީ އެވެ. އެވަރުން ވެސް މިދުހަތު ހުއްޓާނުލީ އެވެ. އެވަގުތު އެޕާޓްމެންޓަށް އައިސް ވަނީ ރިދާނެވެ. ނޯޔާއަށް ނިކަން އަވަހަށް ރިދާނަށް އަންނާށޭ ބުނާ ފަދައިން އަތުން އިޝާރާތްކޮށްލި އެވެ.

"މީނައާ ވާހަކަ ދައްކަބަލަ... އެއްކަލަ މީހާ..." ނޯޔާ ވައި އަޑުން ރިދާން ކައިރީ ބުނެލި އެވެ. އެއާއެކު ވަގުތުން ނޯޔާގެ ފޯނުގައި ރިދާން ހިފިއެވެ.

"ހިތާވާ ހިތުން ތިއުޅެނީ މަގޭ އަންހެނުންނާ." ރިދާން ވާހަކަ ދެއްކި އެވެ. އޭނާއަށް މާގިނަ އެއްޗެއް ނުބުނެވުނެވެ. މިދުހަތު ފޯނުކޯލު ކަނޑާލީ އެވެ.

"ކީކޭ ކީ؟" ރިދާން ފޯނު ދެމުން އަހާލި އެވެ.

"އޭނާއަށް ލައިކްވެވުނީއޭ ބުނީ، އަހަރެންމީ މީހެއްގެ އަނތްބެއްކަން ރަނގަޅަށް އެނގޭނެ، އެކަހަލަ ފިރިހެނުން ދެކެ ވަރަށް ފޫހިވޭ، އަހަރެންނަށް މިސްޓޭކެއް ހެދުނީ، އޮނެސްޓް މިސްޓޭކެއް އެއީ... އަލަށް ކުއްޖަކު ގޮވައިގެން ސްކޫލް ދޮށަށް ދިޔައީ." ނޯޔާ ދެއްކި ވާހަކައިން ރިދާންގެ ނަޒަރު ނޯޔާއަށް ހުއްޓިފައި ވިއެވެ.

"އަހަރެންނަށް ވެސް މިސްޓޭކެއް ހެދުނީ، ރީތިކޮށް އަހާލުމުގެ ބަދަލުގައި ފުރަތަމަ ވެސް ޝައްކުކޮށް އިލްޒާމު އެޅުވުނީ، އެކަމަކު ދެން އެހެނެއް ނުވާނެ، ކޮންއިރަކުން އަސްލަންބެ އަންނަނީ." ރިދާން އަހާލި އެވެ. ނަމަވެސް އޭނާއަށް ނޯޔާ ކޮނޑު އުފުލާލި ގޮތާއި އެ މޫނުން ޝައުގެއްނެތް ފަދަ އަސަރެއް ފެނުނީތީ ވަރަށް ބޮޑަށް ހައިރާންވި އެވެ.

"ނޯޔާ... އަސްލަންބެ ގުޅާފަ ނުބުނޭތަ؟" ރިދާން ދެވަނަ ސުވާލެއް ކޮށްލި އެވެ.

"ރިދާން ކަމަކުތަ؟" ގަސްދުގައި ރިދާންގެ ސުވާލަށް ޖަވާބު ދޭން ނޯޔާ ބޭނުން ނުވީއެވެ. އެކަން ރިދާން ދެނެގެންފި އެވެ.

"މަޑުކޮށްބަލަ... މިތާ އިށީންނަން އާދެބަލަ." ރިދާން ބުނީ ސީރިއަސްވެފަ އެވެ.

"ކީއްކުރަން؟ މިދަނީ އަނުމް ފެންވަރުވަން..."

"ނޯޔާ، ޕްލީޒް... އިހަށް އާދެބަލަ، ވާހަކައެއް ދައްކަން ވެގެން." ކާމޭޒު ދޮށުން ގޮނޑިއެއް ބޭރަށް ޖައްސާލަމުން ނޯޔާއަށް އެ ގޮނޑި ރިދާން ދައްކާލީ ލޮލުގެ އިޝާރާތުންނެވެ. ބޭނުންނުވެފައި ހުރި ގޮތަކަށް ނޯޔާ އައިސް މޭޒުދޮށުން އެހެން ގޮނޑިއެއްގައި އިށީނެވެ. އެއާއެކު ރިދާން ވެސް އިށީނެވެ.

"ކިހިނެއްވީ؟ އަސްލަންބެއާ މައްސަލަ ޖެހުނީތަ؟ ލޫނާގެ ވާހަކަ ބުނީއްސުރެ ނޯޔާ އަބަދު ފެންނަނީ ދެރަވެފަ ހުންނާތީ... ސްޓޮޕް، އިހަށް އަހަރެން ވާހަކަ ދެއްކިޔަ ދީ..." ނޯޔާ ވާހަކަދައްކަން އުޅުމުން ރިދާން ކަނާއަތް ހިއްލާލިއެވެ.

* * * * *

"ﷲ ގަންދީ ހުވާމިކުރީ، ލޫނާގެ ވާހަކަ އަހަރެން ކައިރީ އަސްލަން ދައްކައިފިނަމަ، ނުހުންނާނެ ނުބުނެ... ހުރިހާ ކަމެއް ކިޔާ ދޭނަން، އަހަރެން މިހުންނަނީ ވަރަށް ފޫހިވެފަ، ވަރަށް ރުޅި ވެސް އައިސްފަ، މި ރަޙުމަތްތެރިކަން ސަލާމަތްކޮށް، ލޫނާއަށް ވިސްނައި ދޭން އަހަރެން ވަރަށް މަސައްކަތްކޮށްފިން، ތިހުރީ ހެޔޮ ވިސްނުން ގެއްލިފަ، އަހަރެން... އަހަރެން ދުޢާ ކުރާނަން ލޫނާ ތިކުޅޭ ކުޅިވަރު ކާމިޔާބުނުވޭތޯ، މިކަހަލަ އެއްޗެއް ނުބުނަމެންނު ކުރިއަކުން، ދުލުގައި ހިފާ ދަމާވަރުން މިބުނީ... ކޮންކަހަލަ ވިޔާނުދާ ވާހަކައެއް ތިދެއްކީ... ބަލަ އެއީ އޭނާގެ ކޮއްކޮއޭ، ބޭބެގެ އަނބިމީހާކަން ނޭނގޭހާ ވިޔާނުދާ ފިރިހެނެއްނޫން އެއީ، އަސްލަންގެ ހިތުގައި ވަހުމް އުފައްދަންކަން އެނގޭ ކަލޭ އެ ނުބައި ވާހަކަދެއްކީ، ތީ ކޮންކަހަލަ އަންހެނެއް." ރުޅި އައިސްފަ ހުރިވަރިން ހުސެންގެ އަޑު ވެސް ބާރެވެ. މީހަކަށް އިވިދާނޭތީ މިފަހަރު އޭނާ ފަހެއް ނުޖެހެއެވެ. އިވުނިއްޔާ އިވުނީއެވެ. އޭނާއަށް ވަރިހަމައެވެ. ރަނގަޅީ ވެސް ލޫނާ މިކުޅޭ ނުބައި ކުޅިވަރުގެ ކަންތައް ފަޅާއެރުމެވެ.

"އެއީ ޒުވާން ޖޯޑެއް، އެ ދެ މީހުން މާގުޅޭ... އަސްލަންގެ ކުދީން ބަލަން ކޮންމެހެން މީހަކާ އިންނާކަށް ނުޖެހޭ، ހުސެން ރުޅި އައިސްއައިސް ހުރޭ... އަހަރެން އަސްލަން ހޯދާނަން، ނޯޔާ އެއީ ކާކުތަ؟ އެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް... އަސްލަން ނުދެކޭ އެއީ އަނތްބެއް ކަމަކަށް، އެހެންނޫންނަމަ ދެމީހުން ދެ ތަނުގަ ނުނިދާނެ."

"ކަލޭގެ ދުލުގެ ނުބައިކަމާ... އަސްލަންގެ ދިރިއުޅުމުގެ ވާހަކަ އޭނާ މީހެއް ގާތު ނުދައްކާނެކަން، މީ ދުވާލު ފަދައިން އަހަރެން ޔަގީންކުރަން." ހުސެންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

"މަބުނިންތަ އަސްލަންއޭ ބުނީ... އެ ދެމީހުން ކައިރި ނުވާކަން މަށަށް ވެސް ޔަގީން."

"ތީ ހަމަ ލޫނާތަ؟ ނޫނީ ލޫނާގެ ސިފައިގަ ހުރި ޝައިތާނެއްތަ؟ މައިރާއަކީ ކަލޭގެ އެންމެ ގާތް އެކުވެރިޔާއޭ ބުނި، ކަލޭ އޭނާއަށް ދައްކާނީ ކޮންމޫނެއް، މިތަނުގައި އުޅެ މަރުވެ ދިއުމުން ކަލޭ ހީކުރަނީ އެއީ ނިމުންކަމުގަތަ؟ އަހަރެމެންގެ މެދުގައި އޮތް އެކުވެރިކަމަށްވީ ކިހިނެއް؟ ތިހާ އަމިއްލަ އެދުން ބޮޑުވެ ޖާހިލުވީ ކޮންއިރަކު؟" ހުސެން ބަލަން ހުރި ގޮތުން ހީވަނީ އަޖައިބުވެ އަންތަރީސްވެފައި ހުރި ހެންނެވެ.

"އަސްލަންގެ ލޯބި ހޯދާ އޭނާގެ އަނތްބަކަށްވާން ބޭނުންވުމަކީ އަހަރެންގެ އަމިއްލަ އެދުން ބޮޑުވެ ޖާހިލުންވުން ކަމަށް ވަންޏާ، އެކަމާ ފަރުވާލެއްނެތް، ހުސެންއާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން." ލޫނާ ހިނގައިގަތެވެ. ދަތްކުނޑިވިކާލި ގޮތަށް ހުސެން ދެއަތްތިލަ ކޮށްޕާލީ ފަޓުލޫނުގެ އަރިމަތީ ޖީބަށެވެ. ދެއަތްތިލަ މުއްކަވާލައިގެން ހުރެ އޭނާ ފުންކޮށް ދެތިން ނޭވާ ލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލީ ދެނެވެ.

* * * * *

"ރިދާން..." ނޯޔާގެ އަޑު ކުރެހުނެވެ. އޭނާ ވަގުތުން ގޮނޑިން ތެދުވި އެވެ. ބަދިގޭ ސިންކު ކައިރީ އައިސް މަޑުކޮށްލި އެވެ. ރިދާން ތެދުވެގެން އައިސް ނޯޔާގެ ގާތުގައި މަޑުކޮށްލި އެވެ. ތިރީ ކަބަޑު ސެޓުގައި އޭނާ ލެނގިލިއެވެ.

"ސޮރީ... ޕްލީޒް ނުރޮއްޗޭ، އަސްލަންބެ ގާތު އަހަރެން އެވާހަކަ ނާހާ ނޯޔާގެ ގާތު ދެއްކުނީ، އެއީ ވިސްނާނުލާ ކުރެވުނު ކަމެއް، އަސްލަންބެ ގާތުން ކޮންފާމް ކުރެވުންނަމަ ޔަގީންވާނެ." ރިދާން ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

"އަހަރެން... އަހަރެން ލޯބިވޭ އަސްލަންދެކެ." ނޯޔާ ބަލާލި އެވެ. އެ ދެ ލޯ ފެނުނު ހިނދު ރިދާންގެ މެޔަށް ތޫނު ކައްޓެއް ހެރުނު ފަދައެވެ. ފެންކަޅިވެފައިވާ އެ ދެ ލޮލުން އަސްލަންއާ ވަކިވާން ނޯޔާ ބޭނުންނުވާވަރު ރިދާން ދުށްޓެވެ.

"ޔޫ އާ އަ ސްޕެޝަލް ގާލް... އަސްލަންބެއަށް." ރިދާން މަޑުމަޑުން ބުނެލި އެވެ. އެހިނދު ނޯޔާ މަޑުމަޑުން ބޯ ހޫރުވާލި އެވެ. ރިދާން ބުނި ވާހަކައާ އޭނާ އެއްބަސްނުވަނީއެވެ. ރިދާން ހައިރާންވިއެވެ.

"ލޫނާ..." ނޯޔާ އިސްޖަހާލިއެވެ. ވަގުތުކޮޅަކަށް ހިމޭންވުމަށްފަހު ނޯޔާ ވާހަކަދެއްކިއެވެ. އަސްލަންއާއެކު ދަތުރުގައި ލޫނާ ދިޔަކަމާއި، އެ ދެމެދުގައި ގުޅުމެއް އޮތްކަން ބުނެދޭން ލޫނާ މަސައްކަތް ކޮށްފައިވާކަން ނޯޔާ ބުންޏެވެ. ރިދާންގެ ހަރަކާތްތައް ހުއްޓުނެވެ. ބުނާނީ ކީކޭކަމެއް އޭނާއަށް ނުވިސްނުނެވެ. އެހެންވިޔަސް ހިތާއި ސިކުނޑީގައި ޚިޔާލުތައް އުތުރިގަތެވެ. ހަޤީޤަތުގައި ވެސް ލޫނާއާއި އަސްލަންއާ ދެމެދު ގުޅުމެއް އޮތީބާއޭ ރިދާންގެ ޟަމީރާ ސުވާލު ކުރެވުނެވެ. އަތް ހިއްލާލެވުނީ ނޯޔާގެ ކޮނޑުގައި ހިފަހައްޓާލާށެވެ. ނަމަވެސް ރިދާން ފަސްޖެހުނެވެ. ނޯޔާގެ ހަށިގަނޑުގައި އޭނާ އަތްލައިގެން ނުވާނޭކަން އެނގޭތީއެވެ.

"އެ ދުވަހުވެސް ޤަބޫލުކުރަން ދަތިވި، މިހާރު ވެސް ޤަބޫލުކުރަން ދަތި... އެކަމަކު އަހަރެންނަށް ފެނުނު ކަންތަކާއި ނޯޔާ އެ ދެއްކި ވާހަކައިން... ކީކޭ ބުނާނީ، އަސްލަންބެ ކީއްވެ؟ ނޯޔާ ލޯބިވާވަރު އެ ދެ ލޮލުން އެބަފެނޭ، އަހަރެން ދޮގުކުރަން ބޭނުން، އެކަމަކު އަހަރެން ދޮގުކުރުމަކުން އެއީ ދޮގަކަށްނުވާނެ... އެ ހިތް އަސްލަންބެއަށް ލެނބި ނިމިއްޖެ." ހިމޭންވެ ހުއްޓަސް ރިދާންގެ ހިތުގެ އަޑު ގަދައެވެ.

މަންމާއޭ ގޮވަމުން މަލްސާ ދުވެފައި އައެވެ. ނޯޔާ ނިކަން އަވަހަށް ދެ ލޯ ފުހެލި އެވެ. އެނބުރިލިއިރު ސާރާއާ ދެބެން ކައިރީގަ ތިއްބެވެ. އަތުގައި އޮތް ކަރުދާސް ދެބެން ދައްކާލިއެވެ. ބައްޕަ އަންނަންވާއިރު އެ ދެކުދީން މަރުޙަބާގެ ކާޑެއް ތައްޔާރު ކުރަނީއެވެ. ނޯޔާ ވެސް ބޭނުންވަނީ ހޫނު މަރުޙަބާއެއް ފިރިމީހާއަށް ކިޔާށެވެ. ނަމަވެސް ގަޔާނުވެ ހުރެ ދެއްކުންތެރިކަމުގެ ޢަމަލެއް ކުރަން ބޭނުންނުވަނީއެވެ. ހިތް ކިލަނބުވެފައި ވަނިކޮށް ހިނިތުންވާނީ ކިހިނެއް ހެއްޔެވެ. ދެ ލޮލާ ނިދިވަކިވެ ތުރާދޭ އެއްޗެއް ކަމުގައި ކަރުނަ ވެއްޖެއެވެ. ހިތްވަރު އެލި ގޮތް ހުސްވެދާނޭކަމުގެ ބިރާއެކު ﷲ އާ ކުއްތަންވުން އިތުރުވިއެވެ. އެކަލާނގެ ފިޔަވާ ނަފްސަށް ހަމަޖެހުން ދެއްވާނެ ފަރާތެއް ނެތެވެ. ކުރިމަތިވާ މުސީބާތުން މިންޖުކޮށްދެއްވުމަށް އެދި ދެންނެވުންވަނީ ހަމަ އެފަރާތަށެވެ.

އިރުއޮއްސުނު ފަހުން އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެވަނީ އަސްލަން އެވެ. ނޯޔާ ދުށުމަށް އޭނާ ކެތްތެރިކަން ކުޑަވެފައި ހުރި ފަދައެވެ. ނަމާދު ދޮޅި އަޅައިގެން ޤުރުއާން ކިޔަވަން ސޯފާތަކުގެ މެދުގައި އޮންނަ ރަގުމަތީ ތިބި ދެބެން ފުންމައިގެން ތެދުވި އެވެ. ނޯޔާ އިނީ އަނުމް އުރާލައިގެންނެވެ. އޭނާ ފެންނަނީ ތަފާތުކޮށެވެ. އެހެންޏާ ދެ ނަމާދު ދޭތެރޭ ފެންނަ ގޮތާ ހިލާފެވެ.

"މީ ޑެޑީއަށް... މަލް ކުރެހީ، ކުލަވެސް ޖައްސާފަ..." ފަތްޖަހާލާފައި އޮތް ގަނޑު އަވަހަށް އަސްލަންއަށް ދިއްކޮށްލަމުން މަލްސާ ބުންޏެވެ.

ދެބެން ތައްޔާރު ކުރި ކާޑު ބަލަމުން އަސްލަން އެތެރެއަށް އައެވެ. ސަލާމް ގޮވާލިއެވެ. ނޯޔާ ސަލާމް ބަލައިގަތެވެ. ކައިރީގަ އުޅުނު ދެބެން ވެސް އެފަދައިން ކަންތައް ކުރިއެވެ. ނޯޔާގެ ނަޒަރު އަސްލަންއާ އަމާޒެއް ނުކުރި އެވެ. އެ ރީތި ޖާދުވީ ހިނިތުންވުމުން ލޯބިވެތި އިޝާރާތެއް ނުކުރިއެވެ. އަސްލަންއަށް ފާހަގަވި އެވެ. އޭނާގެ ސަމާލުކަން ބޭނުން ވެގެން އުޅޭ ދެ ކުދީން އެއްފަރާތް ކުރަން އަސްލަން ބޭނުން ނުވީއެވެ. ފުރަތަމަ އެ ކުދީންނަށް ވަގުތު ދިނެވެ. ކުދީން ހަމަޖެހުމުން އޭނާ ނޯޔާއާއެކު ވަގުތު ހޯދާނެ އެވެ.

* * * * *

އެންމެ ގާތް އެކުވެރިޔާ ކައިރީ ވެސް އަރީނަށް ހަޤީޤަތް ހާމަކުރާކަށް ނުކެރުނެވެ. ދެކުދީންގެ ބައްޕައަށް އަރީންގެ ފަރާތުން ފެންނަ ޢަމަލުތަކާއި އަސަރުތަކަކީ ބަނޑުބޮޑުކަމުގެ ނިޝާނެއްކަން އެނގެން ގިނަދުވަހެއް ނުނަގާނޭކަން އެނގެއެވެ. އެހެންވިޔަސް ކުރީބައިގަ ބުނާކަށް އޭނާއަށް ލާހިކު ކުޅަދާނައެއްނޫނެވެ. ކުރިން އިހްސާސް ނުކުރެވޭ އެތައް ކަމެއް މިހާރު އަރީނަށް ވިސްނި އިހްސާސް ކުރެވެއެވެ. ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހާސްވެގެންނެވެ.

"އަރީން..." ފާޚާނާގައި ޓަކި ދިނީ ފަވާދެވެ.

ބިލިގާ ތެރެއަށް އެރި އިން އަރީން ކޮޅަށް ތެދުވީ ނިކަން އަވަހަށެވެ. ކުއްލިއަކަށް ތެދުވެވުނު ގޮތުން ބޮލަށް ބަރުވެލިއެވެ. ލޯމަތިން މަންޒަރުން އެނބުރިގަތް ހެން ހީވިއެވެ. ވެއްޓެން އުޅުން ދެ ކަކޫ އަވަހަށް ޖެއްސިއެވެ. އަލުން ބިލިނގާގައި އޭނާ އިށީނީއެވެ. ދެވަނަ ފަހަރަށް ފަވާދު ގޮވާލިއެވެ. ޖަވާބެއް ދެވޭ ގޮތެއް އަރީނަށް ނުވިއެވެ. ދެ ލޯ މަރާލައިގެން ބޮލުގައި ހިފަހައްޓާލައިގެން އޭނާ އިނެވެ. ފާޚާނާގެ ދޮރު ހުޅުވާލުމާއެކު ފަވާދު އެތެރެއަށް ވަނެވެ.

"ރީން..." ކަންބޮޑުވުމާއެކު ފަވާދަށް ގޮވާލެވުނެވެ.

"މި ނުކުންނަނީ އިރުކޮޅަކުން." އަރީން ބުނެލިއެވެ.

"ދެޓްސް އިނަފް، ހިނގާ އަހަންނާއެކު ޑަކްޓަރަށް... މިއަދު ޖެހޭނީ ދާން." ފަވާދު ހަރުކަށި ކަމާއެކު ބުނެލިއެވެ.

"ނުދާނަން." ރުންކުރުކަމާއެކު އަރީން ބުނެލިއެވެ.

ފަވާދު އައިސް އަރީންގެ ހިކަނދިމަސްގަނޑުގައި ހިފާލި އެވެ. އެ އަތުގައި އަރީން އުފުލާލާނޭ ވަރު ހުންނާނޭކަން އަރީނަށް އެނގެއެވެ. އަރީން ދެކޮޅު ހަދަނިކޮށް ފަވާދު އޭނާ ކޮޅަށް ނަގައިފިއެވެ. ދެފިޔަވަޅެއް އަޅާލަންވީއިރު އަރީންގެ ހެޔަށް ގިތްވިއެވެ. މުޅިތަން އެނބުރި ގަތުމާއެކު އޭނާގެ ދެ ލޯ މެރުނީއެވެ. އަތްދަނޑި މައްޗަށް އަނބިމީހާ ނަގައިގަނެގެން ގެނެސް އެނދުގައި ބޭއްވިއެވެ. މަންމަގެ ފޯނަށް ފަވާދު ވަގުތުން ގުޅިއެވެ.

ލިފްޓުން ނުކުތް ގޮތަށް ދުވަމުން ކަހަލަ ގޮތަކަށް ސަބީނާ އައިސް އަރީންގެ އެޕާޓްމެންޓަށް ވަނެވެ. އޭނާ އައިސް ކޮޓަރިއާ ހަމަވީއިރު ހުޅުވާފައި ހުރި ދޮރުން އަރީންގެ ބޮލުގައި ފެންފޮދެއް ހާކަން ހުރި ފަވާދު ފެނިއްޖެއެވެ.

"ކިހިނެއްވީ؟" ސަބީނާ ވަގުތުން ސުވާލު ކުރިއެވެ.

"ނޭނގެ... މިހެން އުޅޭތާ ދެ ހަފްތާވަރު މިވީ، ވާގޮތެއް ނުބުނޭ... ޑަކްޓަރަށްދާކަށް އެއްބަހެއްނުވޭ، މަންމާ!، އެ ދެބެން ކައިރީ މަޑުކޮށްލަދެވިދާނެތަ، އަރީން ގޮވައިގެން އަހަރެން މިދަނީ ހޮސްޕިޓަލަށް." ފަވާދު ބުންޏެވެ. ސަބީނާ ބޯޖަހަމުން ވާހަކަދެއްކިއެވެ.

"އާން! އާން!... އަވަހަށްދޭ... މަންމަ ހުންނާނަން، އެމްބިއުލާންސަކަށް ގުޅަންވީނު، ޚަބަރު ހުސްވެފަ އޮއްވާ ކިހިނެއް ގެންދާނީ." ސަބީނާ ބުންޏެވެ.

"ގުޅައިފިން... ނަސީބަކުން ވަރަށް އަވަހަށް ހަމަޖެހިއްޖެ." ފަވާދު ބުންޏެވެ. (ނުނިމޭ)