އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ވަނީ "ދާއިރާތަކުގެ އިންތިހާބު 2021" ގެ ޓައިމްލައިނެއް އާންމުކޮށްފައެވެ.

އެޕާޓީން ބުނީ ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާއިރު އެ ދުވަހު ވޯޓާސް ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށައެޅުމަށްވެސް ހުޅުވާލާނެ ކަމަށެވެ. އަދި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ލިސްޓަށް ހުށައަޅާ ޝަކުވާތައް ބަލައިގަންނާނެ ކަމަށެވެ.

ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯމް މެއި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ބަލައިގަންނާނެ އެވެ.

މެއި ނުވަވަނަ ދުވަބު ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލާއިރު އެ ފުރުސަތު 12 ވަނަ ދުވަހު ހަވީރު ހަތަރެއް ޖެހުމާއެކު ބަންދު ވާނެ އެވެ. އަދި ހަމަ އެ ދުވަހު ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް، ކެންޑިޑޭޓުންގެ ނަންބަރާއެކު އިއުލާނު ކުރާނެ އެވެ.

އެމްޑީޕީން ބުނީ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ މެންބަރުންނަށެވެ.

އެތެރޭގެ އިންތިހާބަށް ހުޅުވާލުމާއެކު މިއަދުން ފެށިގެން މެއި މަހުގެ 29 ގެ ނިޔަލަށް ޕާޓީން މެމްބާޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށް އެކި ދާއިރާތަކަށް އެ ޕާޓީގެ މެންބަރުން ވަނީ ކެންޕެއިން ފައްޓަވާފައެވެ.