އިސްލާމިކް މިނިސްޓްރީ

ސައުދީގެ އިތުރު ރޯދަ ހަދިޔާއެއް

Apr 20, 2021

ސައުދި އަރަބިއްޔާއިން ހަދިޔާކުރި އިފްތާރު ޕެކޭޖުތަކާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހަވާލުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިތަކެއްޗާ ހަވާލުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ނިކަމެތި އާއިލާތަކަށް ހަދިޔާކުރުމަށް ހަވާލުކޮށްފައިވަނީ 290 އިފްތާރު ޕެކޭޖެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިކަމެތި އާއިލާ ތަކަށް އެހީވުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކާއި ގުޅިގެން ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހަފްތާ ނިމުމުގެ ކުރިން ޕެކޭޖުތައް ބަހާލުމަށް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ ސައުދީގެ ޕެކޭޖު ލިބުނީ ރާއްޖޭގެ ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީކޮށްފައި މީހުންގެ އަދަދަށް ވުރެ މާބޮޑަށް މަދުން ކަމަށްވާތީ މިޕެކޭޖްތައް ބެހުމުގައި މީހުން މަދުން ތިބޭ އާއިލާތަކަށް އިސްކަންދޭނެ ކަމަށެވެ.

ސައުދީ ސަރުކާރުން ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ހަދިޔާ ކުރާ ކަދުރު މިއަހަރު ވެސް ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ. އެގޮތުން މިއަހަރު 25 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާތީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10،944 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކަދުރު ޕެކެޓެއް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ކައުންސިލްތަކާ ގުޅިގެން މާލެ އާއި އަތޮޅުތަކުގައި މިހާރު ދަނީ ކަދުރު ބަހަމުންނެވެ.