ލައިފްސްޓައިލް

އަލަށް އިސްލާމްވީ މީހަކު ރޯދަ ނުހިފޭތީ ހިތް ހަލާކުވެފައި

އެލެކްޒެންޑާ ގެބްރިއަލް އަކީ ޔޫއޭއީގެ ޑުބާއީގައި މަސައްކަތްކުރާ އިނގިރޭސި ވިލާތު މީހެކެވެ. އޭނާ އިސްލާމްވީތާ އަދި ވީ ދެ ތިން އަހަރެވެ. ނަމަވެސް އިސްލާމް ވުމަށް ފަހު ވެސް ގެބްރިއަލް އަށް ރޯދަ ހިފެން ނެތްކަން އެނގުން ވެފައި ވަނީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތާމަ އަކަށެވެ.

ޑުބާއީގެ ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ގެބްރިއަލް އަކީ އެޕިލެޕްސީ ނުވަތަ ވެއްޓޭބަލި ހުންނަ މީހެކެވެ. ގައިން ކުޑަކޮށް ވެސް ފެން މަދުވާއިރަށް އޭނާއަށް ފިޓް ޖެހެން ފަށަ އެވެ. އޭނާ އަލަށް އިސްލާމް ދީން ޚިޔާރުކުރި އަހަރު ކަމަށްވާ 2014 ގައި ވެސް އޭނާ ރޯދަ ހިފަން މަސައްކަތް ކުރި އެވެ. އޭރު އޭނައަކީ މިސުރުގެ ސްކޫލެއްގެ ޓީޗަރެކެވެ.

"އެފަހަރު ރޯދަ މަހު އަހަންނަށް އެއްގޮތަކަށް ވެސް ރޯދަ ހިފޭ ގޮތެއް ނުވި. އެޕިލެޕްސީގެ ސަބަބުން އަހަރެންނަށް ރޯދަޔަށް ހުރެވުނީ މެންދުރެއްހާއިރު ވަންދެން. ދެން ފިޓް ޖެހެން ފަށައި ވަރަށް ބޮޑުވަރުވި. ޑޮކްޓަރު ވިދާޅުވަނީ ޑިހައިޑްރޭޝަންގެ ސަބަބުންނޯ ފިޓް ޖެހެނީ،" ގެބްރިއަލް ބުންޏެވެ.

ގެބްރިއަލް ބުނި ގޮތުގައި ރޯދަ ނުހިފޭނެކަން އެނގުން ވެގެން ދިޔައީ ލިބުނު ބޮޑު ޝޮކަކަށެވެ. އަދި އަލަށް އިސްލާމް ދީން ހިޔާރުކުރި ނަމަވެސް އިސްލާމް ދީނުގެ ފަސް ރުކުނުން ރުކުނެއް އަދާ ކުރަން އޭނާ ނުކުޅެދޭކަން އެނގުމުން ހިތް ކުދިކުދި ވިއެވެ.

ނަމަވެސް ރޯދަ ނުހިފުނަސް ގެބްރިއަލް އެކަން ނެގީ ވަރަށް ޕޮޒިޓިވް ކޮށެވެ. ރޯދަ ނުހިފުނަސް އެ މަހު އޭނާއަށް ކުރެވުނުހާ ހެޔޮ ކަންތައްތަކާއި ރަނގަޅު ކަންތައްތަކެއް ކުރަން އޭނާ ކަމަރު ބަނެވެ.

"ނަސީބަކުން އަހަރެން މަޝްވަރާ ހޯދާ ޝެއިހް އަހަރެންނަށް ކިޔައިދިން ވާހަކަތަކުން އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހުނު. ޝެއިޚް ވިދާޅުވި ރަމަޟާން މަހު ކުރަން ޖެހޭ ކަމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫނޭ. އެ މަހުގައި ވަރަށް ގިނަ ހިކުމަތްތައް އެކުލެވިގެންވެއޭ،" ގެބްރިއަލް ބުންޏެވެ.

ގެބްރިއަލް އާއި އަންހެނުން ހަނާ އަދި ދެ ކުދިން ކަމަށްވާ ލޫނާ އާއި ރޯމަން އަށް ރޯދަމަހަކީ ގޭތެރޭގައި ވަރަށް ތަފާތު ކަންތައްތަކެއް ކުރާ މަހަކަށް ވަނީ ވެފަ އެވެ. އަހަރެންގެ އެޕިލެޕްސީ ހުންނާތީ ރޯދަ ނުހިފުނަސް ވަރަށް ފުރިހަމައަށް މި މާތް މައްސަރުގެ ހެޔޮކަން ހޯދަން ގެބްރިއަލް އާއި އާއިލާއިން މަސައްކަތް ކުރެ އެވެ.

އޭނާ ބުނި ގޮތުގައި ދަރިންނަށް އިސްލާމް ދީނުގައި ހުރި ރިވެތި ކަންކަން ދަސްކޮށްދީ އެކަންކަން ކުރަން އާދަކުރަން ރޯދަމަހު އޭނާ އާއި އަންހެނުން އިތުރަށް މަސައްކަތް ކުރެ އެވެ.

ގެބްރިއަލްގެ އަންހެން ދަރިފުޅު ލޫނާ އަށް އަދި އެންމެ ހަތަރު އަހަރެވެ. ނަމަވެސް މިހާ ކުޑައިރުވެސް އެހެން މީހުންނަށް ދީލަތިކަމާއެކު އެހީ ފޯރުކޮށްދިނުމުގެ މުހިއްމުކަން ލޫނާއަށް ވަނީ ދަސްވެފަ އެވެ. ޗެރިޓީގެ ގޮތުން ކުރެވޭނެ ކަންތައްތަކާއި މީހުންނަށް އެހީފޯރުވުމުގެ ގޮތުން ކުރެވިދާނެ ކަންކަން މިހާރު ވެސް ލޫނާ އަށް އެނގެ އެވެ.

"އުމުރުން ދެ އަހަރުއްސުރެ އަހަރެމެންގެ ޗެރިޓީ މަސައްކަތްތަކުގައި ލޫނާ އެހީތެރިވެދޭން ފަށައިފި. އަހަރެމެން ކޮންމެ ގައުމެއްގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނަސް އެ ދިރިއުޅޭ މުޖުތަމައަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް އަހަރެމެން ކޮށްދެން،" ގެބްރިއަލް ބުންޏެވެ.

އެ މީހުން ބެންކޮކްގައި ހޭދަކުރި ދުވަސްތަކުގައި މައިންބަފައިން ބެހި ޕާރުސަލުތައް ޓެކްސީ ޑްރައިވަރުންނަށް ފޯރުކޮށްދިނުމުގައި ލޫނާ ހަރަކާތްތެރިވި އެވެ. ދޯހާގައި ތިބިއިރު ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންނަށް ތަކެތި ބެހިއިރު ލޫނާ ވެސް އެ ތަކެތި ބެހުމުގައި އުޅުނެވެ. އަދި ޑުބާއީގައި އެމީހުން އެހީފޯރުކޮށްދިނި ސެކިއުރިޓީ ގާޑުންނަށެވެ.

އިންގްލެންޑްގެ އެސެކްސްއަށް ނިސްބަތްވާ މި އާއިލާއަށް މިއަހަރު މާ ބޮޑު ޗެރިޓީ މަސައްކަތެއް ނުކުރެވުނެވެ. ސަބަބަކީ ސޯޝަލް ޑީސްޓެންސިން އަށް ސަމާލުކަން ދޭން ޖެހޭތީ އެވެ.

ނަމަވެސް ރޯދަމަހަށް ޚާއްސަކޮށް ލޫނާ ޚާއްސަ ކަލަންޑަރެއް ތައްޔާރު ކޮށްފައި ވެއެވެ. އެ މަހުގެ ދަރުމަ އާއި ސަވާބު ހޯދުމަށް ކޮންމެ ދުވަހަކުވެސް ކުރާނެ ކަންތައްތަކެއް ލޫނާގެ ކަލަންޑަރުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މައިންބަފައިން ޗެރިޓީ އަށް ހަދިޔާކުރަން ތައްޔާރުކުރަ ފުޑް ޕާރުސަލްތައް ތައްޔާރުކުރުމުގައި ލޫނާ މައިންފައިންނަށް އެހީވެ އެވެ. އަދި ގެބްރިއަލްގެ އުންމީދަކީ ހަގު ދަރިފުޅު ރޯމަން ވެސް ތަންކޮޅެއް ބޮޑުވުމުން މި މަސައްކަތުގައި އެމީހުންނަށް އެހީތެރިވާނެ ކަމަށެވެ.

"އެޕިލެޕްސީ އަކީ އެ ބައްޔާ އެކު ދިރިއުޅެން އެހާ ފަސޭހަ ބައްޔެއް ނޫން. އެހެންވެ ﷲ ދެއްވި ހަޔާތާ މެދު އިންތިހާއަށް ޝުކުރުވެރިވަން. އަދި ދީނީ ކަންކަން ދަސްކުރަން ވި ވަރަކުން މަސައްކަތް ކުރަން. އަހަރެންގެ ދަރިން ވެސް ބޮޑުވެގެން މިގޮތަށް އުޅޭނެކަމަށް އަހަރެން އުންމިދުކުރަން،" ގެބްރިއެލް ބުންޏެވެ.

މިއީ ޑުބާއީގައި ގެބްރިއަލް ހޭދަކުރާ ދެ ވަނަ ރޯދަ މަހެވެ. މި މަހު މުސްލިމު ގައުމުތަކުގައި މީހުން އުޅޭ ގޮތް ފެނިފައި ވެސް ގެބްރިއަލް ހައިރާންވެ އެވެ. އެ ގައުމުތަކުގެ މީހުންގެ ކިބައިން އެ ފެންނަ ދީން ވެރިކަމާއި މަޑުމައިތިރި ކަމަކީ ރޯދަ މަސް މުސްލިމް ގައުމެއްގައި ހޭދަކުރަން ގެބްރިއަލް އެންމެ ޝައުގުވެރިވާ އެއް ސަބަބެވެ.