ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބައްޕައަށް ކޮވިޑް ޖެހުމުން ދަރިފުޅު ފިލައިފި

ކޮވިޑް-19 އިގެ ބާރުގަދަ ދެވަނަ ރާޅަކާ އިންޑިއާއަށް ކުރިމަތިވެފައިވާއިރު ބަލި މީހުންނަށް އެހީތެރިވުމުގައި އެ ގައުމުގެ ފުލުހުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ފުރާނައަށް ވެސް ބެލުމެއް ނެތި ރެޔާ ދުވާލު މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިއްލީގެ ކޮންސްޓަބަލް އެއްގެ ގޮތުގައި މަސައްކަތްކުރާ ފުލުހަކު އުމުރުން 80 އަހަރުވީ މީހަކަށް ފޯރުކޮށްދިން އެހީތެރިކަން އެނގިގެން ގިނަ ބަޔަކު އެމީހާއަށް މިހާރު ތައުރީފު ކުރަމުން އެބަދެ އެވެ.

މިދިޔަ ހޯމަ ދުވަހު މި ކޮންސްޓެބަލް ވަނީ ކޮވިޑް-19 ޖެހި ބަލިވެފައި ހުރި ދުވަސްވީ މީހަކު އާއިލާއިން ނުބެލުމުން އެމީހާއާ ހަވާލުވެ އޭނާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެން އޭނާއަށް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިފަ އެވެ.

ޑިއުޓީގައި ވަރަށް ބުރަކޮށް އުޅެމުން ވެސް ރާޖޫ ރާމް ކިޔާ މި ކޮންސްޓެބަލް ވަނީ 80 އަހަރުގެ މީހާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް އޭނާ އެތަނުގައި އެޑްމިޓް ކުރުވައި އަދި އޭނާއަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދީ އޭނާ ބަލަހައްޓާފަ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ގެ ރިޕޯޓެއް ބުނާ ގޮތުގައި 80 އަހަރުގެ މުރަލީދަރް އަކީ ދިއްލީގެ އޯލްޑް ރާޖެންދުރަ ނަގަރް އޭރިއާގައި ދިރިއުޅޭ މީހެކެވެ. އާއިލާއާއެކު ތިން ބުރި ގެއެއްގައި ދިރިއުޅޭ މުރަލީދަރް އަށް ކޮވިޑް ޖެހުނުކަން އެނގުމާއެކު އޭނާގެ ދަރިފުޅާއި އާއިލާގެ އެހެން މީހުން އޭނާ އެކަނި ބާއްވާފައި ފިލީ އެވެ.

މާ ދުރު ހިސާބެއްގައި ދިރިއުޅޭ މުރަލީދަރްގެ އަންހެންދަރިއަކަށް މިކަން އެނގުމުން ފުލުހުންނަށް ފޯނު ކުރީ އޭނާ އެވެ. އޭނާގެ ބައްޕަ ވަރަށް ގަދަޔަށް ހުން އައިސް ބަލިވެފައި އޮތް ކަމަށް އެ އަންހެންމީހާ ފުލުހުންނަށް އެންގި އެވެ. ކޮވިޑް ބަލި މަޑުކަމުގެ ސަބަބުން ޚުދް އޭނާއަށް ވެސް ބައްޕަ ކައިރިއަށް ދެވެން ނެތް ކަމަށް އަންހެންމީހާ ބުނި ކަމަށް ވެއެވެ.

މި ފޯނު ކޯލު ލިބުމުން މުރަލީދަރް އަށް އެހީތެރިވުމަށް ރާޖޫ ރާމް އަވަސްވެ ގަތެވެ. ނަމަވެސް އެގެޔާ ހަމައަށް ދެވުމުން ރާޖޫ އަށް ލިބުނީ ޝޮކެކެވެ. އެ ގޭގެ ބޭރު ފާރުގައި މުރަލީދަރް ލިޔެ ތަތްކޮށްފައިވާ ލިޔުމެއް ހިއްޕާފައި ހުއްޓާ ފެނިގެންނެވެ. އެ ލިޔުމުގައި ވަނީ އޭނާ މަރުވުމުން ހަށީގަނޑު ފުލުހުންނާ ހަވާލު ކުރުމަށެވެ.

މުރަލީދަރް ހޮސްޕިޓަލަށް ގެންދަން ވެސް ރާޖޫއަށް ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. ސަބަބަކީ ދަރިން ކަންތައް ކުރި ގޮތުން މާޔޫސްވެގެން ގޮސް މުރަލީދަރްގެ ނަފްސާނީ ހާލަތު ގޯސް ވެފައިވާތީ އޭނާ ނުދާން ގަދަ ހަދާތީ އެވެ.

ނަމަވެސް ރާޖޫ ވަރަށް ނަސޭހަތް ދީގެން މުރަލީދަރް އެންމެ ފަހުން ހޮސްޕިޓަލަށް ދާން އެއްބަސްވުމުން އެމްބިއުލެންސް ގެނެސްގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ވެސް މުރަލީދަރް ކައިރީ ރާޖޫ ވަރަށް ގިނައިރު އުޅުނުކަމަށް ވެއެވެ. ކޮވިޑް ބަލިމީހުން ކައިރީ އުޅޭއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.