ދުނިޔެ

"ނަވަލްނީއާބެހޭ އެއްވެސް މައުލޫމާތެއް ޖަރުމަނަކުން ނުދޭ"

ރަޝިއާގެ އިދިކޮޅު ލީޑަރު އެލްކްސީ ނަވަލްނިއަށް ޒަހަރުދިން ކަމަށް ބުނެ ފަރުވާހޯއްދަވަން ޖަރުމަނަށް ވަޑައިގެން އުޅުއްވިއިރު ހިނގާދިއަ އެއްވެސް ކަމަކާ ބެހޭ ގޮތުން އަށްމަސް ދުވަސް ފާއިތުވިއިރު ވެސް، ޖަރުމަނާއި ފްރާންސް އަދި ސްވިޑަންއިން ރަޝިއާއަށް އެއްވެސް މައުލޫމަތެއް ފޯރުކޮށްދީފައި ނުވާ ކަމަށް 'އޮގަނައިޒޭޝަން ފޮ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް' އަށް ރަޝިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އެލެގްޒެންދަރު ޝުލްގިން ވިދާޅުވެއްޖެ އެވެ.

ނަވަލްނީގެ ބަލިހާލު ދެރަކަމަށް ފުރަތަ ރިޕޯޓްކުރެވުނީ އޮގަސްޓް 20، 2020 ގައި ޑޮމެސްޓިކް ދަތުރުފުޅެއްގައި އުޅުއްވަނިކޮށެވެ. އޭނާއަށް އަވަސް ފަރުވާދެއްވުމަށް ސާބިއާގެ ސިޓީއެއް ކަމަށްވާ އޮމްސްކްގެ ހޮސްޕިޓަލަކަށް ގެންދެވުނެވެ. ލޯކަލް ޑޮކްޓަރުންނާ ހަވާލާދީ އެއިރު އެނގިފައި އޮތީ ނަވަލްނީއަށް ދިމާވެފައި ވަނީ ހަޖަމުކުރުމުގެ މައްސަލައެއް ކަމެވެ. ޒަހަރުގެ އެއްވެސް ވާހަކައެއް އެއިރު ނުދައްކަ އެވެ.

ދެދުވަސް ފަހުން ޖަރުމަނަށް ބާލިންގެ ހޮސްޕިޓަލަކަށް ނަވަލްނި ގެންދެވުނެވެ. އެއަށް ފަހު ލަސްތަކެއް ނުވެ ޑޮކްޓަރުން ވިދާޅުވި ކަމަށް ޖަރުމަނުން ބުނީ އޭނާއަށް ނޮވިޗޮކް ގުރޫޕްގެ ވިހައެއް ދީފައިވާ ކަމަށެވެ.

ނަވަލްނީގެ ހަށިގަނޑަށް ވިހައިގެ އަސަރުކޮށްފައި ހުރި ނަމަ ތަފްސީލު ފޯރުކޮށްދޭ ރަޝިއާއިން އެތައް ފަހަރަކު އެދުމުން މިހާތަނަށް އެކައްޗެއްވެސް ދީފައިނުވާ ކަމަށް ރަޝިއާއިން ބުނެ އެވެ.

ރަޝިއާއިން ބުނީ ނިވަލްނީއަށް ޒަހަރުދިނީ ރަޝިއާއިން ކަމަށް ބުނެ ކުށްވެރިކުރާ ބަޔަކަށް ހެކިދެއްކިފައި ނުވާ ކަމަށާއި ޔޫރަޕްގެ ގައުމުތަކަށް ވެސް އެކުރެވެނީ ކުށެއް ކަމަށެވެ.
އެލެގްޒެންދަރު ޝުލްގިން ވިދާޅުވީ ރަޝިއާއަކީ އިންސާނެއްގެ ހަށިގަނޑުގައި ވިހަ ހުރިކަން ދެނެގަންނަން ނޭނގޭ ވަރުގެ ގައުމެއް ނޫން ކަމަށާއި ފުރިހަމަ ހެކި ދައްކައި ސާބިތުކޮށްދިނުމުން މެނުވީ ކުށްވެރިވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ޖަރުމަނުގައި ފަރުވާ ފުރިހަމަކުރެއްވުމަށް ފަހު ނަވަލްނީ މޮސްކޯއަށް ވަޑައިގަތީ މިއަހަރު ޖެނުއަރީގަ އެވެ. އަދި އެއާޕޯޓުން ނަވަލްނީ ހައްޔަރުކޮށް މިހާރު ހުންނެވީ ޖަލުބަންދުގަ އެވެ.