ހަބަރު

ޕެންޝަނާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް

ދޮށީ އުމުރުގެ މީހުންނާއި ސިފައިންނާއި ފުލުހުންނަށް ނޫނީ ޕެންޝަން ނުލިބޭ ގޮތަށް ހަމަޖައްސަން ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން އެވެ.

ބިލް ހުށަހެޅުއްވީ ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ހަރަދުކުރުމުގެ އިންތިޒާމުތައް ހަަމަޖެއްސުމުގެ ގޮތުން ކަަމަށް ޝިޔާން ވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި ބުނެފައިވަނީ އެ ބިލް ގާނޫނަަކަށް ވުމުން ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަނަށް ނިމުން އަންނާނެ ކަމަށެވެ.

އަލަށް ގެންނަ އިސްލާހުގެ ދަށުން ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި ބަލާނީ ރިޓަޔާކުރުމުގެ ގާނޫނާ ގުޅިގެން އެ ގާނޫނުން ނުވަތަ އެހެން ގާނޫނެއް ނުވަަތަ ގަވައިދެއްގެ ދަށުން ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކުން ވަޒީފާއަކުން ވަކިވުމުން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހާ ޕެންޝަން އަދި އިނާޔަތްތަކެވެ. އެއާއެކު 20 އަހަރު ނުވަތަ 40 އަހަރުގެ މުއްދަތަށް ހިދުމަތް ކުރުމުން މިހާރު ލިބޭ ޕެންޝަނަށް ނިމުން އަންނާނެ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް ކުރިން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ލިބެމުން ދިޔަ އެހެނިހެން ޕެންޝަން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕެންޝަން އޮފީހުން ފޯރުކޯށްދޭން ޖެހޭނެ އެވެ.

އެހެނިހެން ޕެންޝަންތައް ހުއްޓާލަން ނިންމި ނަމަވެސް އަދިވެސް އަސާސީ ޕެންޝަން ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެ އެވެ. ނަަމަވެސް އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބް ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މީހަކު އެ މަގާމުގައި ދެމި ހުންނަ މުއްދަތަށް އަސާސީ ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށްވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ.

ހަމަ އެގޮތަށް ދައުލަތުގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުންދާ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަން ދެން އެމީހަކަަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށް ވެސް ވަނީ ހުށަހަޅާފަ އެވެ.