ރާއްޖޭގައި މިހާރު އޮތް ޕެންޝަން ސްކީމުން އިންވެސްޓް ކުރެވޭ ދާއިރާތައް އިތުރު ކުރަން ދިރާސާތައް ކުރަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން ސްކީމުން މިހާރު އިންވެސްޓް ކުރެވެނީ ވަކި ދާއިރާތަކަކަށެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ދޫކުރާ ސެކިއުރިޓީސް ލައިސަންސް ލިބިގެން ހިންގާ ސްޓޮކް އެކްސްޗޭންޖާއި ރަސްމީކޮށް ވިއްކަމުންދާ ވިޔަފާރިތަކުގެ ސެކިއުރިޓީސް އާއި، ރާއްޖޭގައި ހުއްދަ ލިބިގެން ހިންގާ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑް ތަކެވެ.
ވަކި ދާއިރާތަކެއްގައި އިންވެސްޓް ކުރެވޭ ގޮތަށް އުސޫލު ހަމަޖައްސާފައި އޮންނަނީ ޕެންޝަން ފައިސާގެ ރައްކާތެރި ކަމަށެވެ. ނަމަވެސް ގާނޫނުގައި ހުއްދަ ކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް ޕެންޝަން ސްކީމުގައި ހިމެނޭ މެމްބަރުންނަށް ލިބޭ ފައިދާ އިތުރު ކުރެވޭނެ ގޮތްތައް ހޯދަން މިހާރު މަސައްކަތް ކުރާ ކަމަށް އެ އޮފީހުން ބުންޏެވެ.
"އިތުރު ދާއިރާތަކުގައި އިންވެސްޓްކޮށް ސްކީމްގެ މެމްބަރުންނަށް އިތުރު އިންވެސްޓްމަންޓް ޗޮއިސްތައް ދެވޭ މިންވަރަށް އިންވެސްޓް ކުރުމުގެ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިންވެސްޓް ކުރެވޭ ދާއިރާތައް އިތުރު ކުރުމަށް ކުރަން ޖެހޭ ދިރާސާތައް ދަނީ ކުރަމުން،" އަވަސް އަށް މައުލޫމާތު ދެއްވަމުން މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ޕެންޝަން ފަންޑުން އިންވެސްޓް ކުރެވޭ ދާއިރާތައް އިތުުރު ކުރަން މަސައްކަތް ކުރާއިރު ސަރުކާރުގެ ފަރާތުން ދާދި ފަހުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވުމުން ބިލް މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމް އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ދައުލަތުގެ ފައިސާ ހަރަދު ކުރުމުގެ އިންތިޒާމެއް ހަަމަޖެއްސާށެވެ. އޭގައިވާ ގޮތުން ބިލް ގާނޫނަަކަށް ވުމުން ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަނަށް ނިމުން އަންނާނެ އެވެ.
ޕެންޝަން އޮފީހުން ބުނީ މަޖިލީހަށް އެ ބިލް ހުށަހެޅުމުގެ ކުރިން އެ އެފީހާ މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް ބިލް އަނބުރާ ގެންދިޔަ ފަހުން އެ އޮފީހާ އަދި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.