ޕެންޝަން އޮފީސް

ފާޑު ކިޔުންތަކާ ގުޅިގެން ޕެންޝަން އިސްލާހުތައް ނަގައިފި

ޕެންޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެ ބިލް އަނބުރާ ގެންގޮސްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.

ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ހަރަދުކުރުމުގެ އިންތިޒާމުތައް ހަަމަޖެއްސުމަށް ކަމަށް ބުނެ ޕެންޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ގެންގޮސްފި އެވެ.

ޝިޔާން "އަވަސް" އަށް ވިދާޅުވީ އެ ބިލް އަނބުރާ ގެންދިޔައީ މިއަދު ކަމަށެވެ. ނަމަވެސް އެކަމާ އެ ބިލަށް އަމާޒުވި ފާޑުކިޔުންތަކާ އެއްްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ހަމަ ކޮންމެ ބިލަަކަށް ވެސް ފާޑުކިޔުން އަމާޒުވާނެ ދެއްތޯ. ބިލް އަނބުރާ ގެންދިޔައީ ކުރިން ފާސްކޮށްފައިވާ ގާނޫނުތަކާ ފުށުއެރުންތަކެއް ހުރުމުން. ދެން އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސް އޮފީހާ ދެމެދު މަޝްވަރާކުރުމަށް ފަހު ރައީސް އޮފީހުން އެދުނީ ބިލް އަނބުރާ ގެންދަން،" ޝިޔާން ވިދާޅުވި އެވެ.

މިބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރުމުގެ އިންތިޒާމުތައް ހަަމަޖެއްސުމުގެ ގޮތުން ކަަމަށް ބިލްގައިވެ އެވެ. މިދިޔަ ބުދަ ދުވަހު އެ ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވައި ބަހުސް ފެށުމާއެކު އިދިކޮޅު ބައެއް މެންބަރުންގެ އިތުރުން ޝިޔާން ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.

މިބިލްގައިވާ ގޮތުން މި ބިލް ގާނޫނަަކަށް ވުމުން ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަނަށް ނިމުން އަންނާނެ އެވެ. އަލަށް ގެންނަން ހުށަހެޅި އިސްލާހުގެ ދަށުން ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި ބަލަން ނިންމީ ރިޓަޔާކުރުމުގެ ގާނޫނާ ގުޅިގެން އެ ގާނޫނުން ނުވަތަ އެހެން ގާނޫނެއް ނުވަަތަ ގަވައިދެއްގެ ދަށުން ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކުން ވަޒީފާއަކުން ވަކިވުމުން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހާ ޕެންޝަން އަދި އިނާޔަތްތަކެވެ. އެއާއެކު 20 އަހަރު ނުވަތަ 40 އަހަރުގެ މުއްދަތަށް ހިދުމަތް ކުރުމުން މިހާރު ލިބޭ ޕެންޝަނަށް ނިމުން އަންނާނެ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް ކުރިން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ލިބެމުން ދިޔަ އެހެނިހެން ޕެންޝަން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕެންޝަން އޮފީހުން ފޯރުކޯށްދޭން ޖެހެ އެވެ.

އެހެނިހެން ޕެންޝަންތައް ހުއްޓާލަން ނިންމި ނަމަވެސް އަސާސީ ޕެންޝަން ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެ އެވެ. އެކަމަކު އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މީހަކު އެ މަގާމުގައި ދެމި ހުންނަ މުއްދަތަކަށް އަސާސީ ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށްވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ. ހަމަ އެގޮތަށް ދައުލަތުގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުންދާ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަން ދެން އެމީހަކަަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށްވެސް ވަނީ ހުށަހަޅާފަ އެވެ.