ރައީސް އަބްދުﷲ ޔާމީން

ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުގެ ސަޕޯޓަރުން މަގުތަކަށް

ޖަލުގައި ހުންނެވި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިވަގުތު ތިބީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައި ބޮޑު ތަކުރުފާނު މަގުގައެވެ. މި އިހުތިޖާޖުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުން ގެންދަނީ ބައިވެރިވަމުންނެވެ.

އިހުތިޖާޖުގެ ބައިވެރިން ތިބީ ރައީސް ޔާމީންގެ މޫނު ސިފަކޮށްދޭ މާސްކު އަޅައިގެންނެވެ.

އިހުތިޖާޖު ކުރިއަށް ގެންދަން ނިންމާފައި ވަނީ އެކި މަގުތަކުގައި ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ. ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުން އެކި ހިސާބުތަކުގައި ބެރިކޭޑް ބަހައްޓާ މަގުތައް ބަންދުކޮށްފައެވެ. އަަދި ގިނަ އަދަދެއްގެ ފުލުހުން ޝީލްޑް ހިފައިގެންވެސް މަގު ބަންދުކޮށްގެން އެބަތިއްބެވެ.

މިރޭގެ އިހުތިޖާޖާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.

މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރިއަށް ގެންދަން ފުރުސަތު ނުލިބުމުން ޕީޕީއެމްގެ އޮފީސް ކުރިމަތީ ދެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން މަގުތަކަށް ނިކުނަން ޖެހުނީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދާތީ ކަންބޮޑުވެގެން ކެތްނުކުރެވިގެން ކަމަށެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ރައީސް ޔާމީންގެ މޫނުފުޅު ސިފަވާ މާސްކު އަޅައިގެން ތިބީ އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަންކޮށް އެމަނިކުފާނުގެ ހަނދާން އައުކުރުމުގެ ގޮތުން ކަމަށެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

"މިފަދަ ރަމަޟާން މަަހެއްގައި އެފަދަ މައުސޫމް ބޭފުޅަކު [ރައީސް ޔާމީން] ޖަލުގައި ބަންދުކޮށްގެން ގެންގުޅެން ހެޔޮ ނުވާނެ. އަޅުގަނޑުމެން މިރޭ ނިކުތީ އެކަމާ ކަންބޮޑުވެގެން ކެތްނުކުރެވިގެން،" އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ނުހައްގުން ރައީސް ޔާމީނަށް އަނިޔާ ދެމުންދާއިރު އިދިކޮޅު ދެ ޕާޓީން ބަލަން ނުތިބޭނެ ކަމަށެވެ. އަދި މިރޭ ފެށި އިހުތިޖާޖުތައް ދެން ނިންމާލާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ފަހު ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

"އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން ފެށި މި މަސައްކަތް ނިންމާލާނީ އެމަނިކުފާނު މިނިވަންކޮށް މި ގައުމުގެ ޒައާމަތަށް ރައީސް ޔާމީން އިންތިހާބު ކުރުމަށްފަހު،" ޣައްސާން ވިދާޅުވިއެވެ.