ދީން

އަހުލާގުން ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް

ރިވެތި އަޚުލާޤުގެ މަތީގައި ދެމިހުރުމަކީ އެންމެ މަތިވެރިވެގެންވާ އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ބައެއް މީހުންނަށް މި ކަމަކީ އެހާ ބޮޑުކަމެއްކަމުގައި ވިސްނިފައި ނުއޮވެދާނެއެވެ. ނަމަވެސް ހަޑިހުތުރު ބަސްތަކުން އެއްކިބާވެ، ރިވެތި އަޚުލާޤުގެ މަތީގައި ދެމިހުރުމަކީ އަޅުކަމެކެވެ. އަދި އެއީ ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް ވާޞިލުކޮށްދޭ ކަމެވެ.

މި ބަރަކާތްތެރި ރަމަޟާންމަހަކީ ތަޤުވާވެރިކަމުގެ މައްސަރެވެ. ތަޤުވާވެރިކަމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އުރެދުންތަކުން އެއްކިބާވުމެވެ. ނަމަވެސް، މާތް ﷲގެ ޙައްޤުތައް އަދާކޮށް، އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް، ޤުރްއާންކިޔަވައި އުޅުމާއެކުވެސް ތިމާގެ ދޫ ރައްކާތެރިކޮށް، ޒުވާބު ކުރުމާއި ހަޑިހުތުރު ބަސްތަކުން ސަލާމަތްވާޖެހޭނެއެވެ. ނޫންނަމަ ރޯދައިން، ބަނޑުހައިހޫނުކަން ނޫން ކަމެއް ޙާޞީލު ނުވާނެއެވެ.

އިބްނު ރަޖަބު رحمه الله ވިދާޅުވެފައިވެއެވެ. "ތަޤުވާވެރިވުމަކީ މާތް ﷲ ގެ ޙައްޤުތައް އަދާކުރުން އެކަންނި ކަމުގައްޔާއި، މީސްތަކުންގެ އަޙައްޤުތައް އަދާކުރުން އެޔަކު ނުހިމެނޭ ކަމަށް ގިނަ ބަޔަކަށް އޮންނަނީ ހީވެފައެވެ."

މީސްތަކުން އެންމެ ގިނައިން ސުވަރުގެ ވައްދަވަނީ ކޮން ކަމެއްގެ ސަބަބުންތޯ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. "މާތް ﷲ އަށް ތަޤުވާވެރިވުމާއި ރިވެތި އަޚުލާޤުގެ ސަބަބުންނެވެ." އެންމެ ގިނައިން މީސްތަކުން ނަރަކައަށް ވައްޓައިލެވެނީ ކޮން ކަމެއްގެ ސަބަބުތޯ ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ. "ދުލާއި އަނގައިން ކުރާ ކަންތައްތަކުންނެވެ." (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)

އީމާންކަން ފުރިހަމަވަނީ ރިވެތި އަޚުލާޤު ފުރިހަމަ ވުމުންނެވެ. ޙަދީޘްފުޅެއްގައިވެއެވެ. «أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا» (رواه أبو داود) މާނައީ: "މުއުމިނުންގެ ތެރެއިން އީމާންތެރިކަން އެންމެ ފުރިހަމަ ބަޔަކީ، އެބައެއްގެ އަޚުލާޤު އެންމެ ރަނގަޅު ބައެކެވެ."
އީމާންކަމާއެކު ރިވެތި އަޚުލާޤުގެ މަތީގައި ދެމިހުންނަ މީހާ ވަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުގައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެ މީހަކަށް ދެރަގޮތެއް މެދުވެރިވާ ޙާލުގައިވެސް، ހަޑިހުތުރުބަހުން ޒުވާބުކޮށް، އަރައިރުންވުން ދޫކޮށްލައިފި މީހަކަށް ސުވަރުގެއިން ގަނޑުވަރެއް ލިބޭނޭކަމަށް ތިމަންކަލޭގެފާނު ޖާމިނުވެ ވަޑައިގަންނަވަމެވެ. އަދި ސަމާސާއަކަށް ނަމަވެސް، ދޮގުހެދުން ދޫކޮށްލައިފި މީހަކަށް ސުވަރުގޭގެ މެދުތެރޭގައިވާ ގަނޑުވަރެއް ލިބޭނޭކަމުގައި ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ. އަދި އެމީހެއްގެ އަޚުލާޤު ރަނގަޅުވެއްޖެ މީހަކަށް، ސުވަރުގޭގެ އެންމެ މަތިވެރި މަޤާމުން ގަނޑުވަރެއް ލިބޭނެކަމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ." (ރިވާކުރެއްވީ އަލްއިމާމު އަބޫ ދާވޫދު)

ހުރިހާ ހެޔޮ ކަމެއްގެ އަސްލަކީ ރިވެތި އަޚުލާޤެވެ. މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ރިވެތި އަޚުލާޤުގެ މަތީގައި ކަމުގައި ކީރިތި ޤުރްއާނުގައިވަނީ އަންގަވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހެޔޮކަމަކީ ރިވެތި އަޚުލާޤެވެ." (ރިވާކުރެއްވީ އިމާމު މުސްލިމުއެވެ.) މިބަސްފުޅުގެ މުރާދަކީ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ އެންމެހައި ކަމަކީ އެކަމެއްގައި ރިވެތި އަޚުލާޤު ހިމެނޭ ކަންކަމެވެ. އެންމެހައި ހެޔޮ ކަމެއް ބިނާވެފައިވަނީ ރިވެތި އަޚުލާޤުގެ މައްޗަށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޚުލްޤުފުޅާ މެދު އަނަސް رضي الله عنه ވިދާޅުވެފައިވެއެވެ. "ރަސޫލު ﷲ صلى الله عليه وسلم އަކީ މީސްތަކުންގެ ތެރެއިން އެންމެ ޚުލްޤު ހެޔޮ ކަލޭގެފާނެވެ." އަބަދުވެސް މޫނު އުޖާލާކަމާއި ހިތް ހެޔޮކަން، އިތުރު އެކަލޭގެފާނުގެ މޫނުފުޅުން ފާޅުވޭވެ ހުރެއެވެ. ޖަރީރު ބުނު ޢަބްދު ﷲ رضي الله عنه ވިދާޅުވެފައިވެއެވެ. "ރަސޫލާ އަށް ތިމަންނާ ފެނިވަޑައިގަންނަވާ ކޮންމެ ފަހަރަކު ހިނިވަރުނަ ކުރައްވައެވެ."

ޤިޔާމަތް ދުވަހުން މީސްތަކުންގެ ތެރެއިން ކީރިތި ރަސޫލާ صلى الله عليه وسلم އާ އެންމެ އަރިހުގައި ތިބޭނޭ ބަޔަކީ އެންމެ އަޚުލާޤު ރަނގަޅު މީހުންނެވެ. ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނަށް އެންމެ ލޮބުވެތިކަން ބޮޑު މީހަކީ، އަދި ޤިޔާމަތް ދުވަހުން، ތިމަންކަލޭގެފާނާ އެންމެ އަރިސް މީހަކީ، ތިމަޔަބައިމީހުންކުރެ އެންމެ އަޚުލާޤު ރަނގަޅު މީހާއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ ތިމަންކަލޭގެފާނު އެމީހަކަށް އެންމެ ރުހިވަޑައިނުގަންނަވާ މީހަކީ، އަދި ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނާ އެންމެ ދުރުގައިވާނޭ މީހަކީ، ތިޔަބައިމީހުންކުރެ އެންމެ ބަސްގިނަ، އެންމެ ދޫދިގު (ދޮގުހެދުމާއި ހަޑިހުތުރު ބަސްތައް ބުނުން އާދަކޮށްފައިވާ) އަދި ބޮޑާކަމާއެކު ތިމާވަރުގެ މީހަކު ނެތްކަމަށް ދެކިގެން ވާހަކަ ދައްކާއުޅޭ މީހުންނެވެ." (މިޙަދީޘް ރިވާކުރެއްވީ އަލްއިމާމުއް ތިރުމިޒީއެވެ.)

ރޯދައިގެ އަޅުކަމަކީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިހުރުމަށް ލިބިދޭ ތަމްރީނެކެވެ. ރޯދައަށް ހުންނަ މީހާ، އަރައިރުންވުމާއި ދުލުން ހުތުރު ބަސްތައް ބުނުމާއި، އެފަދަ ޢަމަލުތައް ކުރުމުން އެއްކިބާވެގެން މެނުވީ ރޯދައިގެ އަޅުކަމުގެ ފައިދާ ޙާޞިލެއް ނުވާނެވެ. ހަމައެފަދައިން، ރޯދައިގެ އަޅުކަމަކީ ރައްކާތެރިކަމެކެވެ. އެއީ ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކަންދޭ އަޅުކަމެކެވެ. އަދި އެއީ ނަފްސުގެ ދަހިވެތިކަމުން ރައްކާތެރިކަންދޭ އަޅުކަމެކެވެ. ފަޤީރުންނާއި ނިކަމެތީންގެ ޙާލު ތިމާއަށް އިހުސާސްކޮށްދޭ އަޅުކަމެކެވެ. ބަނޑުހައި ހޫނުކަމުގެ ވަގުތުގައި ކެތްތެރިވާން ދަސްކޮށްދޭ އަޅުކަމެކެވެ. ވީމާ، ރަމަޟާންމަހަކީ ރިވެތި އަޚުލާޤު ދަސްކޮށްދޭ މައްސަރެކެވެ. ރިވެތި އަޚުލާޤަކީ ހުރިހާ ހެޔޮކަމެއްގެ އަޞްލެވެ.