ރައްޔިތުންގެ މަޖިލިސް

މިއަދު ބާއްވަން މަސައްކަތް ކުރި ހާއްސަ ޖަލްސާ ފަސްކޮށްފި

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދިނުމާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން މިއަދު ބާއްވަން މަސައްކަތް ކުރި ހާއްސަ ޖަލްސާ ފަސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މައްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.

އެހެންވެ އިއްޔެ މަޖިލީހުގެ ތެރެއިން ވަގުތީ ހާއްސަ ކޮމެޓީއެއް އެކުލަވާލައި ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް ތިން މާއްދާ އިތުރު އަހަރަަކަށް ސަސްޕެންޑް ކުރަން ކޮމެޓީގެ އަޣުލަބިއްޔަތުން ރޭ ވަނީ ފާސްކޮށްފަ އެވެ. އެކަން މުޅީން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.

އިއްޔެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޯވާޑްރާފްޓްގެ މައްސަލަައާމެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި އަދި ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެނަމަ މިއަދު ޖަލްސާއެއް ބާއްވަވާނެ ކަމަށެވެ. ނޫންނަމަ އާދީއްތަ ދުވަހު ޖަލްސާ ބާއްވަވާނެ ކަމަށެވެ.

ނަމަވެސް މިއަދު ޖަލްސާ ބާއްވަން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ތާއިދު ލިބޭގޮތެއް ނުވި އެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް "އަވަސް" އަށް ވިދާޅުވީ މިއަދު ޖަލްސާ ބާއްވަން ބޭނުން ނުވީ އޯވާ ޑްރާފްޓްގެ މައްސަލަ އިތުރަށް ބަލައި ދިރާސާ ކުރަން ވަގުތު ބޭނުންވާތީ ކަމަށެވެ.

"ރޭގަ އަދި ކޮމެޓީ މަރުހަލާ ނިމުނީ ދޮއްތޯ، އަދި ކޮމެޓީން ރިޕޯޓް ވެސް އަދި ކިރިޔާ ނިމުނީ،" ޝަރީފް ވިދާޅުވި އެވެ.