އިލެކްޝަންސް ކޮމިޝަން

ދާއިމީ ނަތީޖާތައް އިއުލާނު ކުރަން ފަށައިފި

މިމަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާތައް އިއުލާނު ކުރަން ފަށައިފި އެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާތައް އިއުލާނުކުރަން މިއަދު ފަށައިފައިވާއިރު މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑި ލިބިފައިވެއެވެ. މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ހަތް އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ލަސްވީ ބައެއް ވޯޓްފޮށިތަކުގެ ޝީޓްތަކުގައިވާ އަދަދުތައް ދިމާނުވެ އަލުން ވޯޓްފޮށިތައް ގުނާ ސެކިއުރިޓީ އުރަ ކަނޑަން ޖެހުމުންނެވެ. ކޮމިޝަނުން އެކަން ކޮށްފައިވަނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާތަކުގެ ހާޒިރުގައެވެ.