ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުންދާ ފައިޒާ-ބަޔޯންޓެކް ވެކްސިނަށް މިހާތަނަށް 1300 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.
އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ވެކްސިން ކްލަސްޓާ، ފާތިމަތު އަނާ ވިދާޅުވީ، ފައިޒާ ވެކްސިން ޖެހުމަށް ޖުމްލަ 1،338 މީހުން އެޕޮއިންޓްމަންޓް ހަދާފައިވާ ކަމަށެވެ. އޭގެތެރެއިން 583 މީހުންނަށް މިހާރު ވަނީ ފައިޒާ ވެކްސިން ދީފަ އެވެ.
އަނާ ވިދާޅުވީ ފައިޒާ ވެކްސިންގެ ލިބިފައިވަނީ މަދު ސްޓޮކެއް ކަމަށް ވާތީ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމަންޓް ދީގެން، ރަޖިސްޓްރީ ކޮށްފައިވާ ތަރުތީބުން ކަމަށެވެ. އެހެންކަމުން އެޕޮއިންޓްމަންޓް ލިބޭ ދުވަހަކަށް ވެކްސިން ޖެހުމަށް އައުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ދޭން ފަށާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ފައިޒާ ވެކްސިން ދިނުމަށް ނިންމާފައިވަނީ 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސް ކުރާ މީހުންނާއި 60 އަހަރުން މަތީގެ މީހުންނަށެވެ.
ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5,850 ޑޯޒެވެ. މިއީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބިފައިވާ ވެކްސިނެވެ. ފައިޒާގެ އިތުރު ވެކްސިން ޑޯޒް ތަކެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.