ރޯދަ މަސް

ގުނަވަންތަކުގެ ރޯދަ

ރޯދައަކީ ކެއިން ބުއިމާ، ޝަހުވާނީ އެދުންތަކުން އެއްކިބާވެ، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެންދެން ހުންނަ ހުރުމެވެ. ނަމަވެސް ރޯދައިގެ ޙަޤީޤީ މާނަ މިއައްވުރެ މާ ފުނެވެ. ބައެއް ދަންނަ ބޭކަލުންގެ ބަސްފުޅުތަކުގައިވެއެވެ. "ހަމައެކަނި ނުކައި ނުބޮއި ހުރުމަކީ އެންމެ ލުއިފަސޭހަ ރޯދައެވެ."

ގުނަވަންތަކުގެ ރޯދައަކީ ގިނަ ބަޔަކު އެކަމަކާމެދު ފަރުވާ ކުޑަކުރާ ކަމެކެވެ. ރޯދައަށް ހުންނަ މީހާ އޭނާއަށް ޙަލާލު ކުރައްވާފައިވާ ކާބޯތަކެއްޗާއި މީރު ފެންފޮދުވެސް ނުބޮއެ ހުރެދާނެއެވެ. ނަމަވެސް މާތް ﷲ ޙަރާމް ކުރެއްވި ތަކެތި ކެއުމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ރިބާކެމާއި، ވިޔަފާރީގައި މަކުރުހަދައި މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމާއި، ރިޝުވަތު ހިފުންފަދަ ކަންކަމުން އެއްކިބާ ނުވާ އެތައް ބަޔަކު އުޅެއެވެ.

ރޯދައަށް ހުންނަ ވަގުތުގައި ޙަލާލު އަނބިމީހާއާއެކުގައި ޖިންސީ އެދުންތައް ފުއްދުމުން ދުރުހެލިވެ ހުންނަނީ ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމަށެވެ. ނަމަވެސް އެއާއެކު ރޯދައަށް ހުންނަ ވަގުތުގައި، މުނިފޫހި ފިލުވައިލުމުގެ ނަމުގައާއި ރޯދަ ކުރު ކުރުމަށް ފާހިޝް މަންޒަރުތަކާއި، އެފަދަ ޑްރާމާތަކާއި، ފިލުމްތައް ބެލުމުގައި ވަތުތައް ހޭދަކޮށްލައެވެ.

ރޯދައަށް ހުންނަހިނދު، ގުނަވަންތަކުން ރޯދަ ނުހިފާ ކަމުގައިވާނަމަ ރޯދައިގެ ޙަޤީޤީ ފައިދާ ޙާޞިލު ނުވާނެއެވެ.

އިބްނުލް ޢާބިދީން رحمه الله ވިދާޅުވެފައިވެއެވެ. "ރޯދައިގެ ޙަޤީޤަތަކީ، އެ އަޅުކަމަކީ ތިބާގެ ދުލުގަ އާއި، ތިބާ އިވުމުގަ އާއި، ތިބާގެ ފެނުމުގަ އާއި، ތިބާގެ ލަދުވެތި ގުނަވަނާއި އަދި ތިބާގެ ބަނޑުގައި މާތް ﷲ ލައްވާ ރައްކާތެރިކަންދެނިވި އުރައެއްފަދަ އެއްޗެކެވެ. އެއީ ތިބާ ނަރަކައިގެ އަލިފާނުން ރައްކާތެރިކަންދޭ ފަރުދާއެކެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީ، ޖާބިރު رضي الله عنه ވިދާޅުވެފައިވެއެވެ. "ތިބާ ރޯދައަށް ހުންނަ ހިނދު، ތިބާއާއެކުގައި ތިބާގެ އިވުމާއި، ފެނުމާއި ދޫވެސް ރޯދައަށް ބަހައްޓާށެވެ. އެއީ ދޮގުހެދުމުން އެއްކިބާވެ، މީސްތަކުންނަށް ތުރާކުރުމުން ދުރުހެލިވުމުގައެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހު މަޑުމޮޅިކަމާއި ހަމަޖެހުން ތިބާގެ ކިބައިގާ ހުންނަންވާނެއެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހާ، ރޯދަ ނުހިފާ ދުވަސް ތަފާތުވާން ވާނެވެ." އެބަހީ ރޯދައަށް ހުންނަ ދުވަހުގެ ހެޔޮކަން އިތުރުކުރަންވާނެއެވެ.

ގުނަވަންތަކުގެ ރޯދައަކީ މާތް ﷲ ނަހީކުރެއްވި ކަންކަމުން އެގުންނަވަތައް އެކިބާކުރުވައި ރައްކާތެރި ކުރުމެވެ. މިއީ ރޯއިގެ ޙަޤީޤީ މާނައެވެ. ރޯދަ ފަރުޟު ކުރެއްވި އާޔަތުގައި، އެ އަޅުކަން ފަރުޟު ކުރެއްވުމުގެ ޙިކުމަތްވެސްވަނީ ބަޔާން ކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴾ (البقرة 183) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."

ވީމާ، މިބަރަކާތްތެރި މައްސަރުގެ ރޯދައިގެ އަޅުކަމާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުހިވޮޑިގެންވާ ގޮތުގައި ހޭދަކުރުމަށް ފަރުވާތިރިވާންޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް ރޯދައަށް ހުންނަ ވަގުތުތަކުގައި ތިމާގެ އެންމެހައި ގުނަވަންތަކެއް، މާތް ﷲ ނަހީކުރެއްވި ކަންކަމުން އެކިބާކުރުވަން ވާނެއެވެ.