މަންދު ކޮލެޖް

"ހުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލެއް ނުދެވޭނެ"

އިމްތިޔާޒު ފަހުމީ އަދި އަލީ ހުސައިން ޗޮ
0%
50%
50%

ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލު ނުދެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެ އެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދިނުމަށް ދައުލަތުން އެއްބަސްވުމާއި ގުޅިގެންނެވެ.

މަންދު ކޮލެޖަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ހިންގަވާ ކޮލެޖެކެވެ. އިބްރާއަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއީލްގެ ބޭބެ އެވެ.

ދައުލަތުގެ އެއްބަސްވުމަށް އިޝާރާތް ކުރައްވާ އަލީ ވިދާޅުވީ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލު ނުދެވޭނެ ކަމަށެވެ. ދެބަސްވެ ޝަރުއީ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއްގައި ހުކުމްކޮށް ވަކިގޮތެއް ކަނޑައެޅުުމުގެ ބާރު ސަރުކާރު ހިންގާ ފަރާތަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލެއް ނުދެވޭނެ. ދެބަސްވެ ޝަރުއީ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއްގައި ހުކުމްކޮށް ވަކިގޮތެއް ކަނޑައެޅުުމުގެ ބާރު ސަރުކާރު ހިންގާ ފަރާތަށް ލިބިގެންނެއް ނުވޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

ދައުލަތުގެ އެއްބަސްވުމާމެދު މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ ވެސް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އާދައިގެ މުސާރައެއްގެ ވަޒީފާގައި ހުންނަ މީހަކު ވަޒީފާއިން ކަނޑައިލީ ގާނޫނާ ހިލާފަށް ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުން އަހަރު ދުވަހުގެ މުސާރަކޮޅު އެކަނި ދޭން ދައުލަތަށް ބޮޑު ބުރަޔަކަށް ވަނީ ކީއްވެތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

މަންދު ކޮލެޖަށް ބޮޑު އަދަދަކުން ބަދަލު ދޭން ދައުލަތުން އެއްބަސްވުމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ތިބީ އަނގަޔާއި އަތާ ދިމާ ނުވާ ހާލަތުގައި ކަމަށެވެ. ނަމަވެސް މި ހާލަތުގައި ވެސް ބޮޑުންނާއި ބާރުވެރިންނަށް މިލިއަން ފައިސާ ލިބެމުން އަންނަ ކަމަށެވެ.

"ރައްޔިތު މީހާ އަނގަޔާއި އަތާ ދިމާނުވޭ. ބޮޑުންނަށް މިލިއަނުން ފައިސާ،" މަންދަށް ބަދަލު ދޭން ދައުލަތުން އެއްބަސްވުމުން އެކަމާއި ގުޅުވައި އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލު ކުރާ މަރުހަލާގެ ތެރެއިން އިއްޔެ އެ މައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އައީ ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި ބައްދަލު ކުރެއްވުމަށް ފަހު އެވެ.

މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދޭށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި އެއް ފަހަރާ 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކާވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިންސާފު

އެގޭ ޙަސަނަށް ޕީ އެސް އެމް އިން 30 މިލިއަން! އަނެއްކާ އިބްރާހިމަށް 15 މިލިއަން، ސާބަސް ދައުލަތަށް

ލލ

އެމްޑީޕީ އެމްބަރުން ދައުލަތުގެ ފައިސާ ހަމައެއް ލަމައެއްނެތި މުއައްސަސާތަކުގައި ތިބެގެން ބަހާ ހުސްކުރަނީ ނުންތޯ ދިވެހިން މިކަންކަން ހުއްޓުވާންޖެހޭ !

މައިކް

އެމްޑީޕީއަށް ވޯޓްލީ މީހުން ތިބޭ ދޭން ރޯލަރޯލާ.. ކަރުގަލާނީ ހިތިރަހަ، އުޅެން ޖެހޭނީ ފަސް ފޫޓްކޮޓަރީގަ. ނަޝީދު އުކުރަނީ އުފާ

ހ ގެ

ގަނޫނީ ވައްކަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345