މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދިނުމަށް ދައުލަތުން އެއްބަސްވުމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މަންދު ކޮލެޖަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ހިންގަވާ ކޮލެޖެކެވެ. އިބްރާއަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއީލްގެ ބޭބެ އެވެ.
ފައްޔާޒަށް އަމާޒުކޮށް އެމްޑީޕީން ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އެ ތުހުމަތުތައް އެންމެ ފާޅުގައި ކުރައްވާ އެއް ބޭފުޅަކީ އަލީ އާޒިމެވެ.
މަންދު ކޮލެޖަށް ބޮޑު އަދަދަކުން ބަދަލުދޭން ދައުލަތުން އެއްބަސްވުމާއި ގުޅިގެން އާޒިމް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްޔިތުން ތިބީ އަގަޔާއި އަތާ ދިމާ ނުވާ ހާލަތުގައި ކަމަށެވެ. ނަމަވެސް މި ހާލަތުގައިވެސް ބޮޑުންނާއި ބާރުވެރިންނަށް މިލިއަން ފައިސާ ލިބެމުންދާ ކަމަށެވެ.
"ރައްޔިތު މީހާ އަނގަޔާއި އަތާ ދިމާނުވޭ. ބޮޑުންނަށް މިލިއަން ފައިސާ،" މަންދަށް ބަދަލުދޭން ދައުލަތުން އެއްބަސްވުމުން އެކަމާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރާއެކު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މިއަދު މިމައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އައީ ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި ބައްދަލުކުރެއްވުމަށްފަހު އެވެ.
މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި އެއް ފަހަރާ 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.
ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނި ހަދައިގެން އުޅެނީ ސަރުކާރުގެ ތެރެއިން ވަކި ބަޔަކަށް މަންފާ ހޯދައިދޭންކަމަށް ތުހުމަތު ކުރައްވައި އާޒިމް ނުސީދާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ދާދި ފަހުން ވަނީ ފާޑުވިދާޅުވެފައެވެ.