އަލީ އާޒިމް

ހިންގާލުމުގެ މާނައަކީ ޖީބު ބޮޑުކުރުން: އާޒިމް

Apr 5, 2022
4
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް. އޭނާ ވަނީ މިނިސްޓަރު ފައްޔާޒުގެ "ހިންގާލަން" ކެމްޕޭނަށް ފާޑު ވިދާޅުވެފައި -- ފޮޓޯ: މަޖިލިސް
0%
0%
0%

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭންގައި ގެންގުޅުއްވާ "ހިންގާލަން" ޝިއާރުގެ މާނައަކީ "ޖީބު ބޮޑުކުރުމާއި އަންބޮޑި ބޮޑުކުރުން" ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކުގެ ބިލްގެ ބަހުސްގައި މެންބަރު އާޒިމް ވަނީ މިނިސްޓަރު ފައްޔާޒުގެ ނަން ވިދާޅު ނުވެ އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކަށާއި މިނިސްޓަރު ފައްޔާޒުގެ ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އާޒިމް ވިދާޅުވީ ސަރުކާރު ބައިވެރިވެގެން އުފައްދާފައިވާ ކުންފުނިތަކުގެ އަދަދު ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް ސާފު ނުވާހާ ގިނަ ކަމަށެވެ. ނަމަވެސް ސަރުކާރު ބައިވެރިވާ 36 ކުންފުންޏެއް އޮތް ކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އޭގެ ތެރެއިން ރަނގަޅަށް ހިދުމަތް ދެނީ 10 ކުންފުނި ކަމަށެވެ. އަދި އިތުރު 10 ކުންފުންޏެއް އެއީ އުވާލަންޖެހޭ ކުންފުނިތަކެއް ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީ އަކީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަދެ ވިޔަފާރި ކުރުމަށް ތާއީދު ކުރާ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ނޫން ކަމަށެވެ. އެކަމަކު މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ސަރުކާރު "ހިންގާލުމަށްޓަކައި" 12 ކުންފުނި އުފައްދާފައިވާ ކަމަށް ފާހަގަކުރެއްވި އެވެ. އެގޮތަށް އުފައްދާފައި ހުރި ބައެއް ކުންފުނިތަކަކީ އެއް މަސައްކަތެއް ކުރާ ހަމައެކަނި ނަމުގައި ތަފާތުތަކެއް އުޅޭ ކުންފުނިތަކެއް ކަމުގައި ވިދާޅުވި އެވެ. އަދި އެފަދަ ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުން ތިބި ކަމުގައިވެސް ތުހުމަތުކުރެއްވި އެވެ.

އެގޮތަށް މަސައްކަތް ކުރާ މުވައްޒަފުންނަކީ ކޮބައިތޯ މިނިސްޓަރު ފައްޔާޒާ އެކު ކެމްޕޭންގައި މަސައްކަތް ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ސުވާލުކުރައްވާފަ އެވެ. އާޒިމް ވާހަކަދައްކަވަނިކޮށް ރޮޒައިނާ ނެންގެވި ނިޒާމީ ނުކުތާގައި ކުރެއްވި ސުވާލަށް އާޒިމް ވަކި ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އެ ހިސާބުން އާޒިމް ވަނީ "ހިންގާލަން" ޝިއާރު މާނަކޮށްދެއްވާފަ އެވެ.

"އަޅުގަނޑު ބަލައިލިއިރުގައި ޑެފިނިޝަން އަކަށް ހިންގާލުން މި އޮންނަނީ ޖީބު ބޮޑުކުރުން. ދައްކާ ވާހަކައާއި ކުރާ ކަންތައްތައް ދިމާނުވުން ކަމުގައި އަޅުގަނޑު ބޮޑަށް [ގަބޫލުކުރަނީ]،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަގާމުތަކާ ހަވާލުވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. އެކަމަކު ދައްކާ ވާހަކައާއި އަމަލު މިއަދު ދިމާނުވާ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ނެންގެވީ ވެސް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ލޯން ދޫކުރާ އުސޫލެވެ. ވަކި ކަމަކާ ގުޅުވައިގެން އެ ބޭންކުގެ އުސޫލަށް ބަދަލު ގެނެސްފައިވީ ނަމަވެސް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދަން ކުރާ މަސައްކަތަށް އެ ބޭންކުން ލޯން ނުލިބޭ ކަމުގައި ތުހުމަތުކުރެއްވި އެވެ.

"ލޯން ދޭ އުސޫލަށް ބަދަލެއް އަތުވެއްޖެ. އެ ނޫން އިތުރު ކަމެއް މި ކުންފުނިން ކުރި ތަނެއް ނުފެނޭ ލޯން ދޭ އުސޫލަށް ބަދަލު އައީ. ދެންމެ އެ ވިދާޅުވި އަޅުގަނޑުމެންގެ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ މަގާމު ހުޅުވާލުމާ އެކު އެ އުސޫލުތަކަށް ބަދަލު އައިސްފި،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިންގާލުމަށްޓަކައި ކުންފުނިތަކުގެ ބިލެއް މަޖިލީހަށް ހުށަހެޅިއިރު އެ ބިލާ މެދު އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވިދާޅުވީ ސަރުކާރުން ވަކި ޕަސަންޓަކަށް ހިއްސާވާ ކުންފުނިތަކާއި ސަރުކާރުން 100 ޕަސަންޓް ހިއްސާވާ ކުންފުނިތަކާ މެދު އެއްގޮތް އުސޫލުތަކެއް ގެންގުޅުމަށް ބިލެއް ހެދުމަކީ ރައްޔިތުންނަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދޭ ބައެއް ކުންފުނިތަކުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ތަފާތު ނަންނަމުގައި ކުންފުނިތައް ހެދުމުގެ ބަދަލުގައި ކުންފުނި ހަދާނަމަ އެކަން ކުރަންވީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ލިބޭ ގޮތަށް ކަމަށާއި އެފަދަ ކަމެއް އަދި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"ހިންގާލުމުގެ ވިސްނުމުގައި އެބައޮތް ފަހި ދިރިއުޅުން ކޯޕަރޭޝަން އަޅުގަނޑު މިބުނާހެން ދެން އޭގެއިން ކުރި ކަމެއް ނެތް. އިގްރޯ ކުންފުނި، މީގޭން ކުރި ކަމެއް އަޅުގަނޑަށް މިއަދާ ހިސާބަކަށް އަދިއެއް ނުފެނޭ. ބިޒްނަސް ސެންޓަ ކޯޕަރޭޝަން. ވީކަމެއް ނެތް. ހިންގާލަނީ. އެހެންވީމާ ހިންގާލުން އަޅުގަނޑު މި މާނަކުރީ އަންބޮޑި ބޮޑުކުރުން. އެ ދައްކާ ވާހަކައާއި ބުނާ އެއްޗަކާ ދިމާނުވުން،" އާޒިމް ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުބީނު މާރނީ

ފައްޔާޒް ބޭނުންވޭ އެމް.ޑީ.ޕީ ހިންގާލަން. ޢާޒިމް ތިޔަ ވިދާޅުވާ ގޮތަށް ފައްޔާޒު ބޭނުމީ އޭނާގެ ޖީބު ބޮޑު ކުރަން. ޢާޒިމް މެންގެ ގޯހަކީ ދިމާލަށް "މިހުރިހާ ގޯހެއް ހައްދަނީ އިބޫ އޭ" ނުބުނާތީ. އިބޫ ގެ ބާރު ނެތި ފައްޔާޒަށް ތިޔަހެން "ޖީބު ބޮޑު" ކުރެވޭނެ ތޯ؟ ރޮޒައިނާ ގެ ފިރިމީހާ، ނާޝިޒް އަށް ވެސް އެއޮތީ ރިސޯޓެއް "ހިލޭ" އިބޫ ދީފަ. (އެހެން ހުރިހާ ބިޑް ތައް ކެންސަލް ކޮށްފަ).

ހައިފާ

ތީގެން އެއްވެސް މީހަކު ކިޔާއެއްޗެށް ދިމާނުވޭ އަދި ބުނާ އެއްވެސް ކަމެއް ނުވެސް ކުރެވޭ

ކީކޯ

ޖީބު ބޮޑަސް ޖީބު ހުސް ކޮއް ހުރީމަ ނިމުނީ އެކަމު މަޖިލިސްގެ އިއްޒަތް ތެރިން ޖީބުކުޑަޔަސް ހުންނަނީ އަބަދު ފުރިފާ

ލުލު

ގަން ހިންގާ ލާނެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345