އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ)ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވެއްޖެ އެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މިއަދު މިމައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އައީ ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި ބައްދަލުކުރެއްވުމަށްފަހު އެވެ.
މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.
އެމްއީއެސް ހިންގި އިމާރާތް ނުވަތަ މިހާރުގެ އިއްޒުންދީން ސްކޫލުގައި މަންދު ކޮލެޖު ހިންގަން އެ އިމާރާތް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
މިކަމާ ގުޅިގެން ކޮލެޖު ހިންގަން ކުއްލި ގޮތަކަށް ތަނެއް ހޯދައި ވަސީލަތްތައް ގާއިމުކުރަން ޖެހުމުގެ ސަބަބުން މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. މަންދު ކޮލެޖުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމް ކޮށްފަ އެވެ. އަދި ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޮޑެތި އަދަދުތަކުން ބަދަލު ދެމުންދާތީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވަމުންދެ އެވެ. މިސަރުކާރުން ބަދަލުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހަމަޖައްސައިދިން ކުންފުނީގެ ތެރޭގައި އިބްރާގެ ކޮއްކޮ އަދި ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއިލް ހިއްސާވާ ބިގް ކުންފުނި ވެސް ހިމެނެ އެވެ.