އިންޑިއާގެ ގިނަ އާއިލާތަކުން އަންހެންކުދިން ބޭނުމެއް ނުވެ އެވެ. ބަލިވެ އިނީ އަންހެން ދަރިއަކަށް ކަން އެނގޭ ހިސާބުން ގިނަ އާއިލާތަކުގެ މީހުންގެ މެދުގައި މައްސަލަތައް ޖެހި އެ ކުއްޖާ އެބޯޓް ކޮށްލުން ފަދަ ކަންކަން ކުރެ އެވެ. ނަމަވެސް ރާޖަސްތާނުގެ މި އާއިލާ ތަފާތެވެ. އެ އާއިލާގެ އެއްވެސް މީހަކަށް ފާއިތުވީ 35 އަހަރު ތެރޭގައި އަންހެން ދަރިއަކު ލިބިފައެއް ނެތެވެ. އެހެންވެ އެމީހުން އަންހެން ކުއްޖަކު ލިބޭތޯ ދިގު އިންތިޒާރެއް ކުރަމުން ދިޔަ އެވެ.
ރާޖަސްތާނުގެ ކުޑަ އަވަށެއްގައި ދިރިއުޅޭ މި އާއިލާއަށް ދާދިފަހުން އަންހެން ކުއްޖެއް ވަނީ އުފަންވެފަ އެވެ. އެހެންކަމުން މި އުފާ އެމީހުން ވަރަށް ކުލަގަދަކޮށް ވަނީ ފާހަގަ ކޮށްފަ އެވެ. ކުއްޖާ އަވަށަށް ގެނައީ ވެސް އެ ކުއްޖާ ބައްޕަ ޗާޓަރު ހުރި ހެލިކޮޕްޓަރެއްގަ އެވެ.
އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި މި ކުއްޖާ ގޮވައިގެން އައި ހެލިކޮޕްޓަރު ބިންމައްޗަށް ޖެއްސުމާއެކު ކުއްޖާ އަށް މަރުހަބާ ކިއުމަށް ގިނަ ބަޔަކު އެއްވެ ތިއްބެވެ. އަދި ކުއްޖާ ގެއާ ހަމައަށް ގެންދިޔައީ ބެރު ދުންމާރި ތާޅަފިލިގަ އެވެ. އަދި ހެލިކޮޕްޓަރުން ފެށިގެން ކުއްޖާގެ ގެއާ ހަމައަށް ކުއްޖާ ގެންދިޔަ މަގު ވެސް ވަނީ ފިނިފެން މަލުގެ ފިޔައިން ޒީނަތްތެރިކޮށްފަ އެވެ.
ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އަންހެންކުއްޖަކަށް އެމީހުން އިންތިޒާރު ކުރާތާ 35 އަހަރު ވެފައިވާތީ މި ކުއްޖާ އުފަން ވުމުގެ އުފާ ފާޅުކުރުމަށް ކުއްޖާގެ ބައްޕަ 4.5 ލައްކަ ރުޕީސް ޚަރަދު ކޮށްފައިވާ ކަމަށެވެ.
ނާގޯރު ޑިސްޓްރިކްޓްގައިވާ ނިމްބްދީ ޗަންދާވަތާ އަވަށުގެ މީހުންނަށް މިކަން ވަކިން ޚާއްސަ ކަމަށް ވިއެވެ. ސަބަބަކީ އެމީހުން މީގެ ކުރިން ދުވަހަކުވެސް ހެލިކޮޕްޓަރެއް ޖައްސާ މަންޒަރު ފެނިފައި ނުވާތީ އެވެ. އެހެންވެ ހެލިކޮޕްޓަރު ޖައްސާތަން ބަލަން އަވަށުގެ އެންމެން އެތަނަށް ހާޒިރުވެ ތިއްބެވެ.
ކުއްޖާ އުފަންވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ފުރަތަމަ ދެ މަސް ދުވަހު އެ ކުއްޖާ އޮތީ މަންމަ ފަރާތު ކާފަގެ ގޭގަ އެވެ. ބައްޕަ ފަރާތުގެ ކާފަގެ ގެއަށް އެ ކުއްޖާ މި ގެނައީ އަލަށެވެ.
ކުއްޖާ ހެލިކޮޕްޓަރުން ބާލައިގެން ފިނިފެންމަލުގެ ފިޔައިގެ ދޫލައެއް އަޅާފައިވާ މަގުތަކުން އެ ކުއްޖާގެ ކާފަގެ ގެއަށް ގެންދިޔައިރު މަގުގެ ދެ ފަރާތުގައި ތިބި މީހުން އެ ކުއްޖާގެ ގަޔަށް ފިނިފެންމަލުގެ ފިޔަތައް އުކަމުން ރީތި ރާގު ރާގަށް ލަވަ ކިޔަމުން ދިޔަ އެވެ.
ކުއްޖާ ކުރިން އޮތް މަންމަ ފަރާތު ކާފަގެ އަވަށާއި ބައްޕަ ފަރާތު ކާފަގެ އަވަށާ ދެމެދު އޮންނަނީ އެންމެ 30 ކިލޯމީޓަރުގެ ދުރުމިނެކެވެ. ދުއްވާ އެއްޗެއްގައި ދަތުރުކުރާނަމަ 20 ވަރަކަށް މިނިޓުން މި ދަތުރު ފުރިހަމަ ކުރެވެ އެވެ. ނަމަވެސް ހެލިކޮޕްޓަރުގައި ގެނައީ ކުއްޖާ ގެނައުން ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.
ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އެ އާއިލާއަށް އުފަންވި މި ތުއްތު އަންހެންކުއްޖާ ހެލިކޮޕްޓަރުގައި ގެނައީ އެންމެންނަށް ވެސް ރަނގަޅު މެސެޖެއް ދިނުމުގެ ގޮތުންނެވެ. އާއިލާއަށް އަންހެންކުއްޖަކު އުފަންވުމަކީ އީދެއް ފަދަ އުފާވެރިކަމެއްކަމުގެ މެސެޖެވެ.