މަރުތައް ތަހުގީގު ކުރާ ކޮމިޝަން

ޔާމީން މަރާލުމުގެ އަޑީގައި ތިބި މީހުން އަދިވެސް ހޯދަނީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތަށް ނުފޫޒެއް ނުފޯރާ ގޮތަށް މަރުގެ އަޑީގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބުނެފި އެވެ.

ޔާމީން މަރާލިތާ މިއަދަށް ހަތަރު އަހަރު ވަނީ ވެފަ އެވެ. ޔާމީނަށް ހަށިގަނޑަށް ތޫނު އެއްޗަކުން ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ ގޭގެ ސިޑި ކައިރިން އޭޕްރީލް 23، 2017 ގައެވެ. ޔާމިން މަރާލީ އޭނާގެ މެޔާއި ކަރާއި ބޯ ހިމެނޭ ގޮތަށް ހަށިގަނޑުގެ 32 ތަނަކަށް ވަޅިން ދިން ހަމަލާތަކާ ގުޅިގެންނެވެ.

ޔާމީންގެ މަރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން މަރު ކޮމިޝަނުން ނެރުނު ބަޔާންގައި ބުނެފައިވަނީ ޔާމީން ނެތުމުން އާއިލާ އަށާއި ރަހްމަތްތެރިންނަށް ލިބިފައިވާ ފުން ހިތާމައިގައި ކޮމިޝަނުން ބައިވެރިވާ ކަމަށެވެ.

ބަޔާނުގައިވާ ގޮތުން ކޮމިޝަން އޮތީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އުފާލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާ ގޮތް ގާތުން ބެލުމުގަ އެވެ.

ކޮމިޝަނުން ބުނީ މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަ ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލްގެ ލަފަޔާ އެކު ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއްް ނުފޯރާ ގޮތަށް ޔާމީންގެ މަރުގެ އަޑީގައި ތިބީ ކޮން ބައެއް ކަން ބަލައި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކޮމިޝަންގެ އެދުމަކީ މިމައްސަލަ އާއި ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަށް ނިިމި، ޔާމީން ރަޝީދުގެ އާއިލާ އަށް އިންސާފު ލިބުމެވެ،" ބަޔާނުގައިވެ އެވެ.

މަރު ކޮމިޝަނުން ޔާމީނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް ކޮމިޝަނަށް އެކަން ކުރެވިދާނެ ކަމާ މެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.