ލައިފްސްޓައިލް

ނުކިޔައްޗޭ، އަވަގުރާނަ ގޮވިދާނެ!

Jan 14, 2015

މީހުން އަވަގުރާނަ ގޮވަނީ ކީއްވެ ހެއްޔެވެ؟ އެކަމުން ހިތްހަމަ ޖެހުމެއް ލިބެނީ ހެއްޔެވެ؟ ވާހަކައެއް ދައްކާއިރު އަހަރެމެން ބޭނުންކުރާ ބަސްތައް ބިނާވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް ހެއްޔެވެ؟ އަވަގުރާނަޔާ އަވަގުރާނައިގެ ވާހަކައިން ހިތްނުތަނަވަސްކަން ގެނުވާނަމަ، އިތުރަށް ކުރިއަށް ނުގެންގޮސް، މި ލިޔުން ކިޔުން ހުއްޓައިލުން ބުއްދިވެރި ކަމަށް ފެނެއެވެ.

އަވަގުރާނައިގެ ގޮތުގައި ބޭނުންކުރާ ބަސްތަކުން މައިގަނޑުގޮތެއްގައި އިޝާރާތް ކުރަނީ ޖިންސީ ހަރަކާތް ތަކަށާއި، ޖިންސީ ގުނަވަން ތަކަށާއި، ޖަނަވާރުންނަށާއި (ބަކަރި، ހިޔަޅު، ކުއްތާ)، ހުތުރުކަންބޮޑު ނަޖިސް (ޝިޓް ފަދަ) ތަކެއްޗަށެވެ. އަވަގުރާނައިގެ ތެރޭގައި ރައްޓެހިންގެ މެދުގައި ބޭނުންކުރާ ދެރަވަރުގެ ބަލިކަށި ނުބައިއެއްޗެހިން ފެށިގެންގޮސް، ކަންފަތްމަތީ އަތްނާޅައި ކެތް ނުކުރެވޭ ވަރުގެ ލަފްޒު ތަކާއި ޖުމްލަތައް ހިމެނެއެވެ.

އެމެރިކާގެ އެސޯސިއޭޝަން އޮފް ސައިކޮލޮޖިކަލް ސައިންސުން ވަނީ އަވަގުރާނައާ ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ސައިންޓިފިކް ޖަވާބުތަކެއް ހޯދޭތޯ މަސައްކަތް ކޮއްފައެވެ. މި އެސޯސިއޭޝަންގެ ފަރާތުން އަވަގުރާނައާ ބެހޭގޮތުން ނެރުނު އާޓިކަލް ލިޔުނު ފަރާތް ކަމަށްވާ ސައިކޮލޮޖީ ޕްރޮފެސަރު ޓިމޮތީ ޖޭ އަވަގުރާނަ ގޮވުން ސިފަ ކުރަނީ ކާރެއްގެ ބަރުގޮނު އެޅުން ފަދަ ކަމެއްގެގޮތުގައެވެ. އެއީ އަވަގުރާނަ ގޮވާ މީހާ އެ ރައްދުވާ މީހާގެ ކިބައިން އުންމީދު ކުރަނީ ދާދި އެއްކަހަލަ ކަންތައްތަކެއް ކަމަށް ވާތީއެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ސަމާލުކަމަށް ގެނައުމާއި، ބޭރު ކުރާ ހިތް ނުތަނަވަސްކަން ހިމެނެއެވެ.

ވާހަކަ ދައްކާއިރު އަހަރެމެން ބެނުންކުރާ ބަސްތައް އެންމެބޮޑަށް ބިނާވަނީ މުހާތަބު ކުރެވޭ މީހާއަށާއި ވަށައިގެންވާ މާހައުލަށެވެ. މާހައުލާއި ނުގުޅޭ ވާހަކައެއް ދައްކާ ނަމަ އަދި އެ ވަހަކައެއްގައި ލަދުވެތި ބަސްތަކެއް ހިމެނޭނަމަ، ވަށައިގެން ތިބޭ މީހުންނަށް އޮޅުވާލުމަށް "ކޯޑު" ބޭނުން ކުރަނީ އެހެންވެއެވެ.

"މަސްބާނަން" ދާ ކޮންމެ މީހަކު އެ ދަނީ ކަނޑުމައްޗަކަށް ނޫނެވެ. ނުވަތަ ތޮށިގަނޑު މައްޗަކަށް ވެސް ނޫނެވެ. އިގިރޭސި ބަހުގައި އޮންނަ އަވަގުރާނައިގެ ރަސްގެފާނުގެ ދަރަޖަ "އެފް ވޯޑަށް" ލިބޭނެއެވެ. އެކަމަކު އެ ލަފްޒު އާންމުކޮށް ބޭނުންކުރާ މީހާވެސް، އޭނާ އެ ލަފްޒު ބޭނުންކުރާ ހާލަތްތަކުގެ ތެރޭން ހާލަތެއް އަޔަސް، އޭނާޔާ އެކު އެވަގުތު ތިބި މީހުންނަށް ކުރާ ގަދަރެއްގެ ސަބަބުން "ޑޭމް އިޓް" އަކުން ފުއްދާލަފާނެއެވެ.

މީހުން އަވަގުރާނަ ގޮވާ ބައިވަރު ސަބަބު ހުރެއެވެ. މުހާތަބު ކުރެވޭ މީހާގެ ކިބައިން ވަކި ކަހަލަ އިޖާބައެއް އަވަސްގޮތަކަށް ހޯދުމަކީ އޭގެތެރެއިން އެއް ބޭނުމެވެ. ދައްކަމުންދާ ވަހަކައިގެ ތެރެއަށް ރުޅިވެރިކަމާ ހައިރާންކަމުގެ މިންވެރެއް އިތުރު ކޮއްލުމަށް ވެސް ބައެއް މީހުން ހުތުރު ބަސްތައް ބެނުން ކުރެއެވެ. އަދި މީހުންނަށް ވަނަން ކިޔުމަށާއި، ބަދު ދުއާ ކުރުމަށް ވެސް އަވަގުރާނައިގެ ޑިކްޝަނަރީ ހުޅުވާލާ މީހުން މަދެއްނޫނެވެ. އަނގަބަހުން ކުރާ ގޯނާ ނުވަތަ ވާބަލް އެބިއުސް އާއި ފިތުނަވެރި ރުޅިވެރި ވާހަކަތަކަށް ލިބިފައިވާ އެންމެ އާންމު އެއް ސިފައަކީ އެފަދަ ވާހަކަތަކުގައި އަވަގުރާނަ ގިނަވުމެވެ.

އަވަގުރާނައިން ބައެއް ހާލަތްތަކުގައި ސިއްހަތަށް ފައިދާ ކޮއްފާނެކަމަށް ބުނެފިނަމަ ގަބޫލުކުރާނަން ހެއްޔެވެ؟ އަވަގުރާނައިން މިހާގެ ޕްރެޝަރަށް ލުއިކަން ލިއްބައިދެއެވެ. މިބުނީ ލޭގެ ޕްރެޝަރު މަތީގައި ހުންނަ މީހަކު ޑޮކްޓަރަކަށް ނުދައްކައި، އެމިނެމްގެ އަލްބަމެއް އަޑުއަހާލައިގެން އެކަން ހައްލުކުރެވިދާނެ ވާހަކައެއް ނޫނެވެ. އެކަމަކު އަހަރެމެން ބޭރުނުކޮށް ހިތުގައި ބަހައްޓާފައި ހުންނަ ހިތްނުތަނަވަސްކަމާއި ރުޅިގަނޑު ފުރި އުތުރި އެރުމަށްވުރެ، އެހާ އަޑުއަހާލަން ފަސޭހަ ނޫން ބަސްތަކަކުން ނަމަވެސް އެ އުދާސްތައް ބޭރުކޮއްލުމުގެ ފައިދާ ސިއްހީގޮތުން މާ ބޮޑެވެ.

އަންނަ ރުޅީގައި އަތް އިސްކުރާ ނުވަތަ އަތް އިސްކުރެވޭ މީހުންވެސް، އަވަގުރާނައިގެ ތޫނު ހަންޖަރެއް ހިޔާރުކޮށް މީހަކު ކޮށާ ކުދިކޮއްލުންވެސް މާރަނގަޅެއްނޫން ހެއްޔެވެ؟ ދިރާސާއަކުން ދައްކިގޮތުގައި ހަށިގަނޑަށް އިހުސާސްކުރެވޭ ތަދަށް އަވަގުރާނައިން ލުއިކަން ގެނެސްދެއެވެ. މި ދިރާސާގައި ގަނޑުފެން ބާލިދީއަކަށް އަތްލައިގެން ތިބުމަށް ކޮލެޖެއްގެ ދަރިވަރުންތަކަކަށް ޖެއްސިއެވެ. މިގޮތަށް ބޭތިއްބުމަށްފަހު ބައެއްކުދިންނަށް އަވަގުރާނަ ގޮވަން ޖެއްސިއިރު އަނެއްބައި ކުދިންނަށް އާދައިގެ ބަހުރުވައިން އެއްޗެއް ކިޔާލަކިޔާލާ ތިބެން ޖެއްސިއެވެ. އަވަގުރާނަ ކިޔުމުގެ ފުރުސަތު ލިބުނު ކުދިން ދެންތިބިކުދީންނަށްވުރެ ގިނައިރު ބާލިދީގައި އަތް ބޭއްވައިގެން ތިއްބެވެ.

އެންމެ ގިނައިން އަވަގުރާނަ ގޮވަނީ ކޮންބައެއް ހެއްޔެވެ؟ ތައުލީމީ ފެންވަރު ދަށް މީހުން، އިލްމީ މީހުންނަށްވުރެ ގިނައިން އަވަގުރާނަ ގޮވާނެ ހެއްޔެވެ؟ ނޫނެކެވެ. މިކަމަށް ބާރުލިބިދޭ އެއްވެސް ދިރާސާއެއް ނެތެވެ. އެކަމަކު އަވަގުރާނަ ގޮވުން ބޮޑަށް ގުޅިފައިވަނީ މީހާގެ މިޒާޖާއެވެ.

އެކްސްޓްރޮވާޓުން އިންޓްރޮވާރޓުންނަށް ވުރެ ގިނައިން އަވަގުރާނަ ގޮވައެވެ. މީހުންގެ މައްޗަށް ބާރު ފޯރުވަން ބޭނުންވާ އަނިޔާވެރި މީހުންގެ އަނގަ، ސުލްހަވެރި މަޑުމައިތިރި މީހުންނަށްވުރެ ހަޑިއެވެ. ޕްރޮފެސަރު ޓިމޮތީ ޖޭ ބުނާގޮތުން އެވްރެޖްގޮތެއްގައި މީހެއްގެ ވާހަކައިގައި 0.3 ޕަސެންޓާާއި 0.7 ޕަސެންޓާއި ދެމެދު އަވަގުރާނަ ކިޔައެވެ. ޔަގީނުންވެސް އަހަރެމެންގެ ތެރޭގައި މި މިންގަޑަށްވުރެ މާ މަތީގައި އުޅޭ މީހުން މަދެއް ނުވާނެއެވެ.

ޕްރޮފެސަރުގެ ދިރާސާއިން ފާހަގަ ކުރެވުނު އަނެއްކަމަކީ ކިރިޔާ ވަހަކަ ދައްކަން ދަސްވާން ފަށާއިރު ހުތުރު ބަސްތައް ވެސް ދަސްވާން ފަށައެވެ. އެއް އަހަރާ ދެ އަހަރާ ދެމެދުގެ ކުދިންގެ ތެރޭން ފިރިހެންކުދިނަށް ހުތުރު ހަ ބަސް އެނގެއެވެ. މި އުމުރުގެ އަންހެން ކުދިންނަށް ހުތުރު އަށް ބަސް އެނގެއެވެ. ފަސް އަހަރާ ހަ އަހަރާ ދެމެދުގެ ފިރިހެން ކުދިންނަށް ހުތުރު 34 ބަސް އެނގޭއިރު، އެ އުމުރުގެ އަންހެން ކުދިންނަށް ހުތުރު 21 ބަސް އެނގެއެވެ. މިއީ ބެލެނިވެރިންނަށް އަޑު އަހާލަން އެހާ ފަސޭހަ ވާހަކައަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުދިންނަށް ހަޑި ބަހެއް އަޑު ނީވޭނެ ގޮތަކަށް ނުވަތަ ދަސް ނުވާނެ ގޮތަކަށް އެކުދީން ބަލާ ބޮޑުކުރުމަކީ ކުރެވުމަށްވުރެ ނުކުރެވުން ގާތް ކަމެކެވެ. އެކަމަކު ރަނގަޅު ތަރުބިއްޔަތެއް ދެވިއްޖެ ނަމަ ބަހެއް އެނގުނަކަސް، ކޮންމެ ކޮންމެ ހާލަތެއްގައި އެބަސް ބޭނުން ކުރާނެ ބަޔަކަށް އެކުދީން ނުވާނެއެވެ.