ރަޝިއާއިން ކްރައިމިއާ އަށާއި ޔުކްރޭން ބޯޑަރަށް ޖަމާކުރި ސިފައިން ފަހަތަށް ޖައްސައި ބާލަން ފަށައިފި އެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިފައިން ހަނގުރާމައަކަށް ތައްޔާރުވެފައި ތިބި މިންވަރު ދެނެގަތުމަށް ބޭއްވި ފަރިތަކުރުންތައް ނިމުމާއެކު ސިފައިން އަނބުރާ ދާއިމީ މަރުކަޒުތަކަށް ރުޖޫއަވާން ޑިފެންސް މިނިސްޓަރު ސަރުގޭ ޝޮއިގޫ އަންގަވާފައިވާ ކަމަށެވެ.
ރަޝިއާ ސިފައިން ޔުކްރޭން ސަރަހައްދަށް ޖަމާ ކުރުން ވަނީ ބޮޑު ކަންތައްގަނޑަކަށް ވެފަ އެވެ. ރަޝިއާއިން ޔުކްރޭންނަށް ހަމަލާދީ އަރައިގެންފާނެ ކަމަށް މުޅި ދުނިޔެއަށް އޮތީ ހީވެފަ އެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާއާ ޔޫރަޕުން ރަޝިއާއަށް ދަތިކޮށް ވަނީ ފިއްތަން ފަށާފަ އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ކަނޑާއި ވައިގައި ސިފައިން ހާދިސާތަކެއް ފަރިތަކުރި ކަމަށާއި ތަމްރީންތައް ދިއައީ ރާވާފައި އޮތް ގޮތަށް ކަމަށެވެ. އަދި ކަޅުކަނޑަށް ޖަމާކުރި މަނަވަރުތަކާއި އެއްގަމުން ދަތުރުކޮށް ގޮސް މަރުކަޒުކުރި ހަނގުރާމައިގެ އުޅަނދުތައް އަނބުރާ ބާލަނީ ކަމަށެވެ.
ރަޝިއާއިން ޔުކްރޭން ސަރަހައްދަށް ސިފައިން ފޮނުވީ ޔުކްރޭންގެ އަމަލުތައް ހުރި ގޮތުންނެވެ. އެމެރިކާއާ ނޭޓޯ ގައުމުތައް ގުޅިގެން ރާވަމުން ދިއަައީ ޔުކްރޭން ބޯޑަރުގައި ސުލްހަ ބަލަހައްޓާ ފައުޖެއް ދާއިމީ ކުރާށެވެ. މިއީ އެމެރިކާއިން ވަރަށް ނުވެގެން އުޅޭ ކަމެވެ. ރަޝިއާއިން ކްރައިމީއާ ޖަހަގަތީ ވެސް މިބައިގަނޑަކާ ހެދި އެވެ.
ރަޝިއާއާ އިންވެގެން އޮންނަ ގައުމެއްގައި ނޭޓޯއިން ސުލްހަ ބެލެހެއްޓުމަކީ ރަޝިއާއިން ދެކޭ ގޮތުގައި ރަޝިއާއަށް ކުރާ ޖެއްސުމެކެވެ. އަދި ރަޝިއާއަށް ފާރަަލައި ޖާސޫސް ކުރަން ނޫން ގޮތަކަށް އެ ސަރަހައްދުގައި އެހެން ގައުމެއްގެ ސިފައިން މަރުކަޒު ނުކުރާނެ އެވެ.
ޔުކްރޭންގެ ރައީސް ވޮލޮޑީމީއާ ޒެލަންސްކީ ވިދާޅުވީ މިހާރު ނިއްކުރިފުޅުން ދާ އޮބިއްޖެ ކަމަށެވެ. އަދި ވިދާޅުވީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ފަސޭހަފުޅު ކޮންމެ ވަގުތެއްގައި މަޝްވަރާއަށް ތައްޔާރު ކަމަށެވެ.
ޒެލަންސްކީ ވިދާޅުވީ ސަރަހައްދުން ސިފައިން ބާލާތީ އުފާ ކުރައްވާ ކަމަށާއި ރަޝިއާއަށް ވިސްނައިދިން ގައުމުތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.