ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއާ ޕާކިސްތާނުން އިންޑިއާއަށް އެހީ ވެދޭން ހުށަހަޅައިފި

އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެ ހޮސްޕިޓަލްތައް ވަނީ އޮކްސިޖަނަށް ޖެހިފަ އެވެ. ޗައިނާއިން ބުނީ އެއްވެސް ޝަރުތަކާ ނުލައި އެހީތެރި ވެދޭން ތައްޔާރު ކަމަށާއި އިންޑިއާގެ ޖަވާބަކަށް އިންތިޒާރު ކުރާ ކަމަށެވެ.

ޗައިނާ ސަރުކާރާ ހަވާލާދީ މީޑިއާ އޭޖެންސީތަކުން ބުނާ ގޮތުން ޗައިނާއިން އެހީތެރި ވެވިދާނެ ގޮތްތަކާ ބެހޭ ގޮތުން އިންޑިއާއަށް ވަނީ ހުށަހަޅާފަ އެވެ. އަދި ބޭނުން ޖެހިއްޖެ ކޮންމެ ވަގުތެއްގައި އެހީތެރި ވެދޭން ތައްޔާރު ކަމަށް ވެސް ވަނީ ލިޔުމުން ދަންނަވާފަ އެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވި ކަމަށް ގްލޯބަލް ޓައިމްސްއިން ބުނީ ކޮވިޑުން ސަލާމަތްވުމަށް އިންޑިއާ ކުރާ މަސައްކަތްތަކަށް އެހީތެރި ވެވިއްޖެ ނަމަ އެއީ ސަރުކާރާ ޗައިނާ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށެވެ.

ޕާކިސްތާނުން ވެސް ވަނީ އިންޑިއާގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި އެހީތެރި ވެދޭން ތައްޔާރު ކަމަށް ބުނެފަ އެވެ. ޕާކިސްތާނުން އެހިތެރި ވެދޭން ހުށަހެޅި އީދީ ފައުންޑޭޝަނުން ބުނީ 50 އެމްބިއުލާންސާއި ނަރުހުންނާއި ސިއްހީ އެހީތެރިން ފޮނުވަދޭން ތައްޔާރު ކަމަށެވެ. އަދި ބުނީ ކޮވިޑް ނައްތާލެވޭނީ އަތުގުޅާލައިގެން ކަމަށެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް އެދެވޭ ގޮތަކަށް އޮވެފައި ކުއްލިއަކަށް ވަނީ އިންތިހާއަށް ގޯސްވެފަ އެވެ. ބަލިމީހުން ގިނަވެ ހޮސްޕިޓާތައް ފުރި އޮކްސިޖަން ވެސް ހުސްވެފަ އެވެ. އަދި މިނިކަމެތި ހާލުގައި ކޮވިޑް ބަލިމީހުންނަށް ފަރުވާދޭ އައިސީޔޫ ވޯޑެއްގައި އަލިފާން ރޯވެ 13 މީހުން މަރުވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ ރިޕޯޓްކުރެ އެވެ.