ބުނެވޭ ގޮތުގައި އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ރޭ ނިކަން އުނދަގުލުން އޮލިމްޕަހުގައި ޕްރިމިއާކުރި އޭނާގެ އާ ފިލްމު، "އަހްޝަމް" އަކީ ރާއްޖޭގެ ބޮޑު ސްކްރީނުން މީގެ ކުރިން ފެނިފައި ނުވާ ފެންވަރުގެ އާދަޔާހިލާފު ސްޓަންޓްތަކެއް އޭގައި ހިމެނޭ ފިލްމެކެވެ.
އެއީ ވެދާނެ ގޮތެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ފިލްމުގައި ނެތް ވަރުގެ ސްޓަންޓެއް ސީޒަންގެ މި ފިލްމެއްގެ ޕްރިމިއާ ނައިޓްގައި އޭނާ ޖެއްސި ކަމަށެވެ. މި ސްޓަންޓެއްގެ ލޮޅުން މާލެ ތެރެއަށް އަރައިގެން ދިޔައިރު ހީވީ ސްޓާފޯސް ފުލުހުންތަކެއް އޮލިމްޕަހަށް ވަދެ، ފިލްމު ދައްކަމުން ދިޔަ ސްކްރީން އިރާލައިގެން ގެންދިޔައީ ހެންނެވެ.
ސީޒަންގެ ފިލްމު ހުއްޓުވަން ފުލުހުން އޮލިމްޕަހަށް ވަދެއްޖެއޭ ކިޔައިގެން ވެސް މީހުން އުޅުނެވެ. ބައެއް މީހުން ސަމާސާއަކަށް ހަދައިގެން ބުނީ "ބޮމުގެ ތަހުގީގަށް ބޭނުންވާ މަައުލޫމާތު އެއްކުރުމަށް ފުލުހުން އޮލިމްޕަހަށް" ވަދެއްޖެ ކަމަށެވެ.
ކޮންމެއަކަސް "މި ޑްރާމާ" އެއްގެ ފައިދާ ސީޒަންގެ ފިލްމަށް ނިކަން ބޮޑަށް ކުރި އެވެ. ފުލުހުންގެ މުއައްސަސާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވެފައިވީ މި ދަނޑިވަޅެއްގައި ސީޒަން "އާދަޔާހިލާފު" އަދި "ކޮރަޕްޓް ނޫން" ފުލުހެއް ގެ ރޯލު ކުޅުމާއި އޭނާ ކުޅުނު ފިލްމެއް ހުއްޓުވަން ފުލުހުން އޮލިމްޕަހަށް ވަން ކަމަށް ބުނެ އަޑު ފެތުރީމަ ފިލްމުގެ ޕްރޮމޯޝަނަށް ދެން މިއަށް ވުރެ ބޮޑު ސްޓަންޓެއް "ސްޓޭޓް އޮފް އިމަޖެންސީގައި" ޖެއްސޭނެތޯ އެވެ؟
އެކަމަކު ވީ ގޮތް އެނގޭ ހެއްޔެވެ؟
ސީޒަންގެ ފިލްމެއް ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭނާގެ ފިލްމުގެ ޕޯސްޓަރުތައް މާލޭގެ މަގުތަކުގައި ހިއްޕުން ހުއްޓުވުމަކަށް ވެސް އެއްވެސް ހުރަހެއް ނެތްކަން މާލެ ތެރޭގައި ބުރެއް ޖަހާލިޔަސް އެނގޭނެ އެވެ.
އަނެއް ވާހަކަ އަކީ ފިލްމުގައި "ޕޮލިސް ޖީޕެއް" ގެ ގޮތުގައި ބޭނުންކުރި ވެހިކަލް މާލެ ގެނެސް އޮލިމްޕަހުގެ ބޭރުގައި، މަޖީދީ މަގުގެ އެއް ފަރާތެއްގައި ބާއްވާފައި އޮތްވައި ފުލުހުން އެ އުޅަނދު ޓޯކޮށްގެން ގެންދިޔަ ގެންދިއުމެވެ. ފުލުހުން ބުނީ ސީޒަން ވާހަކަ ދައްކަމުން ދަނީ މި ކަމެއްގެ ވެސް ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް އެ ވެހިކަލް ގެނެސް ފިލްމުގެ ޕްރޮމޮޝަނަލް އިވެންޓަށް މަޖީދީމަގުގައި ބޭއްވިއިރު ފުލުހުންގެ އެއްވެސް އެހީތެރިކަމަކަށް ސީޒަން އެދިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެންމެކުޑަމިނުން އެ އުޅަނދު އެތަނުގައި ބެއްވުމުގެ ހުއްދައަކަށް ނުވަތަ އެތަނުގައި އުޅަނދު ބާއްވައި، ކޯން ޖަހައި ދިނުމަކަށް ވެސް ސީޒަން އެދިފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.
އެހެންވެ ފުލުހުން އެ އުޅަނދު ޓޯކޮށްގެން ގެންދިޔައީ އެވެ. އެއީ "ޕޮލިސް" ޖަހާފައި އޮތް އުޅަނދެއް އަދި ހަލާކުވެ ހަސްނެތިފައި އޮތް އުޅަނދެއް މަގުމަތީގައި އާންމުންނަށް ވެސް އުނދަގޫވާ ފަދަ ގޮތަކަށް ނުބާއްވަން ކަމަށް ފުލުހުން ބުންޏެވެ.
މިހުރިހައި ކަމެއް ހިނގައި ނިމުނީމަ ދެން އަޑުއެރީ ފިލްމު ހުއްޓުވަން ފުލުހުުން އުޅުނު ކަމަށެވެ. އެކަމަކު މި ހުރިހާ ކަމެއް ދިމާވެ، ފިލްމު ބަލަން އޮތް ގަޑިއަށް ފިލްމުގެ ކްލެސިފިކޭޝަންގެ ކަންތައް ނުނިމުނީ ހަގީގަތުގައި ސީޒަންގެ މައްސަލައަކުންނެވެ.
އޭނާގެ ފިލްމު ކްލެސިފައިކުރުމަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު އެވެ. އެއަށް ފަހު ރޭ އޮލިމްޕަހުގައި އޮތީ މި ފިލްމެއްގެ ޕްރިމިއާ އެވެ. އާންމުކޮށް ފިލްމެއް ކްލެސިފައިކޮށް ނިންމަން ފަސް ދުވަސް ނުވަތަ 10 ދުވަސް ނަގާނެ ކަމަށް އެމީހުންގެ ގަވާއިދުގައި ބުނެފައިވެ އެވެ.
އެހެންވީމަ ސީޒަން ކުއްލިއަކަށް އޭނާގެ ފިލްމު ކްލެސިފައިކޮށް ނިންމަން ހިފާލުމުން އެ ފިލްމުގެ ޝޯއެއް ބުރާސްފަތި ދުވަހުގެ މެންދުރަށް ސެޓްކޮށްފައި ވަނިކޮށް އެ އިންސްޕެކްޝަން ކެންސަލްވީ ސީޒަންގެ ފިލްމު ސްޓަކްވެގެންނެވެ. އެއަށް ފަހު ކްލެސިފިކޭޝަންގެ އޮފިޝަލުންނާއި ފުލުހުންގެ އޮފިޝަލަށް މި ފިލްމު "ބަލައި ފާސްކުރުމުގެ" ފުރުސަތު ދެން ލިބުނީ ބެލުންތެރިން ވެސް މި ފިލްމެއް ބަލަން އޮލިމްޕަހަށް ޖަމާވި ވަގުތު އެވެ.
ފިލްމުގެ ޝޯ ފަށަން އޮތް ގަޑި ކަޓައިގެން އާންމުން ބޭރުގައި މަޑުކުރަން ޖެހުނު ސަބަބަކީ މިއީ އެވެ. އެއްގޮތަކަށް ވެސް ފުލުހުންނަށް މި ފިލްމެއް ކަމުނުގޮސްގެން ސީޒަން ހައްޔަރުކުރަން އުޅުނީކީއެއް ވެސް ނޫނެވެ.
ފުލުހުން އެހާވަރަކުން މި ފިލްމެއް ބެލީ ކީއްކުރަން؟
ފުލުހުންނާ ހުރިހާ ގޮތަކުން ގުޅިފައި އޮތް ވާހަކައެއްގެ މައްޗަށް ފިލްމު އުފައްދާފައިވާތީ އެވެ. ކްލެސިފިކޭޝަނުން ވެސް އާންމުކޮށް ފިލްމެއް "ބަލައި ފާސްކުރާ" އިރު އެ ފިލްމަކީ ވަކި ހާއްސަ ދާއިރާއަކާ ގުޅުން ބޮޑު ފިލްމެއް ކަމުގައިވާ ނަމަ އެ ދާއިރާގެ ތަޖުރިބާކާރަކަށް ފިލްމު ބެލުމުގެ ދައުވަތު ދެ އެވެ.
އެގޮތުން ފުލުހުންނަށް އޮތީ ފިލްމު ބެލުމުގެ ފުރުސަތު ހުޅުވައިފަ އެވެ. ފުލުހުން ބުނީ ފިލްމު ބަލަން އެމީހުން އަމިއްލަ އަށް ވެސް އެދުނު ކަމަށާއި އެއީ ފިލްމަކީ ނިކަން ބޮޑަށް ފުލުހުން ތަމްސީލުކޮށްދޭ ފިލްމަކަށްވެފައި ގައުމު މިހާރު އޮތް ހާލަތުގައި އެފަދަ ފިލްމެއް ދައްކާއިރު އެއީ އަމަލުކުރަން ޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.
ފިލްމުގައި ދައްކުވައި ދެނީ ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖަކު ރަށު ތެރޭގެ ޕޮލިޓިކްސް އާއި ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ކުރާ މަސައްކަތެވެ. އެއްގޮތަކަށް އާންމުކޮށް ދިވެހި ރާއްޖެއިން ފެންނަ ގޮތަކަށް ނޫނެވެ. ބޮޑަށް ބޮލީވުޑްގެ ސުޕަސްޓާރުން ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވާ ގޮތަށެވެ.
ކްލެސިފިކޭޝަނުން ބުނެފައި ވަނީ ފިލްމު ކްލެސިފައިކުރުމުގައި ފުލުހުންގެ އެއްވެސް ނުފޫޒެއް އެމީހުންގެ މައްޗަށް ނުހިނގާ ކަމަށެވެ.