ދީން

ދޫ ރައްކާތެރި ކުރުން

ކުރެވޭ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ބޮޑު ބަޔަކީ ދައްކާ ވާހަކަތަކެވެ. ނަމަވެސް ވާހަކަ ދެއްކުމުގައި ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ހުރެދާނެކަމަށް ގިނަ ބަޔަކު ނުދެކެއެވެ.

މާތް ޞަޙާބީ މުޢާޒު رضي الله عنه ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން ދުލުން ދައްކާ ވާހަކައަކީ، އެއާމެދުގައި އަޅުގަނޑުމެންނާ ސުވާލު ކުރެއްވޭނެ ކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައަށް ތިބާގެއްލިދާށިއެވެ! (އެބަހީ: ކަލޭގެފާނު ހާދަހާ ނުވިސްނަމުތާއެވެ!) މީސްތަކުން މޫނުވަތަށް ދަމާ ގެންގޮސް ނަރަކައަށް އެއްލައިލެއްވެނީ، އެބައިމީހުންގެ ދޫތަކުން ހޮދައިގެން ކަންތައް ފިޔަވައި އެހެން ކޮންކަމަކާހުރެ ހެއްޔެވެ؟" (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)

މާތް ﷲ ރުއްސަވާ ބަސްތަކުގެ ތެރެއިން ދުލުން ބޭރުކޮށްލެވޭ އެންމެ ކަލިމައެއްގެ ސަބަބުން ތިބާގެ ދަރަޖަ މަތިވެރިކުރައްވައި އާޚިރަތުގައި ތިބާގެ މަންޒިލު މަތިވެރިކުރައްވައެވެ. ހަމައެފަދައިން މާތް ﷲ ނުރުއްސަވާ ބަސްތަކުގެ ތެރެއިން، ތިބާގެ ދުލުން ބޭރުކޮށްލެވޭ އެންމެ ލަފުޒެއްގެ ސަބަބުން ނަރަކައިގެ އެންމެ ފުންމިނަށް ތިބާ ވައްޓާލައިނިވި ކަމަކަށް އެބަސް ވެދެއެވެ.

ވީމާ، ދުލަކީ އޭގެ ފައިދާ އެހާމެ ބޮޑު ގުނަވަނެކެވެ. އަދި ނުބައިގޮތުގައި ބޭނުން ކުރެވޭނަމަ އޭގެ ނުރައްކާތެރިކަމާއި، އަރައިގަނެވޭ ފާފަތައް އެހާމެ ގިނައެވެ. ހުރިހާ ގުނަވަންތަކެއްވެސް ދުލަށް ތަބާވެއެވެ. ދޫ ހެޔޮ ކަމުގެ މަތީގައި ސީދާވެއްޖެނަމަ ގުނަންވަންތައްވެސް ހެޔޮ ޢަމަލުގެ މަތީގައި ދެމިހުރެއެވެ. ދޫ، ނުބައިކަމުގެ މަތީގައި ހުރެއްޖެނަމަ ގުނަވަންތަކުންވެސް ނުބައި ޢަމަލުތައް މެނުވީ ނުކުރެވޭނެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގެ މާނަގައިވެއެވެ. «إِذَا أصْبَحَ ابْنُ آدَمَ، فَإنَّ الأعْضَاءَ كُلَّهَا تَكْفُرُ اللِّسانَ، تَقُولُ: اتَّقِ اللهَ فِينَا، فَإنَّما نَحنُ بِكَ؛ فَإنِ اسْتَقَمْتَ اسْتَقَمْنَا، وإنِ اعْوَجَجْتَ اعْوَجَجْنَا». رواه الترمذي މާނައީ: "އާދަމުގެ ދަރިޔާ ކޮންމެ ދުވަހުކު ފަތިސްކުރާހިނދު، އޭނާގެ ހަށިގަނޑުގެ އެންމެހައި ގުންނަވަންތައް ނިކަމެތިކަމާއެކު، ދުލަށް މުޚާޠަބުކޮށް ބުނާނެއެވެ. ތިމަންމެންނަށްޓަކައި ތިބާ ﷲ އަށް ބިރުވެތިވާށެވެ. ފަހެ، ހަމަކަށަވަރުން، ތިމަންމެންނީ، ތިބާއާ ގުޅިފައިވާ ބަޔަކީމުއެވެ. ތިބާ ﷲގެ މަގުގައި ސީދާވެއްޖެނަމަ، އަހުރެމެން ސީދާވަހުއްޓެވެ. އަދި ތިބާ މަގުން ކަސިޔާރުވެއްޖަނަމަ، އަހަރުމެން ހަމަމަގުން އެއްކިބާވެދާހުއްޓެވެ."

ވީމާ، ވާހަކަދައްކާ ކޮންމެ މީހަކުވެސް އޭނާގެ ދުލުން ބަސްތައް ބޭރުކޮށްލުމުގެ ކުރިން ވިސްނައިލަންޖެހެއެވެ. ހެނީ އެ ބަސްތައް ތިބާގެ ދުލުން ބޭރު ނުވާހާހިނދަކު، އޭގެ ކޮންޓުރޯލްވަނީ ތިބާގެ އަތްމަތީގައެވެ. ނަމަވެސް އެ ބަސްތައް ތިބާގެ ދުލުން ބޭރުވުމުން ދެން އެއަށް ބާރުފޯރުވޭނޭ ފަރާތެއްކަމުގައި ތިބާ ނުވެއެވެ. އެ ބުނެވުނު ބަސް އަނބުރާ ނުގެނެވޭނެއެވެ. ވީމާ، ވާހަކަ ދެއްކުމުގެ ކުރިން އެވާހަކައަކީ ހެޔޮ ބަސްތަކެއްތޯ ވިސްނަންޖެހެއެވެ.

ދައްކަން އުޅޭ ވާހަކަ ހިމެނެނީ، އަންނަނިވި ތިން ޙާލަތުގެ ތެރެއިން ކޮންމެސް އެއް ބައެއްގައެވެ.

* ފުރަތަމަ ޙާލަތަކީ؛ އެ ބަސްތަކަކީ ހެޔޮ ބަސްތަކެއް ކަމުގައި ވުމެވެ. އެހެންވެއްޖެނަމަ ވާހަކަ ދައްކައި އެބަސްތައް ބުނާށެވެ. އެއިން ހެޔޮ ކަމެއް މެނުވީ ތިބާއަށް ނުފޯރާނެއެވެ.

* ދެވަނަ ޙާލަތަކީ؛ އެ ބަސްތަކަކީ ނުރަނގަޅު ނުވަތަ ގޯސް ބަސްތަކެއް ކަމުގައި ވުމެވެ. އެއީ ޣީބައިގެ ބަސްތަކެއް ނުވަތަ ފުރައްސާރައެއް ނުވަތަ ލަޢުނަތް ދިނުން ނޫނީ ފާހިޝް ބަސްތަކެއް ކަމުގައިވަނީނަމަ އެބަސްތައް ބުނުމުން އެއްކިބާވާށެވެ.

ދުލުގެ އާފަތްތަކުން ސަލާމަތްވުމަށް އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْراً مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْراً مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ) (الحجرات 11) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ!"

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (وَلَا يَغْتَب بَّعْضُكُم بَعْضاً) (الحجرات 12) މާނައީ: "އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ!"

* ތިންވަނަ ޙާލަތަކީ؛ އެބުނަން އުޅޭ ބަހަކީ ހެޔޮ ބަހެއްކަން ނުވަތަ ނޫންކަން ނޭނގުމެވެ. ނުވަތަ ހެޔޮ ބަހެއް ކަމަމާމެދު ޝައްކުވުމެވެ. މިފަދަ ޙާލަތެއްގައިވެސް ހެޔޮ ބަހެއްކަން ނުވަތަ ނޫންކަން ރަނގަޅަށް ސާފުކޮށް ނޭނގޭނަމަ، އެވާހަކަ ދެއްކުމުންވެސް އެއްކިބާވާށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގައިވެއެވެ. "ޝައްކުވާ ކަންތައްތަކުން އެއްކިބާވެއްޖެ މީހާ އޭނާގެ ދީނުގެ ރައްކާތެރިކަން ހޯދައިގެންފިކަން ކަށަވަރެވެ. އަދި ޝައްކުގެ ތެރެއަށް ވަދެއްޖެމީ އޭނާއަށް އެ ވަދެވެނީ ނަހީކުރެއްވި ކަންތައްތަކެއްގެ ތެރެއަށެވެ."

ވީމާ، މި ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެންގެ ދުލުން ބުނާ ބަސްތަކަށް ރައްކާތެރިވެ، ހެޔޮ ބަހެއް މެނުވީ ނުބުނުމަށް އަޒުމު ކަޑައަޅާށެވެ. މާތް ﷲ އަށް އީމާންވެ، އާޚިރަތްދުވަސް އަންނާނޭކަމަށް އީމާންވާ މީހަކު ހެޔޮ ބަހެއް މެނުވީ ނުބުނުމަށް ދީނުގައިވަނީ އަންގަވާފައެވެ.