ލައިފްސްޓައިލް

\

މާޔޫރް ޝިލްކޭ އަކީ މުމްބާއި ރެއިލްވޭ ސްޓޭޝަންގައި މަސައްކަތްކުރާ މީހެކެވެ. އޭނާގެ ހިތްވަރުގަދަ ކަމާއި ރަނގަޅު ކަމުން ގިނަ ބަޔަކަށް މިއަދު އޭނާއަކީ ހީރޯއަކަށް ވަނީ ވެފަ އެވެ.

ޝިލެކޭ އޭނާގެ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ހަ އަހަރުގެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްދެވޭތޯ ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެކެވެ. އަދި ކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދިނުމުން ލިބުނު ތައުރީފުގެ މައްޗަށް އިތުރު ތައުރީފު ލިބުނީ އެކަމުގެ އިނާމެއްގެ ގޮތުން ލިބުނު ފައިސާގެ ދެ ބައިކުޅަ އެއްބައި ކުއްޖާގެ ތައުލީމަށް ހަދިޔާކުރަން ޝިލްކޭ ނިންމީމަ އެވެ.

އޭޕްރީލް 17، 2021 ގައި މި ހާދިސާ ހިނގި ވަގުތު ޝިލްކޭ ހުރީ ތާނޭގެ ރޭލް ސްޓޭޝަނެއްގައި ރޭލު އަންނަ ދިމާލަށް ބަލަހައްޓައިގެނެވެ. އެވަގުތު ޕްލެޓްފޯމް މަތިން ކުޑަ ކުއްޖަކު އޭނާގެ މަންމައާއެކު ހިނގާފައި އަންނަނިކޮށް ކުއްލިއަކަށް އެ ކުއްޖާ ރޭލް ދަގަނޑު މައްޗަށް ވެއްޓުނީ އެވެ. އޭރު ރޭލް އައިސް އަރާ ހަމަވާން އިނީ މަދު ސިކުންތުކޮޅެކެވެ.

އެ ވަގުތު އެ މަންޒަރު ފެންނަ ހިސާބުގައި އެތައް ބަޔަކު ތިބި ނަމަވެސް ކުއްޖާގެ ފުރާނަ ސަލަމަތްކުރަން ރޭލް ދަގަނޑު މައްޗަށް ފުންމާލީ ޝިލްކޭ އެވެ. އޭނަ ދުވެފައި ގޮސް ކުއްޖާ ނަގާ ޕްލެޓްފޯމަށް އެރުވުމަށް ފަހު އޭނާއަށް ސަލާމަތުން އެރުނީ ހަމަ ކިރިޔާ އެވެ. އެންމެ ސިކުންތެއް ލަސްވި ނަމަވެސް އޭނާ ރޭލު ދަށުވީހެވެ.

މި ހާދިސާގެ މަންޒަރުތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ވީޑިއޯ ބަލާފައި މީހުންގެ ގައިން ހީބިހި ނަގާހާ މި މަންޒަރު ބިރުވެރި އެވެ. އަދި ޝިލްކޭގެ ހިތްވަރަށް ތައުރީފު ހައްގު ކަމަށް ވީޑިއޯ ބެލި މީހުން އެއްބަސްވެ އެވެ.

ސެންޓްރަލް ރެއިލްވޭގެ މުވައްޒަފުން މިދިޔަ އަންގާރަ ދުވަހު ވަނީ ޝިލްކޭގެ މި ހިތްވަރުގަދަކަމުގެ އިނާމެއްގެ ގޮތުގައި އޭނާއަށް 50،000 ރުޕީސް ދީފަ އެވެ. އެހާތަނުން އަނެއްކާވެސް ފެނުނީ ޝިލްކޭގެ ރަނގަޅުކަމުގެ މިސާލެކެވެ. އެ ފައިސާގެ ދެ ބައިކުޅަ އެއްބައި އެ ކުއްޖާގެ ތައުލީމަށް ހަދިޔާކުރާކަން ޝިލްކޭ އިއުލާން ކުރުމުންނެވެ.

މި ކުއްޖާގެ މަންމައަކީ ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ އަންހެނެކެވެ. ރޭލް އައިސް އައިސް ހުއްޓާ ކުއްޖާ ރޭލު ދަގަނޑު މައްޗަށް ވެއްޓުމުން ހަދާނެ ގޮތެއް އެ ކުއްޖާގެ މަންމައަށް ނޭނގުނީ ލޮލަށް ނުފެންނާތީ އެވެ.

"އަހަރެންނަށް އިނާމުގެ ފައިސާ ލިބުނުހާ އަވަހަކަށް ކުއްޖާގެ އުޖާލާ މުސްތަގްބަލަށްޓަކައި އޭނާއަށް ތައުލީމު ހާސިލުކޮށްދިނުމަށް ފައިސާގެ އެއްބައި ދޭނަން. އެ ކުއްޖާގެ މަންމައަކީ ލޯފަން މީހެއް. އަދި އެމީހުންގެ ގޭގެ ހާލަތު ވެސް ވަރަށް ގޯސްކަން އަހަރެންނަށް ވަނީ އެނގިފައި،" އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޝިލްކޭ ބުންޏެވެ.

ޝިލްކޭ ބުނި ގޮތުގައި އެ ކުއްޖާގެ ފުރާނަ ސަލާމަތްވުމުގެ ވަސީލަތަކަށް އޭނާ ވީ ފަދައިން ކުއްޖާއަށް ރަނގަޅު ތައުލީމެއް ހޯދައިދީ އޭނާގެ މުސްތަގްބަލް ބިނާ ކުރުމަށް މަސައްކަތްކޮށްދޭ މީހަކަށް ވެސް އޭނާ ވާނެ އެވެ.