ކޮރޯނާވައިރަހުގެ ބަލިމަޑުކަން އިންޑިޔާގައި އިންތިހާއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދަނީ އިލްތިމާސް ކުރަމުންނެވެ އެގޮތުން ފޭސް މާސްކް ނާޅައި ބޭރަށް ނުކުތުމަކީ މުޅިން މަނާ ކަމެއް ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.
އަދި ތެލަންގަނާ ސަރުކާރުން މިމަހު ކުރީކޮޅު އިއުލާން ކޮށްފައިވާ ގޮތުގައި އެ ސްޓޭޓުގައި މާސްކް ނާޅައި އުޅޭ މީހުން 1000 ރުޕީސް އިން ޖޫރިމަނާ ކުރާނެ އެވެ.
ނަމަވެސް ތެލަންގަނާގައި އުޅޭ ޖަނަވާރު ގެންގުޅޭ މީހެއް ކަމަށްވާ މެކާލާ ކުރްމައްޔާ އޭނާގެ ޕެންޝަން ފައިސާ ނަގަން ކޮންމެހެން ވެސް ޕެންޝަން އޮފީހަށް ދާން ޖެހުނެވެ. ނަމަވެސް އޭނާގެ އަތުގައި ފޭސް މާސްކް ގަންނާނެ ފައިސާއެއް ނެތެވެ.
ފޭސް މާސްކް ނާޅައި ސަރުކާރުގެ އެއްވެސް އޮފީހަކަށް ވަންނަން ހުއްދަ ނުލިބޭނެކަން ކުރްމައްޔާ އަށް ޔަގީން ކުރެވުނެވެ. އެހެންވެ ދޫނި ހާއްޔަކުން އަމއްލައަށް މާސްކެއް ހަދައިގެން މޫނުގައި އެ މާސްކް އަޅައިގެން ޕެންޝަން ފައިސާ ނަގަން އޭނާ ދިޔައީ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮރޯނާވައިރަހާ ދެކޮޅަށް ދުނިޔެ މިހާރު ކުރަމުންދާ ހަނގުރާމައިގައި ފޭސް މާސްކް އަކީ ވަރަށް މުހިއްމު އެއްޗެކެވެ. ބަލި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އެރުމުން ރައްކާތެރިކޮށްދޭ މައިގަނޑު އެކައްޗަކީ ފޭސް މާސްކް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިހާރު އިރުޝާދު ދެނީ މަތިމައްޗަށް ދެ މާސްކް އަޅައިގެން އުޅުމަށެވެ.
ޑަބަލް މާސްކް އެޅުމުން ވައިރަސް އަށް އިންސާނާ ހުށަހެޅުމުގެ ނުރައްކާ 95.9 ޕަސެންޓް ދަށްވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.