ބޮލީވުޑް

ކޮޓަރިއަށްލާ ތަޅުލީމަ ވެސް ޝްރީދޭވީއާ ޖާޔާ ވާހަކަ ނުދެއްކި

ޖާޔާ ޕްރަދާ އާއި ޝްރީދޭވީއަކީ 80 އިގެ އަހަރުތަކުގައި ބޮލިވުޑްގައި އެންމެ ބޮޑު ވާދަވެރި ކަމެއް އޮތް ދެ ބަތަލާއިންނެވެ. މި ދެ އެކްޓަރުންގެ ވާދަވެރިކަން އޮތް މިންވަރަކީ ހަސަދައިގެ ބޮޑުވެގެން ދިޔަ ދިޔައިނުން ގޮސް އެކަކު އަނެކަކާ ވާހަކަ ދައްކަން ވެސް ބޭނުން ނުވުމެވެ.

ޖާޔާގެ އެންމެ ބޮޑު ވާދަވެރިޔާ ޝްރީދޭވީ މިހާރު މި ދުނިޔެއަކު ނެތެވެ. ނަމަވެސް އޭނާ ދުނިޔޭގައި ހުރިއިރު އަދި އެމީހުންގެ ފިލްމު ކުޅުމުގެ ރަންޒަމާނުގައި އެމީހުންގެ މެދުގައި އޮތީ ވަރަށް ވަރުގަދަ ވާދަވެރި ކަމެއް ކަމަށް ޖާޔާ ވެސް އެއްބަސްވި އެވެ.

މިހާރު ސޮނީ ޓީވީން ދައްކާ މިއުޒިކް ރިއަލިޓީ ޝޯ އިންޑިއަން އައިޑޮލް 12 ގެ މި ހަފުތާގެ އެޕިސޯޑެއްގައި ޖާޔާ ޕްރަދާ ބައިވެރިވެ މި ވާހަކައިގެ ތަފްސީލުތައް ހިއްސާ ކޮށްފައި ވެއެވެ.

ޖާޔާ ބުނި ގޮތުގައި 1984 ގައި އޭނާ އާއި ޝްރީދޭވީ އެކުގައި "މަގްސަދު" ކިޔާ ފިލްމެއް ކުޅުނެވެ. އެ ފިލްމުގެ ބަތަލުންނަކީ ރާޖޭޝް ކަންނާ އާއި ޖީތެންދުރަ އެވެ. އެއް ފިލްމެއްގައި މަސައްކަތް ކުރިޔަސް ޖާޔާ އާއި ޝްރީދޭވީ ވާހަކަ ނުދައްކާނެކަން ރާޖޭޝް ކަންނާ އާއި ޖީތެންދުރައަށް އެނގިގެން ވަރަށް މޮޅު ރޭވުމެއް ރޭވި އެވެ.

"އަހަރެމެން ދެ މީހުންގެ ޒާތީ ދުޝްމަން ކަމެއް އޮވެގެނެއް ނޫން ވާހަކަ ނުދައްކަނީކީ. އަސްލު ދެ މީހުންގެ ކެމިސްޓްރީ މެޗު ނުވަނީ. އަހަރެމެން ދެ މީހުން އެކަކު އަނެކަކާ ހަތަރުކަޅި ހަމައެއް ނުކުރަން. އަބަދުވެސް ދެ ވާދަވެރިންގެ ގޮތުގައި ދެކެނީ. އެއީ ހެދުން ރިހާސަލް އަކުން ކަމަށް ވިޔަސް އަދި ނެށުމުގެ ރިހާސަލް އަކުން ކަމަށް ވިޔަސް އަހަރެމެން ދެ މީހުންނަށް އެކަކު އަނެކަކު ތައާރަފްކޮށް ދޭ ކޮންމެ ފަހަރަކު އަހަރެމެން ހަމައެކަނި "ނަމަސްތޭ" އޭ ކިޔާ ސަލާން ގޮވާލާފައި އަވަހަށް ދާން ބޭނުންވާ ދިމާލަކަށް ދަނީ،" ޖާޔާ ބުންޏެވެ.

މި ދެ މީހުން ރައްޓެހި ކުރެވޭތޯ އެ މީހުން އެއް މޭކްއަޕް ރޫމަކަށް ލައި ތަޅުލާފައި ގަޑިއެއްހާއިރު ބޭތިއްބިއިރު ވެސް އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށް ޖާޔާ ބުންޏެވެ.

"އެހިސާބުން އެންމެންނަށް ވެސ އެނގިއްޖެ މިއީ ކުރެވޭނެ ކަމެއް ނޫން،" ޖާޔާ ބުންޏެވެ.

ނަމަވެސް 2018 ގައި ޝްރީދޭވީ މަރުވެފައިވާތީ އޭނާގެ މަތިން ވަރަށް ހަނދާންވާ ކަމަށް ޖާޔާ ބުންޏެވެ. އަދި ތަންކޮޅެއް ގިނައިން އޭނާއާ ވާހަކަ ދެއްކުނު ނަމައޭ ހިތަށް އަރާ ކަމަށާއި ވާހަކަ ނުދެއްކުނީތީ ވަރަށް ދެރަވާ ކަމަށް ވެސް ޖާޔާ ބުންޏެވެ.

"މިއަދު އޭނާ ދުނިޔެއަކު ނެތް. އަހަރެން އޭނަ މަތިން ވަރަށް ހަނދާންވޭ. އަހަރެންގެ ބޮލީވުޑްގެ އެންމެ ބޮޑު ވާދަވެރިޔާ ނެތީމަ އެކަނިވެރިކަން އިހްސާސްވޭ،" ޖާޔާ ބުންޏެވެ.