ބޮލީވުޑް

ފިލްމު ކުޅެން ފެށިއިރު އެކައްޗެއް ވެސް ނޭނގޭ: މަނީޝާ ކޮއިރާލާ

މަނީޝާ ކޮއިރާލާއަކީ އިންޑިޔާއަށް އުފަން ބަތަލާއެއް ނޫންނަމަވެސް ބޮލީވުޑްގައި އޭނާ ވަރަށް ރަނގަޅު ކެރިއަރެއް ބިނާކޮށް ދިގު މުއްދަތެއްގައި ފިލްމު ކުޅުމުގައި ހޭދަ ކޮށްފައި ވެއެވެ. ނަމަވެސް މަނީޝާގެ ފިލްމީ ކެރިއަރުގެ ފެށުން ރަނގަޅުވީ އަދި ރަނގަޅު ގިނަ ފިލްމުތަކެއް ކެރިއަރުގެ ކުރީކޮޅު ކުޅެވޭ ގޮތްވީ ކޮންމެހެން އޭނާއަށް މާ ރަނގަޅަށް ފިލްމާ ގުޅޭ ކަންކަން އެނގޭތީ އެއް ނޫނެވެ.

މަނީޝާ ބުނި ގޮތުގައި ފިލްމު ކުޅެން ފެށިއިރު އެކައްޗެއް ވެސް އޭނާއަކަށް ނޭނގެ އެވެ. "ދިލް ސޭ"، "ޚާމޯޝީ" އަދި "ބޮމްބޭ" ފަދަ ފިލްމުތަކުގައި ސޮއިކުރީ އަދި އެ ފިލްމުތައް ކުޅުނީ މޮޅު ޑައިރެކްޓަރުންނާއި މޮޅު އެކްޓަރުންނާއެކު މޮޅު ފިލްމުތަކެއް ކުޅުމުގެ މަގްސަދުގައި ނޫން ކަމަށް ވެސް މަނީޝާ ބުންޏެވެ.

"މަޝްހޫރު ޑައިރެކްޓަރުންނަކީ ކޮބައިކަމެއް އަދި މޮޅު ސްކްރިޕްޓަކީ ކޮބައި ކަމެއް ދެނެގަންނާކަށް އަހަންނަކަށް އޭރަކު ނޭނގޭ. އެއަށްވުރެ އަހަރެން މާ ހަގު. އަހަރެން ހިތަށް އެރި ފިލްމެއްގައި ސޮއިކުރީ،" މަނީޝާ ބުންޏެވެ.

ކަން ދިމާކުރި ގޮތުން އޭނާއަށް އެ ދުވަސްވަރު ލިބުނީ އެއްވަރުގެ މޮޅު ފިލްމުތަކެވެ. މިސާލަކަށް ވިދޫ ވިނޯދް ޗޯޕްޅާގެ "1942: އަ ލަވް ސްޓޯރީ" އާއި ސަންޖޭ ލީލާ ބާންސާލީގެ "ޚާމޯޝީ" އެވެ. މި ފިލްމުތަކަކީ މިޒަމާނުގައި އިއުލާންކުރި ފިލްމުތައް ނަމަ ހުރިހާ ބަތަލާއިން މިފިލްމު ލިބޭތޯ މަސައްކަތް ކުރީހެވެ.

މަނީ ރަތުނަމް އަކީ ކިހާ މޮޅު ޑައިރެކްޓަރެއް ކަން ވެސް މަނީޝާ އަށް އެނގުނީ "ބޮމްބޭ" ގައި އޭނާއާއެކު މަސައްކަތް ކުރީމަ އެވެ.

"ފަހުން 'ދިލް ސޭ' ލިބުނީމަ ހިތަށް އެރި ހާދަހާމޮޅު ޑައިރެކްޓަރަކީ މަނީ ރަތުނަމް އަކީ،" މަނީޝާ ބުންޏެވެ.

ނޭޕާލުގައި ހުންނަ އަމިއްލަ ގޭގައި މިވަގުތު ހުރި މަނީޝާ ބުނީ އާއިލާގެ މީހުންނާއި ރައްޓެހިންގެ ބޭނުން ވިސްނުނީ ކެންސަރާ ހަނގުރާމަ ކުރަން ޖެހުމުން ކަމަށެވެ.

ކަތުމަންޑޫގައި ހުންނަ އަމިއްލަ ގޭގައި މަނީޝާ މުނިފޫހިފިލުވަން ކުރާ ކަމަކީ ގަސް ހެއްދުމާއި ލަވަކިޔުން އަދި ޔޯގާ އެވެ.

މިހާރުގެ ހާލަތުން އޭނާއަށް ވެސް އަބަދު އުފަލުގައި ނުހުރެވޭ ކަމަށް މަނީޝާ ބުންޏެވެ. ނަމަވެސް ރައްޓެހިންނާއި އާއިލާގެ މީހުންނާއެކު ފޯނުން ގުޅައިގެން ފޫހިފިލާ ކަމަށް އޭނާ ބުންޏެވެ.

ކެރިއަރުގެ ކުރީކޮޅު އޭނާއަށް މޮޅު ފިލްމުތައް ލިބުނީ އެ ފިލްމުތައް ހޯދަން އެއްވެސް ކަމެއް ކުރުމަކާ ނުލައި ނަމަވެސް މިހާރު އޭނާ ރަނގަޅު ޕްރޮޖެކްޓްތައް ހޯދަން މީހުންނަށް ގުޅާކަށް އެއްވެސް ޖެހިލުމެއް ނުވާކަމަށް މަނީޝާ ބުންޏެވެ.

"ކުރީގަ ނަމަ ފަސް ޖެހެވޭނެ. ނަމަވެސް މިހާރު ޖެހިލުމެއް ނުވޭ. އަހަރެން ބޭނުންވަނީ މޮޅު ރޯލުތައް. އާދައިގެ ރޯލުތައް ކުޅެން ފޫހިވޭ. ޗެލެންޖިން ރޯލުތައް އެކަނި ކުޅޭނީ ދެން،" މަނީޝާ ބުންޏެވެ.

މަނީޝާ އެންމެ ފަހުން ފެނިފައި ވަނީ "ސަންޖޫ" އިންނެވެ. މި ފިލްމުގައި އޭނާ ކުޅެފައިވަނީ ސަންޖޭ ދަތުގެ މަންމަ ނަރްގިސްގެ ރޯލެވެ.