ބޮލީވުޑް

ސޫރަޖްގެ "އޫންޗާއީ" ޕަރިނީތީއަށް

އަމީތާބު ބައްޗަންގެ 79 ވަނަ އުފަން ދުވަހާ ދިމާކޮށް ޕަރިނީތީ ޗޯޕްޅާ ވަނީ އޭނާގެ އާ ފިލްމެއް އިއުލާން ކޮށްފަ އެވެ. އަމީތާބު ބައްޗަން އާއެކު ޕަރިނީތީ ކުޅޭ "އޫންޗާއީ" ގައި ނީނާ ގުޕްތާ އާއި އަނޫޕަމް ކޭރް، ޑެނީ ޑެންޒޮޕާ، ސާރިކާ އަދި ބަމަން އިރާނީ ވެސް ބައިވެރިވެ އެވެ.

މި ފިލްމް ޑައިރެކްޓް ކުރަނީ "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ އެވެ.

ސޫރަޖް އާއެކު ނޭޕާލްގައި ހުރެގެން ޕަރިނީތީ ނަގާފައިވާ ފޮޓޯއެއް ޝެއާ ކުރަމުން ޕަރިނީތީ އިންސްޓަގްރާމްގައި ޝެއާ ކުރި މެސެޖެއްގައި ބުނެފައި ވަނީ ސޫރަޖް ކަހަލަ ގަދަރުވެރި ޑައިރެކްޓަރަކާއެކު އަދި އަމީތާބު ފަދަ އެކްޓަރަކާއެކު މި ފލްމުކުޅެން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޕަރިނީތީ އާއި ޑައިރެކްޓަރު ސޫރަޖް އަދި މި ފިލްމުގެ ކުރޫންގެ ގިނަ ބަޔަކު މިހާރު ތިބީ ފިލްމުގެ ޝޫޓިންގަށް ނޭޕާލްގަ އެވެ. އިއްޔެއިން ފެށިގެން ފިލްމުގެ ޝޫޓިން ފަށާފައިވާއިރު 40 ދުވަހުގެ ޝެޑިއުލެއް ނޭޕާލްގައި ފުރިހަމަ ކުރަން ވަނީ ހަމަޖެހިފަ އެވެ.

ޕަރިނީތީ މި ފިލްމުގެ ޝޫޓިންގަށް ނޭޕާލަށް ދިޔައީ މައިންބަފައިންނާއި ކޮއްކޮ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެވެ.

"އޫންޗާއީ" ގައި ކިޔައި ދެނީ އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ ހަތަރު އެކުވެރިއެއްގެ ހަޔާތުގެ ވާހަކަ އެވެ. މި ހަތަރު އެކުވެރިންގެ ބައި ކުޅެނީ އަމީތާބާއި ޑެނީ އަދި ބަމަން އިރާނީ އާއި އަނޫޕަމް ކޭރް އެވެ.

އަންނަ އަހަރުގެ މާޗް މަހު ރިލީޒް ކުރުމަށް އަމާޒު ކަނޑައަޅައިގެން ފަށާފައިވާ މި ފިލްމުގެ ދެ ޝެޑިއުލް އެއް މުމްބައި އާއި ދިއްލީގައި ވެސް ފުރިހަމަ ކުރަން ވަނީ ހަމަޖެހިފަ އެވެ.