ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ކުރެއްވި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލައްވައިފި އެވެ. އޭނާ ވިދާޅުވީ މާޗް 31 ގައި އޭނާ ފެއްޓެވި ބަނޑުހައި ހޫނުކަން އިތުރަށް ދިގުދަމާލައްވައިފި ނަމަ ބަނޑަށް މަރުވެދާނެ ކަމަށެވެ.
ނަވަލްނީ މިވަގުތު ހުންނެވީ ޖަލު ހައްޔަރުގަ އެވެ. އޭނާ މިދިއަ މަހު ހަޅުތާލު ފެއްޓެވީ ޖަލުގެ ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެވެ. އޭނާއަށް ބޭސް ފަރުވާގެ ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ އެވެ. އަދި ޖަލު ބަލަހައްޓާ މީހުންގެ އުނދަގުޅާ ހެދި ނިދި މަދުވެ ގައިގައި ރިއްސާ ކަމަށް ވެސް ވިދާޅުވި އެވެ.
ބަނޑުހައިހޫނުގަކުގެ ހަޅުތާޅު ދިގު ދެމިގެންދިއުމާ ގުޅިގެން ނަވަލްނީ ވަނީ ޖަލު ހޮސްޕިޓަލަކަށް ބަދަލު ކޮށްފަ އެވެ. އެތަނުގައި ނަވަލްނީއަށް ވިޓަމިން ތެރަޕީ ދެވުނެވެ. އިތުރު އެހެން އެއްޗެއް ގަބޫލެއް ނުކުރެއްވި އެވެ.
ނަވަލްނީ ދޫނުކޮށްލައިފި ނަމަ ރަޝިއާއަށް ދަތިކުރާނެ ކަމަށް އެމެރިކާއާ ޔޫރަޕުން ތަކުރާރުކޮށް ބުނި ނަމަވެސް ނަވަލްނީ އަދި ވެސް ހުންނެވީ ޖަލުގަ އެވެ. ޕްރޮސެކިޔުޓަރުން ބުނީ ނަވަލްނީއަށް ޖަލު ބަންދަށް ވަޑައިގަންނަވަން ޖެހުނީ އަމަލުތައް ބެހެއްޓެވި ގޮތުން ކަމަށެވެ. ރަޝިއާ ސަރުކާރުން ދިން ލުއިތަކާއެކު ވެސް އޭނާ ވަނީ ޕެރޯލް ގާނޫނާ ޚިލާފުވެ ވަޑައިގެންފައި ކަމަށެވެ.