ހުޅުމާލެ

ހުޅުމާލޭގައި ސްކޫލެއް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ސްކޫލެއް އަޅަން ކޮންޓްރެކްޓަރާ ބިން ހަވާލު ކޮށްފި އެވެ. އާ ސްކޫލް އަޅަނީ ހުޅުމާލޭގެ ދެވަނަ ބިމުގަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކޮންޓްރެކްޓަރާ ބިން ހަވާލުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. ހުޅުމާލޭގައި ސްކޫލެއް އަޅަނ2 ބިން ހަވާލުކުރި ނަމަވެސް ކޮންޓްރެކްޓަރާ ގުޅޭ އެއްވެސް މައުލޫމާތު އެޑިއުކޭޝަނާއި އެޗްޑީސީއަކުން ވެސް އަދި ނުދެ އެވެ.

އެކަަމަކު ހުޅުމާލޭގައި އާ ސުކޫލެއް އިމާރާތް ކުރަން އެޑިއުކޭޝަނުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭ އަމީން ކޮންސްޓްރަކްޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އެ މަޝްރޫއަށް 118 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވެ އެވެ. އަދި 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ، އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެޑިޔުކޭޝަނާ ސްކޫލާ ހަވާލު ކުރާނެ ކަމަށް ބުނެފައި ވެއެވެ.

ހުޅުމާލޭގެ އަލަށް އިމާރާތްކުރާ ސުކޫލުގެ ނަމަކީ "ސަލާހުއްދީން ސުކޫލް" އެވެ. އެއީ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް 1،200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އެޅުމަށް ވެސް ފިނޭންސް މިނިސްޓްރީން މިހާރު ދަނީ ބަޔަކު ހޯދުމުންނެވެ.

ހުޅުމާލޭގައި މިހާރު ވެސް ތިން ސްކޫލެއް ހިންގަ އެވެ. އެއީ ހުރަވީ ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން ގާޒީ ސްކޫލެވެ. ހުރަވީ ސްކޫލު ހިންގަނީ އެއް ދަންފަޅި އަށެވެ.