ގއ. ނިލަންދޫ ސްކޫލު ޕްރިންސިޕަލް ހަދީޖާ އިބްރާހީމްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ނިލަންދޫ ސްކޫލުގެ ޕްރިންސިޕަލްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށްޓަކަ އެވެ.
ދައުވާ ކުރަން ފޮނުވާފައިވަނީ 2019 ވަނަ އަހަރު އެ ރަށު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ އެކު ހިނގާދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ.
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން ތިން ފަރާތަކުން ބިޑު ހުށަހަޅާފައިވެ އެވެ. އެ ތިން ފަރާތަކީވެސް ޕްރިންސިޕަލާއި ގާތްގުޅުން ހުރި ފަރާތްތަކެެއް ކަމަށް އޭސީސީން ބުނެ އެވެ. އަދި އެ ތިން ބިޑު ތައްޔާރުކޮށްފައިވަނީ ވެސް އެއް ފޯމެޓަކަށެވެ. މީގެއިތުރުން އެ މަސައްކަތް ހަވާލުކުރި ފަރާތަކީ ވެސް ސްކޫލުގެ ޕްރިންސިޕަލާ ގާތް ގުޅުމެއް އޮތް މީހެކެވެ.
ޕްރިންސިޕަލްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާތީ އާއި މަސައްކަތް ހަވާލުކުރި ފަރާތާއެކު ވެފައިވާ ވަގުތީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައިކަމަށް ވާތީ އެވެ.
އޭސީސީ އިން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މައްސަލާގައި ދައުވާކުރުމަށްޓަކައި ޕީޖީ އަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.