ހަބަރު

ޝަކީބު ވަކިކޮށްދޭން އެދި މުވައްޒަފުން މިނިސްޓްރީއަށް

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، ޑީޕީއީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބު، އެ މަގާމުން ވަކިކޮށް ދޭން އެ ޑިޕާޓްމެންޓްގެ މުވައްޒަފުންތަކެއް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އަރިހުން އެދިއްޖެ އެވެ.

ނަން ހާމަނުކޮށް ޑީޕީއީގެ މުވައްޒަފުންތަކެއް ފަރާތުން މިނިސްޓަރަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. ފަސް ސަފުހާގެ އެ ސިޓީގެ ކޮޕީއެއް ވެސް ލިބިފައިވާއިރު، އޭގައި މުވައްޒަފުންނާމެދު ޝަކީބު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން މުވައްޒަފުންގެ "ބްލެކް ލިސްޓް"އެއް އޮންނަ ކަމަށާއި އެ ލިސްޓްގައި ހިމެނޭ މުވައްޒަފުންނަށް ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ސަބަބުން މުވައްޒަފުންނަށް ނަފްސާނީ ގޮތުން ގިނަ އަނިޔާތަކެއް ލިބެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މުވައްޒަފުންނާމެދު އެންމެ ބޮޑު ތަފާތުކުރުމެއް ޝަކީބު ގެންގުޅުއްވަނީ އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާއާ ގުޅޭ ގޮތުން ކަމަށް މުވައްޒަފުން ތުހުމަތު ކުރެ އެވެ. އެހެން މުވައްޒަފަކަށް ކުޑަ ވެސް އޮޅުމެއް ނޫނީ ކުށެއް ކުރެވޭއިރަށް އެކަން ސީރިއަސްކޮށް ބަލައި ބަޔާން ނަގައި ހަދާ ކަމަށާއި ނަމަވެސް އުމްނިޔާ މުސްތަފާގެ އިހުމާލުން ކަމެއް ވިޔަސް އެ މައްސަލައެއް ނުބަލާ ޝަކީބު ހުއްޓުވާ ކަމަށް ސިޓީގައިވެ އެވެ.

އެ ކަންބޮޑުވުންތައް ޑީޕީއީގެ ގިނަ މުވައްޒަފުންގެ އެބަހުރި ކަމަށާއި ކުރީ ސަރުކާރުގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށް ސިޓީގައި ބުނެފައިވެ އެވެ. ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުންޏެވެ. އެހެންވެ، އެ މުވައްޒަފުން އެދިފައިވަނީ ޝަކީބު އެ މަގާމުން ވަކިކޮށް ޒިންމާދާރު ވެރިއެއް އެތަނަށް އައްޔަން ކުރުމެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ވެސް އެ މުވައްޒަފުން ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ އޭސީސީއިން ވަނީ ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީއަށް ފޮނުވާފަ އެވެ. އޭސީސީއިން ބުނާ ގޮތުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް އޮތީ ސީއެސްސީއަށެވެ.

އޭސީސީއަށް ފޮނުވި މައްސަލާގައި ޝަކީބު، މަގާމު ބޭނުން ނާޖައިޒު ގޮތުގައި ހިފާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން ރަސްމީ ދަތުރުތަކުގެ ގޮތުގައި އަމިއްލަ ދަތުރުތައް ކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ބޭރަށް ކުރާ ދަތުރުތަކުގައި އަބަދުވެސް ޝަކީބު ގެންދަނީ އަނބިކަނބަލުން ކަމަށާއި އެ ފުރުސަތު އެހެން މުވައްޒަފުންނަށް ނުލިބޭ ކަމަށް ވެސް ސިޓީގައިވެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ޗެނަލް13 އިން ދެއްކި ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ޕްރޮމޯޓްކުރާ ޕްރޮގްރާމެއް ޝަކީބު ހުށަހަޅުއްވާފައިވާތީ އޭރު ގިނަ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އެކަން ވެސް މުވައްޒަފުން ވެސް މަގާމާ ނުގުޅޭ އަމަލެއްގެ ގޮތުގައި ފާހަގަކޮށް، އެކަން ބަލައިދިނުމަށް އެދިފަ އެވެ.

މި ޝަކުވާތައް ވަޒީފާއާ ބެހޭ ޓްރިބިއުނަލަށާއި ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްއަށް ވެސް މުވައްޒަފުން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް މުވައްޒަފުންގެ ތުހުމަތުތައް ޝަކީބު ވަނީ ދޮގު ކުރައްވާފަ އެވެ.

ޑީޕީއީއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމެންޓެއް ކަމަށްވީ ނަމަވެސް އެއީ ވަކި މުއައްސަސާއެކެވެ. އިމްތިހާނުތަކުގެ ކަންކަމާ ހަވާލުވެ އޮންނަ ޑީޕީއީގައި ގާތްގަނޑަކަށް 40 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.

ޝަކީބު އެ އިދާރާގައި މަސައްކަތް ކުރައްވާތާ 11 އަހަރު ވެއްޖެ އެވެ. އުމްނިޔާ މުސްތަފާ ވެސް އިދާރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެ އެވެ.