މާފުށީ ޖަލުގެ މުވައްޒަފުން ތަކަކާއި އޮފިސަރުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ އަޑުތައް ފެތުރެމުން ދާތީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ލިބި ދާނެ ނުރައްކަލަކުން ސަލަމާތް ކުރަން އެމަނިކުފާނު ވަގުތުން ގެއަށް ބަދަލުކޮށް ދޭން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިިފި އެވެ.
ޕީޕީއެމާއި ޕީއެންސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މައި ޖަލުގައި ކޮވިޑް ފެތުރެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށާ އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލާ ކަމަށެވެ.
ޕޮޒިޓިވް މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓަވާ ޖަލު އޮފިސަރަކު ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
"... ރޯދަ މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައި ވަނިކޮށް މާފުށީ ޖަލުން ކޮވިޑް-19 ފެނި، ރައީސް އަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމުގައި މި ކޯލިޝަނުން ގަބޫލު ކުރަމެވެ. އަދި މިއީ ސިޔާސީ ނުފޫޒުން ކުރެވިފައިވާ ހައްގު ނޫން ހުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ ދެ ވަނަ ރޯދަ މަސް. ވީމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލަމާތް ކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާނުގައި ވެއެވެ.
މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި ދެ ޖަލު ވަނީ ލޮކްޑައުން ކޮށްފަ އެވެ.