ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ތަފާތު މައްސަލަތައް ކުރިމަތިވި ހަ ރަށެއްގައި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެގޮތުން އިންތިހާބު ބާއްވާ ހަ ރަށުގެ ތެރެއިން ލ. މާވަށާއި ތ. ގާދިއްފުށީގައި އިންތިހާބު ބާއްވަނީ ދާއިރާގައި ނުހިމެނޭ ބަޔަކު ވޯޓުލާފައިވާތީ ނަތީޖާ އަށް އަސަރު ކުރާނެ ކަމަށް ބެލެވޭތީ އެވެ. މި ދެ ރަށުގައި ވޯޓުލާއިރު ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެ ދެ ރަށުގަ އެވެ.
ބާކީ ހަތަރު ރަށުގައި ވޯޓުލަނީ ބައެއް ވޯޓުތައް އެއްވަރުވެފައިވާތީ ހަމައެކަނި އެ ވޯޓުތަކާ މެދު ގޮތެއް ނިންމުމަށެވެ. އެގޮތަށް ވޯޓުލާ ހަތަރު ރަށަކީ ހއ. ތަކަންދޫ، ބ. ކިހާދޫ، މ. ރަތްމަންދޫ އަދި ފ. ދަރަނބޫދޫ އެވެ. މި ރަށްތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ރޯދަ މަހުގެ ތެރޭގައި މި ރަށްތަކުގައި ވޯޓުލުމަށް މަސައްކަތް ކުރަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ ވެސް ރޭ ވަނީ އިއުލާންކޮށްފަ އެވެ.
އިންތިހާބާ ގުޅުންހުރި 80 ޝަކުވާ ހުށަހަޅާފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ބާތިލު ވޯޓު އާދަޔާ ހިލާފަށް ގިނަވުމުން ހުށަހަޅާފައިވާ ޝަކުވާތަކާއި، ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ފަރަގު ކުޑަކަމުން ފޮށި ތަކެއް ގުނަން ހުށަހެޅި ޝަކުވާތަކާއި، ކައުންޓާ ފޮއިލް ދިމާ ނުވުމުގެ ޝަކުވާތަކެވެ.
ކައުންސިލް އިންތިހާބަކީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެންމެ ބޮޑު އިންތިހާބަށްވީ ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިހާބުގެ ކަންކަން ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް އިންތިހާބު އޮބްޒާވް ކުރި ފަރާތްތަކުން ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޖުމްލަ 1912 މީހުން އިންތިހާބު ކުރަން ވޯޓުލާފައިވެ އެވެ. އެކަމަކު ބައެއް ރަށްރަށުގައި ބައެއް މަގާމުތަކަށް ކުރިމަތިލާން ޖެހޭ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ ބައި-އިލެކްޝަނެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.