މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން 400 ގޮނޑި އަދި ޕީޕީއެމުން 325 ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށް އިންތިހާބުގެ ދާއީމީ ނަތީޖާއިން ކަށަވަރުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަނީ 804 ކެންޑިޑޭޓަކު ނެރެފައެވެ. އޭގެ ތެރެއިން 400 ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އެއީ މުޅި އިންތިހާބުގެ 43 ޕަސެންޓެވެ.
އެމްޑީޕީން ވަނީ ތިން ސިޓީގެ މޭޔަރުކަން ހޯދާފައެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއެވެ. ހަތަރު ސިޓީން ޖުމްލަ 18 ގޮނޑި ހޯދާފައިވެއެވެ. އަދި 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސުންނަށް އިންތިހާބުވީވެސް އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މީގެ އިތުރުން އެމްޑީޕީގެ 155 ކެންޑިޑޭޓަކު ވަނީ ކައުންސިލް މެންބަރު ކަމަށް އިންތިހާބުވެފައެވެ. އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 142 ގޮނޑި ލިބެނީވެސް އެމްޑީޕީއަށެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން 71 ރަށެއްގެ މެޖޯރިޓީ ލިބެނީ އެމްޑީޕީއަށެވެ.
ކައުންސިލް އިންތިހާބަށް ޕީޕީއެމުން ނެރެފައިވަނީ 646 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން 50 ޕަސެންޓް ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އެއީ 325 ގޮނޑިއެވެ. މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ 16 ގޮނޑި ޕީޕީއެމަށް ލިބެއެވެ. އޭގެ ތެރޭގައި މާލޭގެ 11 ގޮނޑި ހިމެނެއެވެ. ހަތް އަތޮޅެއްގެ ރައީސުންނަށް އިންތިހާބުވީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. އަދި ރަށު ކައުންސިލް ރައީސުންގެ 51 ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓުން ހޯދާފައިވެއެވެ. ކައުންސިލްތަކުން 121 ގޮނޑި އެ ޕާޓީއަށް ލިބޭއިރު އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 129 ގޮނޑި ޕީޕީއެމަށް ލިބެއެވެ.
64 ކައުންސިލެއްގެ މެޖޯރިޓީ އޮތީ ޕީޕީއެމަށެވެ.
ޖުމްހޫރީ ޕާޓީން މި އިންތިހާބަށް ނެރެފައިވަނީ 115 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން 26 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކޮށްފައިވެއެވެ. މާލެ ސިޓީން ގޮނޑި އަކާއި ތިން ރަށެއްގެ ރަށު ކައުންސިލްގެ ރައީސަކަށް ހޮވިފައިވަނީވެސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނެވެ. މީގެ އިތުރުން ކައުންސިލްގެ ހަތް ގޮނޑި އާއި އަންހެނުންނަށް ހާއްސަކުރި 15 ގޮނޑިއެއްވެސް އެ ޕާޓީން ހޯދާފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ ތިން ކައުންސިލެއްގައި އެބައޮތެވެ.
މި އިންތިހާބަށް އެމްޑީއޭއިން 20 ކެންޑިޑޭޓުން ނެރެ 16 ކެންޑިޑޭޓުން ކާމިޔާބު ހޯދާފައިވާއިރު އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން ނެރެ 13 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކޮށްފައިވެއެވެ.
އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އަމިއްލަ ގޮތުން 600 ކެންޑިޑޭޓުން ވާދަކުރިއިރު 173 ގޮނޑި ލިބެނީ އަމިއްލަ ކެންޑިޑޭޓުންނަށެވެ. އެއީ ސިޓީ ކައުންސިލްތަކުން ތިން ގޮނޑި އާއި ރަށު ކައުންސިލުގެ ރައީސުންގެ 36 ގޮނޑި އާއި ކައުންސިލް މެންބަރު ކަމުގެ 71 މަގާމެއް އަދި އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 62 ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓުންނެވެ.
އެހެން ކަަމުން 31 ރަށެއްގެ މެޖޯރިޓީ އޮތީ އަމިއްލަ ކެންޑިޑޭޓުންގެ އަތްމަތީގައެވެ.
މި އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަދި އަމިއްލަ ކެންޑިޑޭޓުންނަށްވެސް މެޖޯރިޓީ ނެތީ ފ. އަތޮޅާއި ގދ އަތޮޅާއި ހއ އަތޮޅާއި ހދ އަތޮޅު އަދި ތ އަތޮޅެވެ. ގދ ގެ ސާފު މެޖޯރިޓީ ނެތަސް ގިނައީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. ހއ އާއި ހދ ގައި ވަކި ބަޔަކަށް މެޖޯރިޓީ ނެތަސް ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ތ އަތޮޅުގެ ގިނަ ގޮނޑި ލިބެނީ ޕީޕީއެމަށެވެ.