އިލެކްޝަންސް ކޮމިޝަން

ދެވަނަ ބުރު 10 ރަށެއްގައި، އިންތިހާބު މެއި 1 ގައި

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް 10 ރަށެއްގައި ބާއްވަން ޖެހިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ހަތަރު ރަށެއްގައި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ހަ ރަށެއްގައި ބާއްވަން ޖެހޭ ކަމަަށެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. ތަަކަންދޫ އާއި ބ. ކިހާދޫ އާއި ފ. ދަރަބޫދޫ އަދި ލ. މާވަށުގައެވެ.

ތަކަންދޫގައި ދެވަނަ ބުރު ބާއްވަން ޖެހުނީ އެ ރަށު ކައުންސިލްގައި އަންހެނުންނަށް ހާއްސަ ދެ ގޮނޑީގެ ތެރެއިން ކުރި ހޯދި ކެންޑިޑޭޓުގެ ފަހަތުން ދެ ކެންޑިޑޭޓަކަށް ލިބުނު ވޯޓް އެއްވަރު ވެގެންނެވެ. އެ ދެ ކެންޑިޑޭޓުންނަށްވެސް ލިބިފައިވަނީ 285 ވޯޓެވެ.

ބ. ކިހާދޫގައިވެސް ދެ ކެންޑިޑޭޓަކު 102 ވޯޓުން އެއްވަރުގެ އެ ގޮނޑި ކަށަވަރު ކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ދެވަނަ ބުރެއް ބާއްވަަން ޖެހެއެވެ. މީގެ އިތުރުން ފ. ދަރަބޫދޫ ކައުންސިލުން އަންހެންނަށށް ހާއްސަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް ކެންޑިޑޭޓަކު އިންތިހާބު ކުރަން ދެވަނަ ބުރެއް ބާއްވާނެ އެވެ. އެއީ 172 ވޯޓުން ދެ ކެންޑިޑޭޓަކު އެއްވަރު ވުމުންނެވެ.

އިންތިހާބުގެ ދެވަނަ ބުރެއް ލ. މާވަށުގައިވެސް ބާއްވާނެ އެވެ. މާވަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓަކު ވަނީ 525 ވޯޓުން އެއްވަރު ވެފައެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެވެ. މީގެ އިތުުރުން އެ ރަށުގެ ކައުންސިލް މެންބަރަކު ކަމަށް ކުރިމަތިލި ދެ ކެންޑިޑޭޓެއްގެ ވޯޓް އެއްވަރުވެފައިވާއިރު އެ ރަށު ފޮއްޓަށް ދާއިރާއިން ބޭރު މީހަކު ވޯޓްލާފައިވާކަން ކަށަވަރު ވުމުން އެ ރަށުގައި އަލުން އިންތިހާބު ބާއްވަން ޖެހެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. އުލިގަމާއި ނ. މަނަދޫ އާއި ރ. މާކުރަތު އާއި ބ. ކެންދޫ އާއި ވ. ފުލިދޫގެ އިތުރުން ލ. ކަލައިދޫގައެވެ.

އުލިގަމުގެ ދެ ކެންޑިޑޭޓުން 119 ވޯޓް އެއްވަރުވެފައިވާއިރު މަނަދޫގައި 106 ވޯޓުން ދެ ކެންޑިޑޭޓަކު ވަނީ އެއްވަރު ވެފައެވެ. ބ. ކެންދޫގައި 311 ވޯޓުން ދެ ކެންޑިޑޭޓަކު އެއްވަރު ވެފައިވާއިރު ވ. ފުލިދޫގައި 171 ވޯޓުން އަދި ލ. ކަލައިދޫގައި 181 ވޯޓުން އެ ދެ ކެންޑިޑޭޓަކު އެއްވަރުވެފައިވެއެވެ.

ގާދިއްފުށީގައި އަލުން ވޯޓް ނަގަނީ

ތ. ގާދިއްފުށީގައި އަލުން ވޯޓް ނެގުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެއީ ގާދިއްފުށީ ފޮއްޓަށް ދާއިރާއިން ބޭރު ދެ މީހަކު ވޯޓްލާފައިވާތީ އެވެ. އެ ދެ މީހުން ވޯޓްލާފައިވަނީ އެ ރަށު ކައުންސިލަށް ހާއްސަ ވޯޓް ކަރުދާސްކޮޅެއްގައެވެ. ގާދިއްފުށީގައި އަލުން ވޯޓް ނަގަން ނިންމީ އެ ރަށު ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދެ ގޮނޑިއަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ އަދި ތިންވަނަ ހޯދި ކެންޑިޑޭޓްގެ މެދުގައި ދެ ވޯޓްގެ ތަފާތު ހުރުމުންނެވެ.

އެއް ކެންޑިޑޭޓަކަށް 222 ވޯޓް އަދި އަނެއް ކެންޑިޑޭޓަށް 224 ވޯޓް ލިބިފައިވެއެވެ. ދެ ވޯޓް ތަފާތު ހުރުމުން އެ ރަށަށް ދާއިރާއިން ބޭރުން ވޯޓް ލީ ދެ މީހުންގެ ސަބަބުން ވޯޓްގެ ސައްހަކަން ވަނީ ގެއްލިފައެވެ.

ދެވަނަ ބުރު މެއި 1 ގައި

ޝަރީފް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓް ނެގުން މެއި މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާދަމާ އިންތިހާބުގެ ދެވަނަ ބުރު އިއުލާނު ކުރުމުން ކެންޑިޑޭޓުންނަށް ކެންޕެއިން ކުރެވޭނެ ކަމަށެވެ.

އަދި ދެވަނަ ބުރު ކުރިއަށް ގެންދާނީ އިންތިހާބުގެ ކުރީން ވަކި ތާރީހުތަކެއްގައި ކުރަން ޖެހޭ ކަންކަން ކޮށް ނިންމުމަށް ފަހު ކަމަށްވެސް ވިފާޅުވިއެވެ.