އެމްޑީޕީ

ހިޔާނާތާއި މަރުތަކުގެ ތުހުމަތު އޮތް މީހުންނަށް އެމްޑީޕީގެ އިންތިހާބުން ފުރުސަތެއް ނެތް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމާފައިވާ އެއްވެސް މީހަކަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

އެ ނިންމުން އައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލްވުމުގައެވެ.

ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މެންބަރުން ކަމަށް ބަޔާންކޮށް ގަރާރެއް ހުށައަޅާފައެވެ. އެ ގަރާރުގައި ބުނެފައިވަނީ ސަރުކާރުން އުފައްދާފައިވާ ދެ ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގުތަކާއި ގުޅިގެން ތުހުމަތު ކުރެވިފައިވާ މީހުންނާއި ފިޔަވަޅު އަޅައިދިނުމަށް އެދި ދައުލަތުގެ އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ އެއްވެސް މީހަކަށް އިންތިހާބުގައި ވާދަ ނުުކުރެވޭނެ ކަމަށެވެ.

އެއީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކެވެ. އެ ދެ ކޮމިޝަނުން ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި ރާއްޖޭގައި ހިންގާފައިވާ ގޮތް ނޭންގޭ މަަރުތަކާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތަކެވެ. އެ ދެ ކޮމިޝަންގެ ތަހުގީގުތަކުން އެމްޑީޕީގެ ބައެއް މެންބަރުންގެ މައްޗަށްވެސް ތުހުމަތުތައް އެބައޮތެވެ.

ބޮންޑެގެ ހުށައެެޅުމުގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ މީހުންނާއި އެފަދަ މައްސަލަތައް ސާބިތުވެފައިވާ މީހުންނަށްވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން މަރުގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ރޭޕް ކުރުން ފަދަ ކުށްތަކުގައި ތުހުމަތު ކުރެވި އަދި މައްސަލަ ސާބިތުވެފައިވާ މީހުން ހިމެނެއެވެ. އެފަދަ ކުށެއް ކޮށް އަދި ތަންފީޒު ކޮށްފައިވާ މީހަކުނަމަ ހުކުމް ނިމި ފަސް އަހަރުވެފައިވާ މީހުންނަށް ނޫނީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

މި ހުށައެޅުމުގައި ބުނެފައިވާ ގޮތުން އެފަދަ މީހަކު މަގާމަކަށް އިންތިހާބުވާ ފަހުން އެކަން އެނގިއްޖެނަމަ އެ މަގާމަކުން އޭނާ ވަކިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ހުށައެޅުން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް މިއަދު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް މެއި މަހުގެ އަށްވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ. އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެންބަރުންގެ ތެރެއިން ދާއިރާއަކަށް ވާދަ ކުރާނަމަ އެ ދާއިރާ އަކަށް ނިސްބަތްވާ އެމްޑީޕީގެ 50 މެންބަރުންގެ ސޮއި ހިމެނޭ ގޮތަށް ތާއީދު އޮތް ކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. އަދި ސިޓީއަކަށް ނުވަތަ ޕްރޮވިންސަކަށް ކުރިމަތިލައްވާނަމަ އެ ސިޓީއެއް ނުވަތަ އެ ޕްރޮވިންސެއްގައި ތިބޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 200 މެންބަރުންގެ ސޮއި ހިމެނޭ ގޮތަށް ތާއީދު އޮތް ކަން އަންގައިދޭ ލިޔުމެއް ހުށަޅަންޖެހެ އެވެ

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ވޯޓުލުން އޮންނާނީ މެއި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ވޯޓް ލާން އެއްވެސް ގައުމެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓާނެ އެވެ. އެކަމަކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާނެ އެވެ.

އިންތިހާބުގައި ވޯޓުލާން ފުރުސަތު ލިބޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވި މީހުނަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓެއް ވެސް މިއަދު އާންމު ކުރާނެ އެވެ. އެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

އެމްޑީޕީގެ ދާއިމީ ވޯޓާސް ލިސްޓް މެއި މަހުގެ ފަސްވަނަ ދުވަހު އާންމު ކުރާނެ އެވެ.