ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އެންމެ ގިނަ ބަޔަކު ވޯޓްލީ ފ، ދ، ތ އިން

ނިމިގެންދިޔަ ލޯކަަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެންމެ ގިނަ ބަޔަކު ވޯޓްލީ ފ. އަތޮޅާއި ދ. އަތޮޅު އަދި ވ. އަތޮޅުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

ނިމިގެންދިޔަ އިންތިހާބުގައި ވޯޓްލާފައި ވަނީ 65 ޕަސެންޓް މީހުނެވެ. އެ އިންތިހާބުގައި އެންމެ ގިނަ ބަޔަކު ވޯޓްލާން ނިކުތީ ފ. އަތޮޅުންނެވެ. އެ އަތޮޅުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 82 ޕަސެންޓް މީހުން ވޯޓްލާން ނުކުތެވެ. އެ އަތޮޅުން ނަތީޖާ ނިކުމެފައިވަނީ ވެސް އެހެން ހުރިހާ އަތޮޅަކާ މުޅީން ތަފާތު ކޮށެވެ. އެ އަތޮޅުން އެއްވެސް ބަޔަކަށް މެޖޯރިޓީ ލިބިފައެއް ނުވެއެވެ. އެމްޑީޕީ އާއި ޕީޕީއެމް އަދި އަމިއްލަ ކެންޑިޑޭޓުންނަށް ވެސް ވޯޓް ލިބިފައިވަނީ ވަރަށް ހަމަހަމަ ކޮށެވެ.

އިންތިހާބުގައި ދެން އެންމެ ގިނައިން ވޯޓް ދިނީ ދ. އަތޮޅުގެ ރައްޔިތުންނެވެ. އެ އަތޮޅުން 81 ޕަސެންޓް މީހުން ވޯޓްލާން ނުކުތެވެ. އަދި ވ. އަތޮޅުން 80 ޕަސެންޓް މީހުން ވަނީ ވޯޓްލާން ދިޔަ އެވެ.

އެންމެ މަދުން މީހުން ނުކުތީ ޅ. އަތޮޅުން

ލޯކަަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެންމެ މަދުން މީހުން ވޯޓްލާން ނުކުމެފައިވަނީ ޅ. އަތޮޅުންނެވެ. އެ އަތޮޅުން އެމްޑީޕީ އާއި ޕީޕީއެމުން ވެސް ވަނީ ގިނަ ގޮނޑިތަކެއް ހޯދާފަ އެވެ.

ނައިފަރުގެ އެންމެ ގޮނޑިއެއް ނޫނީ ހުރިހާ ގޮނޑިއެއް ހޯދީ ޕީޕީއެމުންނެވެ. ނަމަވެސް ހިންނަވަރާއި ކުރެންދޫގެ ސާފު މެޖޯރިޓީ ހޯދީ އެމްޑީޕީންނެވެ.

މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީ އާއި އައްޑޫ ސިޓީންވެސް ވޯޓްލާން ނުކުމެފައިވަނީ މަދު އަދަދެއްގެ ބައެކެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަނީ 804 ކެންޑިޑޭޓަކު ނެރުނެވެ. އޭގެ ތެރެއިން 400 ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. އެއީ މުޅި އިންތިހާބުގެ 43 ޕަސެންޓެވެ.

އެމްޑީޕީން ވަނީ ތިން ސިޓީގެ މޭޔަރުކަން ހޯދާފަ އެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އެވެ. ހަތަރު ސިޓީން ޖުމްލަ 18 ގޮނޑި ހޯދި އެވެ. އަދި 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސުންނަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މީގެ އިތުރުން އެމްޑީޕީގެ 155 ކެންޑިޑޭޓަކު ވަނީ ކައުންސިލް މެންބަރު ކަމަށް އިންތިހާބުވެފަ އެވެ. އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 142 ގޮނޑި ލިބެނީ ވެސް އެމްޑީޕީއަށެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން 71 ރަށެއްގެ މެޖޯރިޓީ ލިބެނީ އެމްޑީޕީ އަށެވެ.

ކައުންސިލް އިންތިހާބަށް ޕީޕީއެމުން ނެރެފައިވަނީ 646 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން 50 ޕަސެންޓް ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އެއީ 325 ގޮނޑިއެވެ. މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ 16 ގޮނޑި ޕީޕީއެމަށް ލިބެ އެވެ. އޭގެ ތެރޭގައި މާލޭގެ 11 ގޮނޑި ހިމެނެ އެވެ. ހަތް އަތޮޅެއްގެ ރައީސުންނަށް އިންތިހާބުވީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. އަދި ރަށު ކައުންސިލް ރައީސުންގެ 51 ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓުން ހޯދާފައި ވެއެވެ. ކައުންސިލްތަކުން 121 ގޮނޑި އެ ޕާޓީއަށް ލިބޭއިރު އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 129 ގޮނޑި ޕީޕީއެމަށް ލިބެއެވެ. ރާއްޖޭގެ 64 ކައުންސިލެއްގެ މެޖޯރިޓީ ޕީޕީއެމަށެވެ.

ޖުމްހޫރީ ޕާޓީން މި އިންތިހާބަށް ނެރެފައިވަނީ 115 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން 26 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކޮށްފައިވެއެވެ. މާލެ ސިޓީން ގޮނޑި އަކާއި ތިން ރަށެއްގެ ރަށު ކައުންސިލްގެ ރައީސަކަށް ހޮވިފައިވަނީ ވެސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނެވެ. މީގެ އިތުރުން ކައުންސިލްގެ ހަތް ގޮނޑި އާއި އަންހެނުންނަށް ހާއްސަކުރި 15 ގޮނޑިއެއްވެސް އެ ޕާޓީން ހޯދާފައިވެއެވެ. ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ ތިން ކައުންސިލެއްގައި އެބައޮތެވެ.

މި އިންތިހާބަށް އެމްޑީއޭއިން 20 ކެންޑިޑޭޓުން ނެރެ 16 ކެންޑިޑޭޓުން ކާމިޔާބު ހޯދާފައިވާއިރު އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން ނެރެ 13 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކޮށްފައިވެއެވެ.