ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

31 ރަށެއްގެ މެޖޯރިޓީ އަމިއްލަ ކެންޑިޑޭޓުންނަށް

Apr 25, 2021

ނިމިގެންދިޔަ ލޯކަަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. މިއީ އިންތިހާބެއްގައި އަމިއްލަ ކެންޑިޑޭޓުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

މިފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން 600 ކެންޑިޑޭޓުން ވާދަކުރިއިރު 173 ގޮނޑި ލިބެނީ އަމިއްލަ ކެންޑިޑޭޓުންނަށެވެ. އެއީ ސިޓީ ކައުންސިލްތަކުން ތިން ގޮނޑި އާއި ރަށު ކައުންސިލުގެ ރައީސުންގެ 36 ގޮނޑި އާއި ކައުންސިލް މެންބަރު ކަމުގެ 71 މަގާމެކެވެ. އަދި އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 62 ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓުންނެވެ.

މި ނަތީޖާއާއެކު 31 ރަށެއްގެ މެޖޯރިޓީ އޮތީ އަމިއްލަ ކެންޑިޑޭޓުންގެ އަތްމަތީގައެވެ. ދ. ރިނބުދޫގެ ހުރިހާ ގޮނޑިއެއް ހޯދާފައިވަނީ އަމިއްލަ ކެންޑިޑޭޓުންނަށެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ

  • އެމްޑީޕީއަށް 400 ގޮނޑި
  • ޕީޕީއެމްއަށް 325 ގޮނޑި
  • ޖުމްހޫރީޕާޓީއަށް 26 ގޮނޑި
  • އެމްޑީއޭއަށް 16 ގޮނޑި
  • އަދާލަތު ޕާޓީއަށް 13 ގޮނޑި
  • އަމިއްލަ ކެންޑިޑޭޓުންނަށް 173 ގޮނޑި

މި އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަދި އަމިއްލަ ކެންޑިޑޭޓުންނަ ށްވެސް މެޖޯރިޓީ ނެތް އަތޮޅުތަކެއް ވެއެވެ. އެއީ ފ. އަތޮޅާއި ގދ. އަތޮޅާއި ހއ. އަތޮޅާއި ހދ. އަތޮޅު އަދި ތ. އަތޮޅެވެ.

ގދ. ގެ ސާފު މެޖޯރިޓީ ނެތަސް ގިނައީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. ހއ. އާއި ހދ. ގައި ވަކި ބަޔަކަށް މެޖޯރިޓީ ނެތަސް ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ތ އަތޮޅުގެ ގިނަ ގޮނޑި ލިބެނީ ޕީޕީއެމަށެވެ.