ދީން

ފަރުލު ނަމާދުތަކަށް ފަރުވާތެރިވުން

ބަރަކާތްތެރި ރަމަޟާންމަހާ ގުޅިންގެ އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ ތަރާވީޙު ނަމާދާއި ދަމުނަމާދުގެ ވާހަކައެވެ. އެނަމާދުތައް ކުރާނޭ ގޮތާއި، ރަކުޢަތްތަކުގެ ޢަދަދުތަކުގެ ތަފްޞީލު ގިނަބަޔަކު އޮޅުން ފިލުވައި ހަދައެވެ. މި މާތް މައްސަރުގައި ރޭއަޅުކަމަށް ފަރުވާތެރިވެ، މި ދެނަމާދުވެސް އެންމެ ރެޔެއްވެސް ވައްޓައިނުލާ ކުރުމަށް ގިނަ ބަޔަކު ސަމާލުކަން ދެއެވެ. ބައެއް މީހުން ފަރުޟު ފަސްނަމާދަށް ނުދޭވަރުގެ ސަމާލުކަމަކާއި އަހަންމިޔަތެއް ދީގެން ތަރާވީޙު ނަމާދު ނުވަތަ ދަމުނަމާދު ކުރެއެވެ. އަނެއް ބަޔަކު ދަންވަރު ކުރެވޭ ދަމުނަމާދުގައި ބައިވެރި ވުމަށްފަހު، ނިދިބަރުވެގެން ފަތިސް ނަމާދުގެ ފަރުޟު އަދާ ނުކުރެވި ފާއިތުވެގެން ދިޔުމަށްވެސް މެދުވެރިވެއެވެ.

ކޮންމެ މުސްލިމަކުމެ އޭނާގެ ޙަޔާތުގައި އެންމެ އިސްކަންދޭން ޖެހޭނީ ދީނުގައި ފަރުޟު ކުރެއްވި އަޅުކަމަށެވެ. ސުންނަތްތައް އަންނަނީ އެއަށްފަހުއެވެ. ރަމަޟާންމަހާއި އެނޫން މައްސަރުތަކުގައިވެސް އެންމެ މުހިންމުވެގެންވަނީ ފަރުޟު އަޅުކަމެވެ. ފަރުޟު އަޅުކަން އަދާކުރުމަށް ހުރަސް އެޅޭގޮތަކަށް އެހެން ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވަކީން ޚާއްޞަކޮށް ސުންނަތް ނަމާދުތައް ކޮށްފައި ފަރުޟު ނަމާދު ނުކޮށް ދޫކޮށްލެވޭނަމަ އެއީ އެކަން އޮންނަޖެހޭ އުޞޫލާއި ހަމައިން ބޭރުވެވުނީއެވެ.

މިފަދަ އަނެއް މިސާލަކީ ނަމާދު ނުކުރާ މީހަކު ރަމަޟާންމަހުގެ ރޯދަ ހިފުމެވެ. ރަމަޟާންމަހު ރޯދަހިފުން މާތް ﷲ ވަނީ ފަރުޟު ކުރައްވާފައެވެ. އެހެންނަމަވެސް ޝަހާދަތުގެ ދެކަލިމަކިޔައި އީމާންވެއްޖެ ކޮންމެ މީހެއްގެ މައްޗަށް އެންމެ އިސްވެގެންވަނީ ފަރުޟު ފަސްނަމާދެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ ފަރުޟު ފަސްނަމާދުންނެވެ. އެހިނދު، އެނަމާދުގެ އަޅުކަމުން ފެއިލްވެއްޖެ މީހެއްގެ ދެންހުރި ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލު ނުކުރައްވާނޭކަމުގައި ޞައްޙަ ޙަދީޘްތަކުގައި ބަޔާންވެފައިވެއެވެ.

މާތް ﷲ ރުއްސުންލެވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ދިވާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ގެ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، ޤިޔާމަތްދުހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާމެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅު ވެއްޖެނަމަ، (އެބަހީ: ފުރިހަމަ ގޮތުގައި ރަނގަޅަށް ކޮށްފައި ވާނަމަ) އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެ ނަމާދު ފާސިދުވެއްޖެނަމަ، ފަހެ ހަމަކަށަވަރުން އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވާ ހުއްޓެވެ." (ރިވާކުރެއްވީ އަލްއިމާމުއްތިރްމިޛީ އެވެ.)

މިފަދަ އެހެން ޙަދީޘްފުޅެއްގައިވެއެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިމަން އިލާހު އަޅުތަކުންގެ މައްޗަށް ފަރުޟު ކުރެއްވި ކަމެއް ކޮށްގެން، ތިމަން އިލާހުގެ ޙަޟުރަތަށް ކުއްތަންވުމަށްވުރެ ވަކީން ބޮޑަށް އެކަމަކަށް ލޯބިވެގޮޑިގެންވާ ކަމެއް ނުވެއެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.) މި ޙަދީޘްގައި ބަޔާންކުރައްވަފައިވާ ގޮތުން، މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ފަރުޟު އަޅުކަންތަކެވެ. ފަރުޟު އަޅުކަންތަކަށްފަހު، ދެން ސުންނަތްތައް ކުރުމުގައި ދެމި ހުރެއްޖެ މީހެއްދެ މާތް ﷲ ލޯބިވެވޮޑިގަންނަވާނޭކަމުގައިވެސް މި ޙަދީޘްގެ ފަހުބައިގަވަނީ އަންގަވާފައެވެ.

ދީނުގެ ކަންކަމުގެ ތެރެއިން އިސްކަންދޭންވީ ތަރުތީބަކީ ކޮބައިތޯ ބުނެވިއްޖެނަމަ އޭގެ ޖަވާބު ވަރަށް ފަސޭހަވޭ ވަރަށް ސާފެވެ. މުސްލިމެއްގެ ހަޔާތުގެ ކަންކަން ތަރުތީބު ކުރެވެންޖެހޭ ގޮތަށް ބަލާއިރު އެންމެ އިސްކަން ދޭންޖެހޭ ކަންކަމަކީ ދީނުގެ ޢަޤީދާ އުނގެނި ދަސްކޮށް މާތް ﷲ ގެ އެއްކައުވަންތަ ކަމަށް އިޤުރާރުވާ ޙާލު އަޅުކަންކުރާ މީހަކަށްވުމަށެވެ. އެގޮތުން ދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތައް އުނގެނުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތަކެވެ. ހަމައެޔާއެކު، އަދާކުރަންޖެހޭ ވާޖިބުތަކުގެ ތެރެއިން އެންމެ އިސްވެގެންވާކަމަކީ ފަރުޟު އަޅުކަންތަކެވެ. އެއަށްފަހު ސުންނަތްތަކެވެ. ނަމަވެސް މީގެ މާނައަކީ ފަރުޟު އަޅުކަން އަދާކުރެވުންދެން ސުންނަތްތައް ނުކޮށް ދޫކޮށްލުމެއް ނޫނެވެ.

މި ބަރަކާތްތެރި ރަމަޟާންމަހު ހެޔޮ ޢަމަލުތައް ގިނަކުރުމަށް މަސައްކަތްކުރާށެވެ. އަދި ފާފަ ފުއްސަވައިދެއްވާތޯ ގިނަގިނައިން ދުޢާކުރާށެވެ.