މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާލެ ޖަލު އެނެކްސް އެކެއްގެ ގައިދީންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Apr 25, 2021

މާލެ ޖަލުގެ އެނެކްސް އެކެއްގައި ތިބި 13 ގައިދީއަކު ކޮވިޑް 19 ޕޮޒިޓިވް ވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ މާލެ ޖަލުގެ އެނެކްސް އެކަކުން އިއްޔެގެ ވަގުތެއްގައި ނެގި ސާމްޕަލްތަކުގެ ތެރެއިން 13 ގައިދީއަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ގައިދީން ތަކެއްް ޕޮޒިޓިވް ވުމާ ގުޅިގެން އެނެކްސް އެކެއް ލޮކްޑައުންކޮށް ކޮވިޑް 19އާ ގުޅޭ އުސޫލުތަކުގެ ދަށުން ކަނޑައަޅާފައިވާ ފިޔަވަޅުތައް އެތަނުގެ ތެރޭގައި އަޅާފައިވާ ކަމަށްވެސް ކަރެކްޝަނުން މައުލޫމާތު ދީފައިވެ އެވެ.

މާލެ ޖަލުގެ އެނެކްސް އެކެއް ހިންގަނީ ވިލާ ކޮލެޖާއި އިއްޒުއްދީން ސްކޫލުގެ ފުރަގަހުގައިވާ ބްލޮކްގަ އެވެ.

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި ކ. މާފުށި ޖަލުގައި މަސައްކަތް ކުރާ އޮފިސަރެއް މީގެ ތިން ދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަރެކްޝަނުން ހާމަކޮށްފައިވެ އެވެ. އަދި އެކަމާ ގުޅިގެން ވެސް ފިޔަވަޅުތައް އަޅައި، ރޭންޑަމް ސާމްޕަލް ނަގާފައިވެ އެވެ. އެކަމަކު އޭގެފަހުން ސާމްޕަލްތަކުގެ ނަތީޖާއާ މެދު ވަކި އެއްޗެއް ކަރެކްޝަނުން އަދި ބުނެފައެއް ނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލެ ޖަލުގައި ތިބި 32 ގައިދީ އަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ވެސް ފަރުވާ ދީފައިވެ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ޖަލުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ޖަލެއްގައި ވެސް އަޅާފައި ހުންނާނެ ކަމަށްވެސް ކަރެކްޝަނުން މީގެކުރިން ބުނެފައިވެ އެވެ.