ދުނިޔެ

ބައިޑަންއާ ޕޫޓިން މޭމަހު ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަންނަ މޭމަހު ބައްދަލު ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށް ރަޝިއާ ނޫސްތަކުން ބުނެފި އެވެ. ދެ ރައީސުންގެ ބައްދަލު ކުރެއްވުމަށް ތައްޔާރުވުމުގެ ގޮތުން ދެ ގައުމުގެ އޮފިޝަލުން ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ރަޝިއާ ސަރުކާގެ އޮފިޝަލަކު ނޫސްތަކަށް މައުލޫމާތު ދެއްވި ގޮތުން އެމެރިކާއިން އޮތީ ސިގްނަލެއް ދީފަ އެވެ. ރަޝިއާއިން އެކަމާ ވިސްނައި އަވަސް ތާރީހެއް ކަނޑައަޅާނެ ކަމަށް އެނާ ވިދާޅުވި އެވެ.

"ބައިޑަންގެ ކްލައިމެޓް ސަމިޓް ނިމިގެން ދިޔަ ގޮތުން ދެ ރައީސުން ބައްދަލު ކުރެއްވުން ކޮންމެހެން މުހިންމު ވެއްޖެ" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ މެދު ޕޫޓިން ހުށަހެޅުއްވި ޚިޔާލުތައް އެމެރިކާއިން ބަލައިގަތް ކަމަށާއި ދެ ގައުމުގެ ގުޅުމަށް ރަނގަޅު ބަދަލެއް އަންނާނީ ގިނަގިނައިން މަޝްވަރާ ކުރެވިގެން ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވީ ކްލައިމެޓް ސަމިޓްގައި ބައިވެެރިވެ ވަޑައިގަތުމަށް ބައިޑަން ޕޫޓިންއަށް ދައުވަތު ދެއްވުމަކީ ހެޔޮފާލެއް ކަމަށާއި ދެ ރައީސުން ބައްދަލު ކުރެއްވުމަށް އެމެރިކާއިން އިސް ނެގުމަކީ ވެސް ހެޔޮ ބަދަލެއް ކަމަށެވެ. ވަޒީރު ވިދާޅުވީ ރަޝިއާއިން އަބަދު ވެސް ވިސްނަނީ އެމެރިކާއާ ގާތް ގުޅުމެއް ބޭވުމަށް ކަމަށާއި ބައިޑަން އެޅުއްވި ފިޔަވަޅުތަކެއްގެ ސަބަބުން ހާލަތު ޚަރާބުވެފައި އޮތީ ކަމަށެވެ.

އެމެރިކާއާ ރަޝިއާގެ ގުޅުން މިއަހަރު ފެށުނީއްސުރެ އޮތީ މިލައި މޯޅިވެފަ އެވެ. ގުޅުން އިތުރަށް ގޯސްވީ 2020 ގައި އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒުފޯރުވި ކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނާތީ އެވެ. މޮސްކޯއިން މިކަމަށް އިންކާރުކުރި ނަމަވެސް ރަޝިއާއަށް ދަތި ކުރަން ފިޔަވަޅުތަކެއް އެމެރިކާއިން ވަނީ އަޅާފަ އެވެ. ރަޝިއާއިން ވެސް ރައްދުގައި އެމެރިކާއަށް އުނގަގޫތަކެއް ވަނީ ޖައްސާފަ އެވެ.