ލައިފްސްޓައިލް

މީހެއްގެ ދަބަހުގައި އޮތް ފޯނެއްގައި ރޯވެއްޖެ

މޯބައިލް ފޯނުގައި ރޯވާ ވާހަކަ ދޭތެރެ ދޭތެރެއިން އިވެ އެވެ. މީގެ ކުރިން ވެސް މި ކަހަލަ ހާދިސާތައް ހިނގާފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިކަހަލަ ގިނަ ހާދިސާތަކެއް ހިނގާނެ ކަމަށް ލަފާ ކުރެވެ އެވެ. މިހާރު އޮންލައިންގައި ދައުރުވާ އެއް ވީޑިއޯއަކީ މިގޮތަށް މީހެއްގެ ދަބަހުގައި އޮތް ފޯނެއްގައި ރޯވާ ތަން ފެންނަ ވީޑިއޯ އެކެވެ.

ޗައިނާގައި ހިނގި މި ހާދިސާގެ ވީޑީއޯގައި ފެންނަނީ އެ ގައުމުގެ ކާރުބާރު ބޮޑު މަގަކުން މީހަކު ހިނގާފައި ދަނިކޮށް ކުއްލިއަކަށް އެމީހާގެ ދަބަހުން ހުޅުފަޅައިގެން ދާ މަންޒަރެވެ. އެމީހާ ވަގުތުން ދަބަސް ނަގާ ބިންމައްޗަށް އެއްލާލާ ތަން ވެސް ވީޑީއޯ އިން ފެނެ އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓްގައި އެ މީހާ އާ ހަވާލާދީ ލިޔެފައިވާ ހަބަރެއްގައި ބުނެފައިވާ ގޮތުގައި އެމީހާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވުނެވެ. ދަބަހުގައި ރޯވީ އޭގެ ފަހުންނެވެ.

ފޯނު ގޮވުމުގެ ސަބަބުން އެމީހާގެ ވާއަތާއި ބޮލުގެ އިސްތަށީގަނޑު އަދި ލޮލުގެ އެސްފިޔަތައް ވަނީ އަނދާފަ އެވެ.
ރޯވި ފޯނަކީ އެމީހާ 2016 ގައި ގަނެފައިވާ ސެމްސަންގް ފޯނެކެވެ. އެ ފޯނުގެ ބެޓެރީގެ މައްސަލަތަކެއް އުޅޭ ކަމަށް އެމީހާ ބުނެފައި ވެއެވެ. ނަމަވެސް ފޯނުގައި ރޯވިއިރު އެ އޮތީ ޗާޖަށް ޖަހާފައެއް ނޫނެވެ.

ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ އަހަރު ހަމަ މިކަހަލަ ގޮތަކަށް އިންޑިޔާގެ ކެރެލާގެ މީހެއްގެ ފޯނުގައި ވެސް ރޯވި އެވެ. އެފަހަރު ރޯވި ފޯނު އޮތީ ޗާޖަށް ޖަހާފަ އެވެ. މި ހާދިސާގައި އެ މީހާއަށް އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކުރި ނަމަވެސް މާ ބޮޑު ގެއްލުމެއް ނުވެ އެވެ.

ޗަންދުރަ ބާބޫ ކިޔާ މި މީހާ ބުނި ގޮތުގައި ފޯނު ޗާޖަށް ޖަހާފައި ބާލީސް ދަށުގައި ބާއްވާފައި އެމީހާ އޮށޯތީ ނިދާށެވެ. އޭނާއަށް ހޭލެވުނީ ފޯނުގައި އަލިފާން ރޯވި އަޑަށެވެ.