ލައިފްސްޓައިލް

ކޮވިޑް ވެކްސިންގެ ބަދަލުގައި ކުއްތާ ވެކްސިން ދީފި

ކޮވިޑް-19 ވެކްސިން ޖަހަން ދިޔަ ބަޔަކަށް ޖަނަވާރުންގެ ގަޔަށް ޖަހާ ވެކްސިނެއް ޖެހިކަން ފަޅާ އަރައި ޗިލީގެ ސިއްހީ އިދާރާއިން އެ ގައުމުގައި މަސައްކަތްކުރާ ޖަނަވާރުންގެ ޑޮކްޓަރުންގެ ދެ ޑޮކްޓަރަކު ޖޫރިމަނާ ކޮށްފި އެވެ.

މި ދެ ޑޮކްޓަރުން ވަނީ އޮޅުވާލައިގެން 75 މީހުންނަށް ޖަނަވާރުގެ ވެކްސިން ޖަހާފަ އެވެ. އެ މިހުން މި އެންމެން ކައިރީ ވެސް ބުނީ މިއީ ކޮވިޑް-19 އިގެ ދިފާއުގައި ޖަހާ ވެކްސިން ކަމަށެވެ.

މިކަން ފަޅާ އެރީ ކަލަމާ ސިޓީގެ ވެޓެރެނެރީ ކްލިނިކެއްގައި މީހުން މާސްކް ނާޅާ އުޅޭކަމުގެ ހަބަރުތައް ލިބިގެން ސިއްހީ އިދާރާގެ އޮފިޝަލުން އެ ކްލިނިކަށް ގޮސް ބެލި ބެލުމުންނެވެ. މި ކްލިނިކްގެ މީހުން މާސްކް ނާޅާ އުޅެނީ އެމީހުން ތިބީ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްގެން ކަމަށް ބުނެފަ އެވެ.

މި ކްލިނިކުގައި އިސްކޮށް މަސައްކަތްކުރާ ޖަނަވާރުންގެ ޑޮކްޓަރު މާރިއާ ފާނަންޑާ މުނޯޒް ޗިލީގެ ޓީވީ ނެޓްވޯކަކަށް ދިން އިންޓަވިއުއެއްގައި އެއްބަސްވި ގޮތުގައި އޭނާ އަމިއްލައަށް ވެސް އެ ވެކްސިން ވަނީ ޖަހާފަ އެވެ. އަދި އެތައް ބަޔަކަށް ވެސް އެ ވެކްސިން ވަނީ ދީފަ އެވެ. އަދި ވެކްސިން ޖެހުމުން އޭނާ ބަލި ނުވާކަމަށް މުނޯޒް ބުނި ކަމަށް ވެއެވެ.

މި އެންމެން ގަޔަށް ވެސް މި ކްލިނިކުން ވެކްސިން ޖެހީ މިދިޔަ އަހަރު އެވެ. އޭރު ކޮވިޑް-19 އަށް ތައްޔާރުކުރި އެއްވެސް ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދައެއް ޗިލީން ދީފައެއް ނުވެ އެވެ.

"ހަގީގަތުގައި މި ކަމަކީ ވަރަށް ނުރައްކާތެރި ކަމެއް. ޖަނަވާރުންނަށް ޖަހަން ތައްޔާރު ކޮށްފައިވާ ވެކްސިނެއް އިންސާނުންގެ ގަޔަށް ޖަހައިގެން ކިތަންމެ ބޮޑު ސިއްހީ މައްސަލައެއް ވެސް ނުކުމެދާނެ. އެކަމާ ގުޅޭ އެއްވެސް ކަހަލަ ހޯދުމެއް މިހާތަނަށް ހޯދާފަކައެއް ނެތް. އަދި ޖަނަވާރުންގެ ވެކްސިން އިންސާނުންނަށް ދިނުމަކީ ކަނޑައެޅިފައި އޮންނަ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ޚިލާފު ކަމެއް،" ޗިލީގެ އަންޓޯފަގަސްޓާ ޕްރޮވިންސްގެ ޑެޕިއުޓީ ހެލްތު ސެކްރެޓަރީ ރޮޒާނާ ޑިއާޒް ވިދާޅުވި އެވެ.

މި ވެޓެރެނެރީ ކްލިނިކްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހަކީ ވެސް ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން ބައްޔެކެވެ. ބެލެވޭ ގޮތުގައި މި ކްލިނިކުން ޖަނަވާރުންގެ ވެކްސިން އިންސާނުންނަށް ދީފައި ވަނީ ކަނޑައެޅިގެން އެނގިހުރެ އެވެ. އަދި އެމީހުން ގަބޫލުކުރާ ގަބޫލުކުރުން ތަކެއްގެ މައްޗަށް ބިނާ ކޮށެވެ.

ޑައިޒް ބުނި ގޮތުގައި ޖަނަވާރުންގެ ޑޮކްޓަރެއް ކަމަށްވާ ކާލޯސް ޕަރްޑޯ ވެސް ޖަނަވާރުންގެ ވެކްސިން އިންސާނުންގެ ގަޔަށް ޖެހުން ޕްރޮމޯޓް ކޮށް ވާހަކަ ދައްކަ އެވެ.

މިކަމާ ގުޅިގެން ޗިލީގެ ހެލްތު ޑިޕާޓްމަންޓުން ވަނީ ޕަރްޑޯ އާއި މުނޯޒް ޖޫރިމަނާ ކޮށްފަ އެވެ. ޕަރްޑޯ ޖޫރިމަނާ ކުރީ 9،200 ޔޫއެސް ޑޮލަރާ އެއްވަރުގެ ޗިލީ ފައިސާ އިންނެވެ. އަދި މުނޯޒް ޖޫރިމަނާކުރީ 10،300 ޔޫއެސް ޑޮލަރާ އެއްވަރުގެ ޗިލީ ފައިސާ އިންނެވެ.

މި ހާދިސާ ހިނގިކަން ފަޅާ އަރާފައި މިވަނީ މީގެ ދެ ހަފުތާ ކުރިން އިންޑިޔާގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. އުއްތަރު ޕްރަދޭޝްގައި ހުންނަ ސަރުކާރު ހޮސްޕިޓަލަކުން ވަނީ ކޯވިޑް ވެކްސިން ކަމަށް ބުނެ އެންޓި-ރޭބީޒް އިންޖެކްޝަނެއް އަންހެނެއްގެ ގަޔަށް ޖަހާފަ އެވެ.