ފޮރިން މިިނިސްޓްރީގެ އިމާރާތް ސަރުކާރާ ހަވާލުކުރި ނަމަވެސް އެ އިމާރާތުގައި މަސައްކަތް ފެށިފައި ނުވަނީ ވަގުތީ އިމާރާތުގައި ހުރި ތަކެތި ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީއާއި ބައެއް ވަސީލަތްތައް ގާއިމުކުރެވިފައި ނުވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިނިސްޓްރީގެ އަސްލު އިމާރާތަށް ބޭނުންވާ ބައެއް ތަކެތި ހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އޮފީހުގެ އެތެރޭގައި އަޅަންޖެހޭ ނެޓްވޯކް ކޭބަލްތައް އެޅުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.
މިއުވާން ވިދާޅުވީ އަސްލު އިމާރާތައް މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކޮށް ހިދުމަތް ފަށައިގަނެވޭނެ ވަކި ތާރީހެއް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ އިމާރާތުގެ ހިދުމަތް ފެށުމަށް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތް އެއްކޮށްހެން މަރާމާތު ކުރަންޖެހުމާ ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތްތައް މިހާރު ކުރިއަށް ދަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހަދާފައިވާ ވަގުތީ އިމާރާތެއްގަ އެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރީވެސް ޗައިނާ ސަރުކާރުގެ އެހީގައި ޗައިނާގެ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ނިންމާލުމަށްފަހު އެ އިމާރާތް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. މަރާމާތުގެ މަސައްކަތް ފެށީ 2019 އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.