މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި އެވެ.
އިފްހާމުގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
އިފްހާމުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެ އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރުން 26 އަހަރުގެ އިފްހާމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ޕެސްޓް ހައްޔަރުކުރީ 2.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެވެ. އޭނާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މީހަކު ހައްޔަރު ކޮށްފައިވެ އެވެ.
ޒުވާނުންގެ މެދުގައި މަގުބޫލް ސިމްބޮލިކް ރެކޯޑްސްއަށް ނިސްބަތްވާ އިފްހާމު މަޝްހޫރީ ރާއްޖޭގެ ރެޕް ކިންގްގެ ގޮތުގަ އެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރު ކަން ހޯދީ 2011 ވަނަ އަހަރު "ރީތި ކުދިން" ގެ ނަމުގައި އޭނާ ކިޔާފައިވާ ރެޕް ލަވައިންނެވެ.